ސީޝެލްސްއަށް ކުރައްވާ ދަތުރުފުޅުގެ ސަބަބުން ރާއްޖެއަށާއި، ރާއްޖޭގެ ރައްޔިތުންނަށް ކިތަންމެ ފައިދާތަކެއް ލިބިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

hep

ސީޝެލްސްއަށް މިކުރައްވާ ދަތުރުފުޅުގެ ސަބަބުން އުފެދޭ އިތުރު ގުޅުމުން، ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ކިތަންމެ ފައިދާތަކެއް ލިބިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސީޝެލްސްއަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ސީޝެލްސްގެ ޕްރަލަން އައިލެންޑްގައި ހުންނަވައިގެން މިއަދު ދެއްވި ހަފްތާގެ ރޭޑިއޯ ޚިޠާބުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިއޯ ޚިޠާބުގައި، ސީޝެލްސްއަކީ ރާއްޖެއާ ވަރަށް ގާތުގައި އޮތް ޤައުމެއްކަން ފާހަގަކުރައްވަމުން، ސީޝެލްސްގެ އިޤްތިޞާދާއި މާލިއްޔަތުގެ ކަންކަން ރޭވެމުން އަންނަގޮތް ބަލައި، ދެނެގަނެ، ދަސްކުރުމަކީ، ރާއްޖެއަށް އޭގެ އެތައް ފައިދާއެއް ލިބޭނެ ކަމެއް ކަމުގައި ވިދާޅުވިއެވެ. ހަމައެހެންމެ، ސީޝެލްސްގެ މަސްކަނޑުތަކުގައި މަސްބޭނުމާއި، ޓުއަރިޒަމްގެ މަސައްކަތާއި، އެނޫންވެސް އެހެން ކަންކަމުގައި، ދިވެހިންނާއި ދިވެހިރާއްޖެއާއި، ދިވެހި ސަރުކާރުން ސީޝެލްސް ސަރުކާރާ ގުޅިގެން ހިންގެންހުރި ކަންތައްތަކަކީ ކޮބައިތޯ، މިދަތުރުފުޅުގެ ސަބަބުން ދެނެގަނެވޭނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިއޯ ޚިޠާބުގައި، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި، ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމް އިއްޔެ ކުޅުނު މެޗްގައި، މޮރިޝަސްއާ ބައްދަލުކޮށް، އެއްލަނޑު އެއްލަނޑުން އެއްވަރުވި މެޗަށް ބައްލަވާލައްވަމުން، މި މެޗްގައި ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމް، ވަރަށް ފުރިހަމަ ކުޅިމެއް ދެއްކި ކަމުގައި ވިދާޅުވިއެވެ. ރާއްޖޭގެ ފުޓްބޯޅަ އިރާދަކުރެއްވިއްޔާ، ދުވަހެއް ދުވަހަކަށް ރަނގަޅުވަމުންދާ ކަމަށާއި، މިފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި، ފުޓްބޯޅައިގެ އިތުރުން އެހެން އެތައް ކުޅިވަރެއްގައިވެސް ރާއްޖެ ބައިވެރިވެފައިވާތީ، ވަރަށް ފުރިހަމަ ކާމިޔާބީތަކެއް، މިމުބާރާތުން ރާއްޖެއަށް ލިބެމުންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.