ރައީސުލްޖުމްހޫރިއްޔާ ސީޝެލްސްއަށް ފުރާވަޑައިގެންފި

– މި ދަތުރުފުޅުގައި އެމްޑީޕީގެ ޗެއަރޕާސަން ވެސް ބައިވެރިވެވަޑައިގަންނަވާ

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ސީޝެލްސްއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ، ސީޝެލްސްގައި ފެށުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށާއި، ސީޝެލްސްގެ ވެރިންނާ ބައްދަލުކުރައްވައި، ދިވެހިރާއްޖެއަށާއި ސީޝެލްސްއާ ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވެން ހުރި ދާއިރާތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގަތުމުގެ ކުރިން، މި ދަތުރުފުޅާ ގުޅޭގޮތުން މަޢްލޫމާތު ދެއްވަމުން، މިފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއިން ވަރަށް ވަރުގަދަ ޓީމެއް ބައިވެރިވާކަން ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބޭއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، ބިޑް ކުރުމުގެ މަސައްކަތްވެސް މިފަހަރުގެ މިދަތުރުފުޅުގައި ހިނގަމުންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަކީ ރާއްޖެ އިޝްތިހާރު ކުރުމަށާއި، ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޭނުންތެރި މުބާރާތެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސީޝެލްސްއަކީ ރާއްޖެއާ ޒަމާނުއްސުރެ ވަރަށް ގާތް ޤައުމެއް ކަމަށާއި، ރާއްޖޭގެ އިޤްތިޞާދަށް ސަރުކާރުން މިގެންނަވާ ބާވަތުގެ ބަދަލުތައް ވަރަށް ހަލުވިކަމާއެކު ސީޝެލްގައިވެސް ގެންނަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، އިޤްތިޞާދު ރޭވިގެންދާ ގޮތާ ގުޅޭގޮތުން ސީޝެލްސްގެ އެކިއެކި ވެރިންނާ މަޝްވަރާ ކުރައްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން، ދެޤައުމުގެ ދޭތެރޭގައި ޓޫރިޒަމްގެ ލިންކެއް ޤާއިމް ކުރެއްވުމާއި، ވިޔަފާރީގެ ދާއިރާއިން ދެޤައުމަށް ފައިދާހުރި ކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމްޑީޕީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.