ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނުގައިވާ ދިވެހިބަހުގެ އެކެޑަމީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފި

ދިވެހިބަސް ދިރޭ ބަހަކަށްވާއިރު، ބަސް ވިހަންޖެހޭ ކަމަށާއި ބަސް ވިހެއުމުގެ ހަމަތަކެއް ގެންގުޅެންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި

ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނުގައިވާ ދިވެހިބަހުގެ އެކެޑަމީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވައި، އެ ޤާނޫނުގައިވާ ގޮތުގެ މަތިން އެ މުއައްސަސާއަށް 5 މެންބަރުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.
ނޭޝަނަލް އާޓް ގެލެރީގައި ރޭ 10 ޖެހިއިރު ބޭއްވެވި ރަސްމިއްޔާތެއްގައި، ދިވެހިބަހުގެ އެކެޑަމީއަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރެއްވި 5 ބޭފުޅުންނަކީ، ގ.ނައިފަރު ނުޢުމާ ޢަބްދުއްރަޙީމާއި، މ.މަގުމަތީގޭ ރާފިޢާ ޢަބްދުލްޤާދިރާއި، ހުވަދުއަތޮޅު ދެކުނުބުރީ ފަރެސް މާތޮޑާ ހުސްނުހީނާގޭ މުޙަންމަދު ޢާމިރު އަޙްމަދާއި، އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ދަނބު ސުތުލިގޭ ޒީނަތު އަޙްމަދާއި، ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ލިލީމާގޭ އަޝްރަފް ޢަލީއެވެ.
މިބޭފުޅުންނާ މަގާމުގެ ލިޔުން ޙަވާލުކުރެއްވުމަށްފަހު، މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިބަހުގެ އެކެޑަމީއަށް އެމަނިކުފާނު ޢައްޔަން ކުރެއްވި ބޭފުޅުންނަކީ، މީގެކުރީގައި ޢާންމުކޮށް ދިވެހިބަހުގެ ފުންނާބު އުސް ބޭފުޅުންގެ ގޮތުގައި އެހާ ބޮޑަށް ފާހަގަވެފައިވާ ބޭފުޅުން ނޫން ކަމަށް ވިދާޅުވިއެވެ. އަދި އެކެޑަމީ އެކުލަވާލެއްވީ، މިޒަމާނުގެ ޢިލްމު ލިބިވަޑައިގެން ތިއްބެވި، ދިވެހިބަސް ދިރުވުމުގެ ޝައުޤުވެރިކަން ގެންގުޅުއްވާ ބޭފުޅުންގެ މައްޗަށް ކަމަށާއި، މިގޮތުން، އެކެޑަމީއަށް ކަނޑައެޅުއްވި ބޭފުޅުންނަކީ، ދިވެހިބަސް ދިރުވުމަށް އެންމެ އެކަށީގެންވާ ބޭފުޅުން ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެކެޑަމީއަށް ބޭފުޅުން ޢައްޔަން ކުރެއްވުމުގެ މަސައްކަތުގައި، ދިވެހިބަހުގެ މުދައްރިސެއް ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިވަޑައިގެންފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިބަސް މުއްސަނދި ކުރުމަކީ، ދިވެހިވަންތަ ކަމަށާއި، ދިވެހިރާއްޖޭގެ ތަރައްޤީއަށް ކޮންމެހެން ބޭނުން ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ދިވެހިބަހަކީ މުއްސަނދި ކުރެވެން އޮތް ބަހެއް ކަމަށާއި، ސަރުކާރުގެ އެންމެބޮޑު އަމާޒަކަށްވާނީ، ދިވެހިބަސް މުއްސަނދި ކުރެއްވުން ކަމުގައި ވިދާޅުވިއެވެ.
ދިވެހިބަސް މުއްސަނދި ކުރުމުގައި ގެންގުޅެންވީ ވިސްނުންތަކެއް އެބަހުރިކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރައްވަމުން، ދިވެހިބަސް ދިރޭ ބަހަކަށްވާއިރު، ބަސް ވިހަންޖެހޭ ކަމަށާއި، ބަސް ވިހެއުމުގެ ހަމަތަކެއް ގެންގުޅެންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ދިވެހިބަސް ކުރިއެރުވުމަށް އޮތް އަނެއް ފުރްޞަތަކީ، ބިދޭސީ އެކިއެކި ވިސްނުންތައް، ދިވެހިބަހަށް ގެނައުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން، ދިވެހިބަހުގެ އެކެޑަމީގެ މަސައްކަތްތައް ވީހާވެސް އަވަސް މިނެއްގައި، އަދި ހުޅުވިގެންވާ ވިސްނުމެއްގައި ގެންގޮސްދެއްވުމަށް ދިވެހިބަހުގެ އެކެޑަމީގެ ބޭފުޅުންގެ އަރިހުން އެދިވަޑައިގެންނެވިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނުގައިވާ ގޮތުން އެކެޑަމީގެ 5 މެންބަރުންގެ ތެރެއިން ރައީސާއި ނައިބު ރައީސް ފިޔަވައި އަނެއް 3 މެންބަރުންނަކީ ޕާޓްޓައިމް މެންބަރުންނެވެ. ރައީސާއި ނައިބު ރައީސް ހޮވޭނީ، މެންބަރުންގެ މެދުގައި ބޭއްވޭ ސިއްރު ވޯޓަކުން އެކެޑަމީގެ ޖުމްލަ މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.
ދިވެހިބަހުގެ އެކެޑަމީގެ މަސްއޫލިއްޔަތުތައް ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ބައެއް މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ދިވެހިބަސް ޙިމާޔަތްކޮށް ތަރައްޤީ ކުރުމަށްޓަކައި މަސައްކަތް ކުރުމާއި، ދިވެހިރާއްޖޭގެ އިދާރީ ހިންގުމާއި، ވިޔަފާރިއާއި، ތަޢްލީމާއި، އެހެނިހެން ޢާންމު މުޢާމަލާތުތަކުގައި އެންމެ ބޮޑަށް ބޭނުންކުރާ ބަހަކީ ދިވެހިބަސް ކަމުގައި ދަމަހައްޓައި، ދިވެހިބަސް ފެތުރުމާއި، ދިވެހިބަސް ބޭނުންކުރަންޖެހޭ ހަމަތަކާއި އުޞޫލުތައް ކަނޑައަޅައި، ބަހުގެ ޤަވާޢިދު އެކުލަވާލައި، މިކަންކަން ޢާންމުކޮށް ފެތުރުން ހިމެނެއެވެ. އަދި ރާއްޖޭގައި ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ސަރުކާރުން ކަނޑައަޅާ ދުވަސްތަކުގެ ތެރެއިން ދިވެހިބަހާއި އަދަބިއްޔާތާއި، ޘަޤާފަތާއި، ތަރިކައާ ބެހޭގޮތުން ފާހަގަކުރަންޖެހޭ ދުވަސްތައް ފާހަގަކުރުމާއި، ދިވެހިބަސް ފޮތްތައް އެކުލަވާލައި، ޝާއިޢު ކުރަމުން ގެންދިޔުމާއި، ދިވެހިބަހާއި ތާރީޚާބެހޭ ޢިލްމީ ދިރާސާތަކާއި، ޢިލްމީ ޙަރަކާތްތައް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާ ގުޅިގެން ހިންގުން ހިމެނެއެވެ.
މި ޤާނޫނުގައިވާ ގޮތުން ދިވެހިބަހުގެ ޤަވާޢިދާއި ހަމަތަކާ ބެހޭގޮތުން އެންމެފަހު ބަސް ބުނާ ފަރާތަކީ ދިވެހިބަހުގެ އެކެޑަމީއެވެ. އަދި ދިވެހިބަހުގެ ގަވާއިދާއި ހަމަތަކާ ބެހޭގޮތުން ބުނާ އެންމެފަހު ބަސް އެއީ އެކެޑަމީގެ ބަހެއް ކަމަށްވާނީ، އެކެޑަމީގެ ރަސްމީ ލެޓަރހެޑްގައި ލިޔެ، އެކެޑަމީގެ ރައީސް ސޮއި ކުރައްވައި، އެކެޑަމީގެ ތައްގަނޑު ޖަހާފައިވާނަމައެވެ. އަދި ދައުލަތުގެ އެންމެހާ މުޢާމަލާތްތަކެއްގައި ދިވެހިބަހާ ބެހޭގޮތުން އެކެޑަމީއިންދޭ ލަފައަށް ހުރިހާ ފަރާތްތަކަކުންވެސް އިޙްތިރާމް ކުރަންވާނެ ކަމަށް މިޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ދިވެހިބަހުގެ އެކެޑަމީ އިފްތިތާޙް ކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތު ތަޢާރުފް ކުރެއްވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ، ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދެވެ. މި އެކެޑަމީއަށް ޢައްޔަން ކުރެއްވި ބޭފުޅުންގެ ކުރު ތަޢާރުފެއް ދެއްވީވެސް އޭނާއެވެ.