ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މުޤައްރިރުންނާއި ނައިބު މުޤައްރިރުން ހޮއްވަވައިފި

އިބްރާހީމް ރާމިޒް

gavaid-comity1

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންގެ ޢަދަދަށް އައި ބަދަލާގުޅިގެން މަޖިލީހުގައި ހިމެނޭ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލުމަށްފަހު އެކޮމިޓީތަކަށް މުޤައްރިރުންނާއި ނައިބު މުޤައްރިރުން ހޮވައިފިއެވެ.
އިއްޔެ ހެނދުނުން ފެށިގެން މަޖިލީހުގެ އިދާރާގައި ކޮމިޓީތައް ބައްދަލުކޮށް، ކޮމިޓީތަކުގެ މުޤައްރިރުންނާއި ނައިބު މުޤައްރިރުން ހޮވިއިރު، މިދިޔަ އާދީއްތަ ދުވަހު ވަނީ ގަވައިދު ކޮމިޓީގެ މުޤައްރިރުންނާއި ނައިބު މުޤައްރިރުން ހޮވާފައެވެ.
މަޖިލީހުގައި ހިމެނޭ ދާއިމީ ކޮމިޓީތަކަށް މުޤައްރިރުންނާއި ނައިބު މުޤައްރިރުން ހޮވިފައިވާ ގޮތަށް ބަލާއިރު، ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ މުޤައްރިރުކަމަށް ހޮވިވަޑައިގެންފައި ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް އެވެ. އެ ކޮމިޓީގެ ނައިބް މުޤައްރިރު ކަމަށް ހޮވިވަޑައިގެންނެވީ އެމްޑީޕީގެ ޗެއަރޕާސަން އަދި، ހުޅުހެންވޭރު ދާއިރާގެ މެންބަރު (ރީކޯ) މޫސާ މަނިކު އެވެ.
އިޖްތިމާޢީ ކޮމިޓީގެ މުޤައްރިރު ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙަންމަދު ހޮވިވަޑައިގެންފައިވާއިރު، އެ ކޮމިޓީގެ ނައިބް މުޤައްރިރަކަށް ހޮވިވަޑައިގެންފައިވަނީ މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޣަޒީޒް ޖަމާލް އަބޫބަކުރެވެ.
މިނިވަން މުޢައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ މުޤައްރިރު ކަމަށް ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު ހޮވިވަޑައިގެންފައިވާ އިރު، އެކޮމިޓީގެ
ނައިބް މުޤައްރިރު ކަމަށް ހޮވިވަޑައިގެންފައިވަނީ ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރެވެ.
ޤައުމީ ތަރައްޤީގެ ކޮމިޓީގެ މުޤައްރިރު ކަމަށް ހޮވިވަޑައިގެންނެވީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ އެވެ. އެ ކޮމިޓީގެ ނައިބް މުޤައްރިރަކަށް ހޮވިވަޑައިގެންނެވީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު އެވެ.
ސުލޫކު ކޮމިޓީގެ މުޤައްރިރު ކަމަށް، އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން، އަދި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ ހޮވިވަޑައިގެންނެވިއިރު، އެ ކޮމިޓީގެ ނައިބް މުޤައްރިރު ކަމަށް ހޮވިވަޑައިގެންފައިވަނީ ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދު އެވެ.
އިޤްތިޞާދީ ކޮމިޓީގެ މުޤައްރިރު ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙަންމަދު އަސްލަމް ހޮވިވަޑައިގެންނެވި އިރު، ނައިބް މުޤައްރިރު ކަމަށް ހޮވިވަޑައިގެންފައިވަނީ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް އެވެ.
ޤައުމީ ސަލާމަތުގެ ކޮމިޓީގެ މުޤައްރިރު ކަމަށް ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު ހޮވިވަޑައިގެންނެވި އިރު، އެ ކޮމިޓީގެ ނައިބް މުޤައްރިރު ކަމަށް ހޮވިވަޑައިގެންނެވީ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެވެ.
ޕެޓިޝަން ކޮމިޓީގެ މުޤައްރިރު ކަމަށް ނޮޅިވަރަމު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު (ކާނަލް) ހޮވިވަޑައިގެންނެވި އިރު، އެ ކޮމިޓީގެ ނައިބް މުޤައްރިރު ކަމަށް ހޮވިވަޑައިގެންނެވީ ކާށިދޫ ދާއިރާގެ މެންބަރު އިސްމާޢީލް އަބްދުލްޙަމީދު އެވެ.
އިމްތިޔާޒު ކޮމިޓީގެ މުޤައްރިރު ކަމަށް ހޮވިވަޑައިގެންފައިވަނީ މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙަންމަދު އެވެ. އަދި ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މުޤައްރިރު ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖްތާޒް ހޮވިވަޑައިގެންފައިވާއިރު، ނައިބް މުޤައްރިރު ކަމަށް ހޮވިވަޑައިގެންފައިވަނީ ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އެވެ.
ޢާންމު ކޮމިޓީގެ މުޤައްރިރަކަށް ހޮވިވަޑައިގެންފައިވަނީ ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު އެވެ. ނައިބް މުޤައްރިރަކަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު އެވެ.
މާލިއްޔަތު ކޮމިޓީގެ މުޤައްރިރު ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ހޮވިވަޑައިގެންނެވި އިރު، ނައިބް މުޤައްރިރު ކަމަށް ހޮވިވަޑައިގެންފައިވަނީ އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް އެވެ.
ގަވާއިދު ކޮމިޓީގެ މުޤައްރިރު ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙަންމަދު، އަދި ނައިބް މުޤައްރިރު ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ވަނީ ހޮވިވަޑައިގެންފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ވަނީ ރޭ، މަޖިލީހުގެ ދާއިމީ ކޮމިޓީ ތަކުގެ މުޤައްރިރުންނާއި، މުޤައްރިރުންގެ ނައިބުންނާއި، މަޖިލީހުގެ އިދާރާގައި ބައްދަލުކުރައްވައިފިއެވެ.
މަޖިލީހުގެ ރައީސް ކޮމިޓީތަކުގެ މުޤައްރިރުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ކޮމިޓީތަކުގައި ހުރި މަސައްކަތްތައް ހަލުވިކަމާއެކު ކުރެއްވޭނެ އިންތިޒާމް ރާއްވަވައި ދެއްވުމަށާއި މަސައްކަތްތައް ހަލުވިކަމާއެކު ނިންމެވުމަށް ބާރު އަޅުއްވައިދެއްވުމަށް ކޮމިޓީތަކުގެ މުޤައްރިރުންނާއި، ނައިބު މުޤައްރިރުންގެ އަރިހުން އެދިވަޑައިގަތެވެ.