ރައީސުލްޖުމްހޫރިއްޔާ ރަމަޟާން މަހުގެ ތަހުނިޔާ ވިދާޅުވެއްޖެ

ބަރަކާތްތެރި ރަމަޟާންމަސް ފެށުމުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ރާއްޖޭގެ ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ. މިދަންނަވާލަނީ މިމުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ޚިތާބެވެ.

“ބަރަކާތްތެރި ރޯދަމަސް ފެށުމުގެ އުފާވެރި މުނާސަބަތުގައި، ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް ފޮނުވަމެވެ.

ރޯދަމަހަކީ، ހެޔޮ ކަންތައްތައް އިތުރުކުރުމުގެ މަހެވެ. ޤުރުއާނުގެ މައްސަރެވެ. އަޅުގަނޑުމެންގެ ތެރޭގައި ތިބި ނިކަމެތި ފަޤީރުންނަށް އެހީވުމުގެ މަހެވެ. އެހެންކަމުން، މިމަހު، ވީހާވެސް ގިނަ ހެޔޮ ކަންތައްތަކެއްކޮށް، މި މައްސަރުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަކީ، އަޅުގަނޑުމެން ކޮންމެ މީހެއްގެ ޢަޒުމެއް ކަމުގައި ހެދުމަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ. އަދި އަޅުގަނޑުމެންގެ ތެރޭގައި ތިބި އެކިއެކި އެހީތެރިކަމަށް ބޭނުންޖެހިފައިވާ މީހުންނާމެދު މި މައްސަރުގައި ވަކިން ޚާއްޞަ ސަމާލުކަމެއް ދިނުމަކީވެސް މުހިންމު ކަމެކެވެ.”

ބަރަކާތްތެރި ރަމަޟާންމަހުގެ މުނާސަބަތުގައި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި ބައިނަލްއަޤްވާމީ އިސްލާމީ ޖަމްޢިއްޔާ، ޖަމާޢަތްތަކުގެ ވެރިންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފިއެވެ. އަދި އިސްލާމީ ޤައުމުތަކުގެ ވެރިންނާއި ބައިނަލްއަޤްވާމީ އިސްލާމީ ޖަމްޢިއްޔާ، ޖަމާޢަތްތަކުގެ ވެރިންވެސް، މި މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ތަހުނިޔާ ފޮނުއްވަމުން އެބަގެންދަވައެވެ.