ސީޝެލްސް އާއި ރާއްޖެއާ ދެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުން ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިހާރު ސީޝެލްސް އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީޙުގެ ބައެއް މެންބަރުން ސީޝެލްސްގެ ޕާލަމެންޓްގެ ނައިބު ރައީސާ ބައްދަލުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި 2 ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި މިހާރުކުރެވެމުންދާ މަސައްކަތްތަކާއި، މަޖިލިސްކުރިޔަށް ގެންދިއުމުގައި ހުރި ގޮންޖެހުންތަކާއި، އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތަކާއި ބެހޭ ގޮތުން މައުލޫމާތު ބަދަލުކުރެވުނެވެ.
މިއަދު ހެނދުނު ބޭއްވި މި ބައްދަލުވުމުގައި އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކާއި، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ އަމީން އާންމުގެ ނައިބު އަދި ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ގަސަމް އާއި، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ވިޕް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.