800 މިލިއަން ޑޮލަރުގެ ތެލުގެ ވަގުވިޔަފާރިއާއި ޚިޔާނާތުގެ މައްސަލަ ތަޙުޤީޤުކުރުމަށް އެދި ގޮވާލާ ގަރާރު ގައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވައިފި

mp-musthafa

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ތިމަރަފުށި ދާއިރާގެ މެންބަރު މުޙަންމަދު މުސްޠަފާ ހުށަހަޅުއްވާފައިވާ، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި، އޭނާގެ އެއްބަފާ ކޮއްކޯފުޅު މއ. ކާމިނީހުޅަނގުގޭ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގުޅިގެން ހިންގާފައިވާކަމަށް ތުހުމަތުކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގުވިޔަފާރިއާއި ޚިޔާނާތުގެ މައްސަލަ ތަޙުޤީޤުކުރުމަށް އެދި ދިވެހި ސަރުކާރަށް ގޮވާލާ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ހުށެޅުއްވި ޤަރާރު ދިރާސާކުރެއްވުމަށް ޤައުމީ ސަލާމަތުގެ ކޮމިޓީއަށް އިއްޔެ ފޮނުވައިފިއެވެ.
މި ޤަރާރު ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވާފައިވަނީ 52 މެންބަރުންގެ އަޤްލަބިއްޔަތުންނެވެ.
މިޤަރާރުގެ އިތުރުން ސަރުކާރުގެ ފަރާތުން، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު ހުށަހަޅުއްވާފައިވާ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ބިލުވެސް މަޖިލީހުން ބަލައިގެންފައިވެ އެވެ. މި ބިލު ބަލައިގެންފައިވަނީ 50 މެންބަރުންގެ އަޤްލަބިއްޔަތުންނެވެ. މިބިލު ދިރާސާކުރެއްވުމަށް ފޮނުވާފައިވަނީ އިޤްތިޞާދީ ކޮމިޓީއަށެވެ.
އިއްޔެގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަވާފައިވެއެވެ. މި ބިލު ހުށަހަޅުއްވައިދެއްވީ މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ އެވެ.
މި ބިލުގެ އިތުރުން މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ މަޤާމަށް 19 ޖުލައި 2011 ވީ އަންގާރަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ އަޢްޔަނުކުރައްވާފައިވާ، އެމްޑީޕީގެ މިހާރުގެ ރައީސް ޑރ.އިބްރާހީމް ދީދީގެ ނަން މަޖިލީހަށް އިއްވައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި މައްސަލަ ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވާފައިވެ އެވެ. އަދި ސަރުކާރުގެ ފަރާތުން، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު ހުށަހަޅުއްވާފައިވާ، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން އެ ބިލުގެ ސުރުޚީ މަޖިލީހަށް އިއްވާފައިވެއެވެ.