ގުއަންޓަނާމޯބޭ ޖަލުގެ ބައެއް ޤައިދީން ރާއްޖެ ގެނައުމާ ބެހޭ މައްސަލަ ދިރާސާކުރުމަށް މިހާތަނަށް ޤައުމީ ސަލާމަތާބެހޭ ކޮމިޓީގެ ފަސް ބައްދަލުވުން ބާއްވައިފި

31 މެއި 2010

rayyithunge-majlis-kuraa-ge

ގުއަންޓަނާމޯބޭ ޖަލުގެ ބައެއް ޤައިދީން ރާއްޖެ ގެނައުމާ ބެހޭ މައްސަލަ ދިރާސާކުރުމަށް ޤައުމީ ސަލާމަތާބެހޭ ކޮމިޓީން މިހާތަނަށް ފަސް ބައްދަލުވުމެއް ބާއްވައިފިއެވެ. އެގޮތުން މިހާތަނަށް ބޭއްވުނު އެންމެ ފަހު ބައްދަލުވުން އޮތީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ.
މި ބައްދަލުވުމަކީ ގުއަންޓަނާމޯބޭ ޖަލުގެ ބައެއް ޤައިދީން ރާއްޖެ ގެނައުމަށް ދިވެހި ސަރުކާރާއި އެމެރިކާ ސަރުކާރާއި ދެމެދު އެއްބަސްވުންތަކެއްވެވިފައިވާކަމުގެ މަޢުލޫމާތު ލިބިވަޑައިގެން މިކަމުގެ ޙަޤީޤަތަކީ ކޮބައިކަން ބައްލަވައި ދެއްވުމަށް އެދިވަޑައިގެން ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމަށްޓަކައި ބޭނުންވާ ބައެއް މަޢުލޫމާތު ސަރުކާރުގެ ބައެއް އިދާރާތަކުން ހޯއްދެވުމަށް ބޭއްވުނު ބައްދަލުވުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެއެވެ.
ޤައުމީ ސަލާމަތާބެހޭ ކޮމިޓީގެ މުޤައްރިރު މުލަކު ދާއިރާގެ މެމްބަރު ޢަބްދުﷲ ޔާމީން ރިޔާސަތުގައި އިންނެވި މި ބައްދަލުވުމުގައި ސޮލިސިޓަރ ޖެނެރަލް އަލްއުސްތާޛް އަބްދުﷲ މުޢިއްޒުއާއި، ކޮމިޝަނަރ އޮފް ޕޮލިސް އަލްފާޟިލް އަޙްމަދު ފަސީޙްއާއި އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މޫސާ ޢަލީ ޖަލީލް ކޮމެޓީއަށް ހާޒިރުވެވަޑައިގެން މަޢުލޫމާތުދެއްވާފައިވެއެވެ.
ގުއަންޓަނާމޯބޭ ޖަލުގެ ބައެއް ޤައިދީން ރާއްޖެ ގެނައުމާ ބެހޭ މައްސަލައާބެހޭ ގޮތުން ޤައުމީ ސަލާމަތުގެ ކޮމިޓީގެ ބައްދަލުވުމެއް 27 މެއި 2010 ވީ ބުރާސްފަތިދުވަހުވެސް ބާއްވާފައިވެއެވެ. މިބައްދަލުވުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދުއާއި މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަލްފާޟިލް އަޙްމަދު ނަސީމްއާއި ޑެޕިއުޓީ އެޑިޝަނަލް ސެކެރެޓަރީ އަލްއުސްތާޛާ އައިޝަތު ލިޔުޝާ ޒާހިރު އަދި މިނިސްޓަރ އޮފް ސްޓޭޓް، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އައްޝައިޙް އިލްޔާސް ޙުސައިން އިބްރާހީމް ކޮމިޓީ އަށް ހާޒިރުވެވަޑައިގެން ކޮމިޓީއަށް ބޭނުންވާ ބައެއް މަޢުލޫމާތު ދެއްވާފައިވެއެވެ.
ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަހީދު މި ކޮމިޓީއަށް ހުށަހަޅުއްވާފައިވާ ލިޔެކިޔުންތަކަކީ ފޮރިންގ މިނިސްޓްރީން ވަގަށް ނަގާފައިވާ ލިޔުންތަކެކެވެ. އަދި މި ލިޔެކިޔުންތައް ވަގަށްނެގި މައްސަލަ ބައްލަވައިދެއްވުން އެދި ފޮރިންގ މިނިސްޓްރީން ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގައި އެދިފައެވެ.
އެމްޑީޕީ އިން ވަނީ މި ލިޔެކިޔުންތަކުގެ މައްސަލައިގައި ޢަލީ ވަހީދަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތުން ގުއަންޓަނާމޯބޭ ޖަލުގައި ތިބި ޤައިދީންނާއިބެހޭ މައުލޫމާތު ހިމެނޭ ސަރުކާރުގެ ސިއްރު ލިޔުންތަކެއް ޑީއާރުޕީގެ ނައިބު ލީޑަރ، ތޮއްޑޫ ދާއިރާގެ މެންބަރު އަލީވަހީދަށް ލިބިވަޑައިގެންނެވިގޮތް އަލީ ވަޙީދު ވިދާޅުވެދެއްވަން ޖެހިވަޑައިގަންނަވާނެކަމަށާއި، އެ ލިޔުންތައް އަލީ ވަޙީދަށް ލިބިވަޑައިގަތުމުން އެ ލިޔުންތަކަކީ ޞައްޙަ ލިޔުންތަކެއްކަން ފޮރިން މިނިސްޓްރީ އިން ކަށަވަރު ކުރެއްވުމުގެ ފުރުޞަތު ޢަލީވަހީދަށާއި ޤައުމީ ސަލާމަތާބެހޭ ކޮމިޓީއަށްވެސް އޮތްއިރު އެކަންކަން ނުބައްލަވައި ކޮމިޓީގެ މަސައްކަތްތައް ކުރިއަށްގެންދަވާފައިވަނީ “މުޅިން އެހެން ރޫޙެއްގައި” ކަމަށް ވިދާޅުވެ އެފަރާތްތަކަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު ފާޑުވިދާޅުވިއެވެ.
މީގެ އިތުރުން ފުލުހުން މިކަންކަން ތަޙްޤީޤުކުރަންޖެހޭނެކަމަށާއި، އަދި އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައްވެސް އަޅަންޖެހޭނެކަމަށް މޫސަ ވިދާޅުވިއެވެ. އަދި އެކަންކަން އެމްޑީޕީ އިން ބަލާނެކަމަށާއި މިކަމުގައި ކުރިއަށް ދެވެން އޮތްގޮތަކަށް އެމްޑީޕީ އިން ކުރިއަށްދާން މަސައްކަތްކުރާނެ ކަމަށް މޫސަ ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
ގުއަންޓަނާމޯބޭ ޖަލުގައި ތިބި މައުސޫމް މުސްލިމު ދެ އަޚުން ރާއްޖެއަށް ގެންނަ މައްސަލަ ބެލުމަށް ޤައުމީ ސަލާމަތާބެހޭ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމަށް 10 މެންބަރުން ހާޒިރުވެވަޑައިގެންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެއެވެ.