1 ޖޫން 2010
ސަރުކާރަށާއި، އެމްޑީޕީއަށް މިހާރު އެންމެ ދަތިވެފައިވާ ކަމަކީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ސާފު އަޣްލަބިއްޔަތު ނެތުން ކަމަށާއި އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ޑީއާރުޕީގެ މެންބަރަކާއި ޕީއޭގެ މެންބަރަކު އެމްޑީޕީއަށް ގެންނަވާފައިވާނޭ ކަމަށް މާލޭ މުނިސިޕަލްޓީގެ ރައީސް (ސަރަނގު) އާދަމް މަނިކު ވިދާޅުވެއްޖެއެވެ. ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި އެޕާޓީގެ އާންމު ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އާދަމް މަނިކު ވިދާޅުވީ ކަންބޮޑުވާންޖެހޭ ކަންކަމުގައި އަޑުގަދަ ކުރުމުގެ ބަދަލުގައި އާދަމް މަނިކު އަބަދުވެސް މަސައްކަތްކުރައްވަނީ އެކަމަކަށް ހައްލެއް ހޯއްދެވުމަށް ކަމަށާއި މިކަމަކީ އެގޮތުން ކުރެއްވި ކަމެއްކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ދެން އަންނަ ދައުރެއް ފެށޭއިރު މަޖިލީހުގައި އޮންނާނީ އެމްޑީޕީގެ އަޣްލަބިއްޔަތުކަމަށް އާދަމް މަނިކު ވިދާޅުވިއެވެ. އާދަމް މަނިކު އިތުރަށް ވިދާޅުވީ ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ބިލުގައި މާލޭގެ ކައުންސިލްތައް އުފެއްދުމުގެ ބިލް މިހާރު ފާސްވެފައިއޮތްގޮތުން މާލެއަށް ވަރަށް ބޮޑެތި މައްސަލަތައް އެބަހުރިކަމަށާއި ލިބެންޖެހޭ އެތައް ހައްޤުތަކެއް ނުލިބި އެބަހުރިކަމަށެވެ. އަދި މިހާރުވެސް މާލޭގެ މުނިސިޕަލްޓީގެ ރައީސްގެ މަޤާމުގައި އިންނަވަނީ މާހިތްހަމަޖެހިގެން ނޫންކަމަށާއި، ކުރީންސުރެ މާލޭގެ ކަންތައް ހިންގަމުން އައިގޮތުގެ ސަބަބުން ދުވާލަކު އެތައް ބައެއްގެ ޝަކުވާ ލިބެމުންދާ ކަމުގައެވެ. މިކަންކަމާއިމެދު މަޖިލީހުގައި ތިއްބެވި މާލެގެ ދާއިރާތަކުގެ އެމްޑީޕީގެ 7 މެންބަރުން އިތުރަށް ވިސްނާވަޑައިގެން މާލޭގެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރެއްވުމަށްވެސް އާދަމް މަނިކު އެމެންބަރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ. ރައްޔިތުންގެ މަޖިލީހުގައި ގުޅިގެން މަސައްކަތްކުރުމަށް ލޭބަރ ޕާޓީއާއި އެމްޑީޕީއާ ދެމެދުވީ އެއްބަސްވުމަށްފަހު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް އާދަމް މަނިކުވަނީ ޑީއާރުޕީގެ މެންބަރަކާއި، ޕީއޭގެ މެންބަރަކު އެމްޑީޕީއާ ގުޅިވަޑައިގެންފައިވާ ކަމުގައި ވިދާޅުވެފައެވެ. ނަމަވެސް އެއީ ކޮން ދެ ބޭފުޅުންނެއް ކަމެއް އާދަމް މަނިކު ވިދާޅެއް ނުވެއެވެ.