އެމްޑީޕީގެ އިދާރީ އޮފީސްތައް ގާއިމްކޮށް ދިދަ ނެގުން އެޕާޓީގެ ޗެއަރޕާސަން އިފްތިތާޙްކޮށްދެއްވައިފި

– އެމްޑީޕީގެ މެންބަރޝިޕް އިތުރުވެގެން ދިއުމުގެ ހުރިހާ ކުރެޑިޓެއްދޭން ޖެހޭ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް މޫސަ ވިދާޅުވި

އިބްރާހީމް ރާމިޒް

dsc_1550

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިދާރީ އޮފީހެއް ގާއިމްކޮށް ދިދަ ނެގުން، އެ ޕާޓީގެ ޗެއަރޕާސަން މޫސާ މަނިކު މިއަދު އިފްތިތާޙްކޮށް ދެއްވައިފިއެވެ.
މާލޭގައި އެމްޑީޕީގެ މައި އޮފީހުގައި މިއަދު މެންދުރު 11.30 ގައި އޮތް ރަސްމިއްޔާތުގައި، އެ އޮފީހުގައި އެމްޑީޕީގެ ދިދަ ނަންގަވައިދެއްވީ އެޕާޓީގެ ޗެއަރޕާސަން މޫސާ މަނިކެވެ. ދިވެހި ގައުމީ ދިދަ ނަންގަވައިދެއްވީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ޝާހް އެވެ.
ދިދަނެގުމުގެ ކުޑަ ރަސްމިއްޔާތަށް ފަހު އެމްޑީޕީގެ ކޮންފަރެންސް ހޯލުގައި، ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މޫސަ ވިދާޅުވީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު އެމްޑީޕީގެ އިދާރީ އޮފީސް ނުވަތަ ޑެސްކް ގާއިމްކުރެވިގެން ދިއުމުން، ރަށްރަށުގެ އެމްޑީޕީ މެންބަރުންނާ މި އަދު މި ހަވާލުކުރެވުނީ ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި، ” މި އޮފީސްތައް މެދުވެރިކޮށް ޑޭ ޓު ޑޭ، އޮޕަރޭޝަންގަ، މައި އޮފީހާ ގުޅިގެންދާނެ. މީގެ ކުރިން ވެސް އެމްޑީޕީގެ އޮފީސްތައް ހުރި ވަރަށް ގިނަ ރަށްރަށުގަ. އެހެން ނަމަވެސް ޕާޓީގެ މައި އޮފީހާ އެ އޮފީސްތަކާ ވަރަށް ގުޅުންކުޑަ. ހަމައެކަނި ކެމްޕެއިނެއް އައިމަ ޕާޓީގެ ހަރަކާތްތައް ރަށްރަށުގަ ގިނަ ފަހަރު މިހިނގަނީ. މި ހުޅުވުނު އޮފީސްތަކުގެ ސަބަބުން އެކަން ވަރަށް ބޮޑަށް ރަގަޅުވެގެންދާނޭ” ކަމަށް މޫސަ ވިދާޅުވިއެވެ.
މޫސަ އިތުރަށް ވިދާޅުވީ އެމްޑީޕީގެ އިދާރީ އޮފީސްތައް މިއަދު ރަށްރަށުގައި ގާއިމްކުރެވިގެން މިދިޔައީ އެ ޕާޓީން އެއްވެސް ޚަރަދެއް ކޮށްގެން ނޫން ކަމަށާއި، މި މަސައްކަތްކުރިޔަށް މި ދިޔައީ ބައެއް ކައުންސިލަރުންނާއި، އެމްޑީޕީގެ މެންބަރުންގެ ބުރަ މަސައްކަތުން އެބޭފުޅުން އަމިއްލައަށް ހޭދަކުރައްވައިގެން ކަމަށެވެ. އަދި މި މަސައްކަތް ފުރިހަމަކުރުމުގައި އެމްޑީޕީގެ މައި އޮފީހުގެ އިދާރީ މުޥައްޒިފުން ވަރަށް ބުރަކޮށް މަސައްކަތްކޮށްފައިވާކަން ފާހަގަކޮށް، އެ އޮފީހުގެ އިދާރީ ހުރިހާ މުޥައްޒަފުންނަށް މޫސަ ވަރަށް ބޮޑަށް ޝުކުރުއަދާކުރެއްވިއެވެ.
މީގެ އިތުރުން މިއަދު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މްޑީޕީގެ މެންބަރޝިޕް މިހާރު އޮތް ހާލަތާއި ބެހެ ގޮތުން ވެސް އެ ޕާޓީގެ ޗެއަރޕާސަން ވާހަކަފުޅުދެއްކެވިއެވެ. އެ ގޮތުން އިލެކްޝަންސް ކޮމިޝަނުގައި އޮންނަ އެމްޑީޕީގެ ދަފްތަރުގައި މިއަދާ ހަމައަށް 47301 މީހުން ރަޖިސްޓްރީވެފައިވާ ނަމަވެސް، އެމްޑީޕީ އޮފީހުގައި 48131 މެންބަރުން ރަޖިސްޓްރީ ވެފައިވާ ކަމަށާއި، އިތުރު 1500 ފޯމު ކައިރި މުސްތަގްބަލެއްގައި އިލެކްޝަންސް ކޮމިޝަނަށް ފޮނުއްވޭނޭ ކަމަށް އުއްމީދުކުރައްވާ ކަމަށް މޫސަ ވިދާޅުވިއެވެ.
މެންބަރޝިޕް އިތުރުކުރުމަށް މިހާރު ކުރަމުންގެންދާ މަސައްކަތަށް ބަލާއިރު، ވަރަށް އަވަހަށް އެމްޑީޕީގައި 50000 މެންބަރުން ހަމަވާނޭ ކަމަށާއި، އެމްޑީޕީއަށް މެންބަރުން އިތުރުވަމުންދަނީ ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރަށް ރައްޔިތުންކުރާ އިތުބާރު ބޮޑުވެގެން ދިއުމުގެ ސަބަބުން ކަމަށާއި، އެހެން ކަމުން މި ކަމުގެ ހުރިހާ ކުރެޑިޓެއް ލިބެންޖެހޭ ފަރާތަކީ އެމްޑީޕީގެ އެންމެ އިސްލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ކަމަށް މޫސަ ވިދާޅުވިއެވެ.
މާލޭގެ އިތުރުން ރާއްޖެގެ ވަރަށް ގިނަ ހިސާބުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވާފައިވާ ކަމުގެ މައުލޫމާތު މި ވެބްސައިޓަށް ދަނީ ލިބެމުންނެވެ.