1 ޖޫން 2010
ސީރިޔާގައި މީގެ އަހަރުތަކެއްކުރިން ޖަލަށްލާފައިވާ ދިވެހިންގެ ބަޔަކު ރާއްޖެގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ އޮފް ފޮރިންގ އެފެއަރޒް ޑރ. އަޙުމަދު ޝަހީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރޭ އެމްޑީޕީ ހަރުގޭގައި އޮތް އެޕާޓީގެ އާންމު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޑރ. ޝަހީދު ވިދާޅުވީ އެމަނިކުފާނު ވަރަށް އަވަހަށް ސީރިޔާއަށް ދަތުރުފުޅެއް ކުރައްވާނެ ކަމަށާއި، މި ދަތުރުފުޅުގެ އެންމެ ބޮޑު ބޭނުންފުޅަކީ އެޤައުމުގެ ޖަލެއްގައި ބަންދުވެފައި ތިބޭތާ އަހަރުތަކެއްވެފައިވާ ދިވެހި ބަޔަކު ރާއްޖެގެނައުން ކަމަށާއި އިރާދަކުރެއްވިއްޔާ އެމީހުން ރާއްޖެ ގެންނަވައި އެމީހުންގެ އާއިލާތަކާ ހަވާލުކުރައްވާނެކަމަށްވެސް ޑރ. ޝަހީދު ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ޑރ. ޝހީދު ވިދާޅުވީ މިހާރު މިއޮތް ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ ވަރަށް ހަރުދަނާ، ވަރަށް ހާމަކަން ބޮޑު، އަދި ވަރަށް ކެރިގެން ހިންގާ ސިޔާސަތުތަކެއް ކަމަށެވެ. ރާއްޖޭގައި މިހާރު މިއޮތް ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ ބަޔަކު ކިތަންމެ ބޭނުންވެގެން ކިތަންމެ ވަރަކަށް މަސައްކަތްކުރިނަމަވެސް ހަލާކުކޮށްލެވޭނެ ސިޔާސަތެއް ނޫން ކަމަށް ޚާރިޖީ ވަޒީރު ޑރ. އަޙްމަދު ޝަހީދު ވިދާޅުވިއެވެ.
ޕީއޭއިން މިހާރުގެ ސަރުކާރަކީ ދޮން މީހުން ރުއްސަން މަސައްކަތްކުރާ ސަރުކާރެއްކަމަށް ބުނެފައިވާކަމަށާއި، އދގެ ހިޔުމަން ރައިޓްސް ކައުންސިލްގެ ގޮނޑިއަށް ރާއްޖެއިން ކުރިމަތިލުމުން 185 ޤައުމު ރާއްޖެއަށް ތާޢީދުކޮށްފައިވާ ކަމަށާއި އެއީ ހުސްއެކަނި ދޮންމީހުންތޯ ޑރ ޝަހީދު ސުވާލުކުރެއްވިއެވެ. މީގެ އިތުރުން މިދިޔަހަފްތާގައި މުސްލިމް، މުއްސަނދި މެދުއިރުމަތީގެ ޤައުމެއްކަމަށްވާ ޔުނައިޓެޑް އެރެބް އެމިރޭޓްސް (އެކުވެރި އަރަބި އިމާރާތު) އިން އެޤައުމުގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވުމަށް އެދިވަޑައިގެންފައިވާއިރު އެއީ ޕީއޭ އިން އެމާނަކުރާ ދޮންމީހުންތޯ ޑރ.ޝަހީދު ސުވާލުކުރެއްވިއެވެ.
ޕީއޭ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ޝަރީފް އާދަމް ވަނީ މިސަރުކާރުން ގެންގުޅޭ މައިގަނޑު ސިޔާސަތަކީ ދޮންމީހުން ރުއްސުމުގެ ސިޔާސަތުކަމަށް ބުނެފައެވެ. އަދިސަރުކާރުންކުރާ ހުރިހާ މަސައްކަތެއް މައިގަނޑު ގޮތެއްގައި ބިނާވެފައި އޮތީ ރައީސުލް ޖުމްހޫރިއްޔާ ކެމްޕޭން ދުވަސްވަރު ރައްޔިތުންނަށް ވެލެއްވި ވައުދުތަށް ފުއްދުމުގެ ބަދަލުގައި، ބޭރުގެ ދޮންމީހުން ރުއްސުމުގެ މަސައްކަތްތަކަށް ކަމަށް އޭނާވިދާޅުވިއެވެ.
ކުރީގެ ރައީސް މައުމޫނަށް ކްލިންޓަން ފައުންޑޭޝަނުގެ ބައްދަލުވުމަކަށް ވަޑައިގަތުމަށް ދަޢުވަތު ލިބިވަޑައިގަތުމާ ގުޅިގެން އެކަން މާބޮޑު ކަމަކަށް ހަދައިގެން ޑީއާރުޕީއިން މީޑިއާގައި އެވާހަކަދައްކަމުންދާދިއުމާ ގުޅިގެން، ޑރ. ޝަހީދު ވިދާޅުވީ ކްލިންގޓަން ފައުންޑޭޝަނުން އިންތިޒާމުކުރާ ތިމާވެށީގެ ބައްދަލުވުމަށް ވަޑައިގަތުމުގެ ދައުވަތު ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވާކަމަށާއި ނަމަވެސް އެއީ “އެހާބޮޑު” ކަމެއްގެ ގޮތުގައި ސަރުކާރުން ނަގައި އިއުލާނު ކުރަން ބޭނުންނުވާ ކަމުގައެވެ.
ޑރ.ޝަހީދަކީ އެމްޑީޕިއާ ގުޅިވަޑައިގަތީއްސުރެ ވަރަށް ފަރުވާތެރިކަމާއެކު އެމްޑީޕީގެ ހަރުގޭގައި ބާއްވާ ޖަލްސާތަކަށް ވަޑައިގަންނަވާ ބޭފުޅެކެވެ. އަދި ހަރުގޭގައި ޑރ.ޝަހީދު ދައްކަވާ ވާހަކަފުޅުތަކާ ޑރ.ޝަހީދުގެ ޙިކުމަތްތެރި ޚާރިޖީ ސިޔާސަތުގެ ސަބަބުން، އެމްޑީޕީގެ މެންބަރުންގެ މެދުގައި ޑރ.ޝަހީދުގެ މަޤްބޫލުކަން ވަރަށް ބޮޑަށް އިތުރުވަމުންދާކަން ވެސް ވަނީ ފާހަގަކުރެވިފައެވެ.