އިބްރާހީމް ރާމިޒް
އިދިކޮޅު ފަރާތްތަކުން އަވައްޓެރި، ރަހުމަތްތެރި ގައުމުތަކަށް ވަގަށް ގޮވުމަކީ އެމްޑީޕީ، ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް އެ ޕާޓީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ވެބްސައިޓަށް މަޢުލޫމާތު ދެއްވަމުން މޫސަ މިއަދު ވިދާޅުވީ ރާއްޖޭގެ މަސްކަނޑުތަކުން އަވައްޓެރި ސްރީލަންކާގެ މަސްބޯޓުތައް ވައްކަންކުރުމަށް، މަގު ފަހިކޮށްދިނުމަށް ސަރުކާރުން އެ ގައުމާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް، އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަކީ ވަރަށް ޒިންމާދާރުކަންކުޑަ ވާހަކަތަކެއް ކަމަށެވެ.
“އަވައްޓެރި ހުރިހާ ގައުމަކީ ވެސް، މިއަދު މި އޮތް ލާމެހިފައިވާ ދުނިޔޭގައި، އެ ގައުމުތަކާ ނުލާ ނޫޅެވޭނޭ ގައުމުތަކަކަށް ވާއިރު، އިދިކޮޅު ފަރާތްތަކުން ކަންކަމުގެ ޙަޤީޤަތް ބެލުމުގެ ބަދަލުގަ، ޙަޤީޤަތް އޮޅޭގޮތަށް ވާހަކަދައްކައި، ލަންކާ ފަދަ އަވައްޓެރި ގައުމަކަށް ވަގަށް ގޮވުމަކީ ވަރަށް ސީރިއަސް ކަމެއް. އަޅުގަނޑުމެން އެކަމާ ކަންބޮޑުވާންޖެހޭ ކަމެއް އެއީ.” މޫސަ ވިދާޅުވިއެވެ.
މޫސަ އިތުރަށް ވިދާޅުވީ “އަދި މިހާތަނަށް އިދިކޮޅު ފަރާތްތަކުން އެ ބުނާ ފަދަ އެއްބަސްވުމެއް ދެ ގައުމުގެ ދެމެދުގަ ވެފަ އޮތް ކަމެއް އެނގެނީކީއެއް ވެސް ނޫން” ކަމަށާއި، ސަރުކާރުން މިފަދަ އެއްބަސްވުމެއްވެ، އެ އެއްބަސްވުމެއްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ނުވަތަ އިސްތިޤްލާލަށް ލޮޅުންއަރާ ކަމަށް ވާނަމަ އެމްޑީޕީން ވެސް އެކަމުގެ ޙަޤީޤަތް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނޭ ކަމަށެވެ. އެހެން ނަމަވެސް ދިވެހި މަސްވެރިންނަށް ގެއްލުންވާފަދަ ކަމެއް ސަރުކާރުން ކޮށްފާނޭ ކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށް މޫސަ ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުގެ މި ތުހުމަތުތަކާ ގުޅިގެން، ސަރުކާރުން ބުނެފައިވަނީ ލަންކާގެ މަސްބޯޓުތަކަށް ދިވެހި މަސްކަނޑުތަކަށް ވަނުމުގެ ހުއްދަ ދީ، އެފަދަ އެއްބަސްވުމެއް، ވެފައި ނުވާނޭ ކަމަށާއި، އެހެން ނަމަވެސް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އެގައުމުގެ ބޯޓުތަކަށް ރާއްޖޭގެ ކަނޑު ހުރަސްކުރެވޭނެ ފަސޭހަ ގޮތްތަކެއް ހޯދައިދިނުމާ ގުޅޭ ގޮތުން، ދިވެހި ސަރުކާރުން، ލަންކާ ސަރުކާރާ މަޝްވަރާ ބަދަލުކޮށްފައިވާ ކަމަށެވެ.