ބޮޑުވެގެންވާ މައްސަރަށް މަރުޙަބާ ދަންނަވަމެވެ!

ލިޔުއްވީ: އަލްޙާފިޒް އަޙުމަދު ޒަކީ – އެމްޑީޕީގެ އިސްލާމް ދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސް

ramadan

ކުރިއަށްއޮތް ދުވަހު އަޅުގަނޑުމެން ނުހަނު އުފަލާއިއެކު އިސްތިޤްބާލްކުރާނީ މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާއިއެވެ. ރަމަޟާން މަހަކީ ކޮންމެ އަހަރަކު އެއްފަހަރު އަންނަ މަހެއް ކަމުގައި ވިޔަސް އެމަހާއި ބެހޭ ގޮތުން މުސްލިމުންގެ ހިތްތަކުގައި ހިންގާ މަތިވެރި ޝުއޫރުތަކާއި އާވެއާލާވެގެންދާ އަގުހުރި ހަނދާންތަކަކީ އެއަށް ދުވަހަކުވެސް ފަނޑުވުމެއް ނާންނާނެ ޝުއޫރުތަކަކާއި ހަނދާންތަކެކެވެ.
އެހެންނުވާންވީ އެއްވެސް ސަބަބެއްނެތެވެ. ރަމަޟާން މަހަކީ އަހަރުގެ ތެރޭގައި އަންނަ އެންމެ ޚާއްޞަމަހެވެ. ދިރިއުޅުމުގެ ނިޒާމަށް ގިނަގުނަގުނަ ބަދަލްތަކެއް ގެނެސްދޭ މަހެކެވެ. ވަރަށް ޚާއްޞަ ފަރުޟެއް އަދާކުރަންޖެހޭ މަހެއްވެސްމެއެވެ.
ރަމަޟާން މަސްއައުމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުންގެ އަޞްޙާބުން އެއްކުރައްވައި ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. “އޭމީސްތަކުންނޭވެ! މަތިވެރިވެގެންވާ ބަރަކާތްތެރި މައްސަރެއްގެ ހިޔާވަހިކަން ތިޔަބައިމީހުންނަށް ލިބިއްޖެއެވެ. އެއީ އެމައްޞަރުގެ ތެރޭގައިވާ ރެއެއް، އެއްހާސް މައްސަރަށްވުރެން ހެޔޮކަންބޮޑުވެގެންވާ މައްސަރެކެވެ. އެއީ އެމައްސަރުގައި ރޯދަ ހިފުމަކީ ފަރެޟެއްކަމުގައި ﷲ ލައްވާފައިވާ އަދި އެމައްސަރުގެ ރޭތަކުގައި ރޭއަޅުކަން ޤާއިމްކުރުމަކީ ވާޖިބުކުރެއްވުމެއްނެތި، ހެޔޮކަމެއްކަމުގައި، ލައްވާފައިވާ މައްސަރެކެވެ. ހެޔޮކަންތަކުގެ ތެރެއިންވާކަމެއް (އެބަހީ ސުންނަތެއް) އެމައްސަރުގެ ތެރޭގައި އަދާކޮށްފިމީހާ އެނޫންމަހެއްގައި ފަރުޟު ކަމެއް ކޮށްފި މީހާއާއި، އެއްފަދައެވެ. އަދި އެމައްސަރުގެ ތެރޭގައި ފަރުޟު ކަމެއް ކޮށްފި މީހާ އެނޫން މަހެއްގައި ހަތްދިހަ ފަރުޟު އަދާކޮށްފި މީހާއާއި، އެއްފަދައެވެ. އެއީ، ކެތްކުރުމުގެ މައްސަރެވެ. އަދި ކެތްކުރުމުގެ ސަވާބުހެޔޮވެގެންވެއެވެ.
މިފުރުސަތުގައި އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ދެކަނބަލުންނަށާއި، އެމްޑީޕީގެ ރައީސްއަށާއި، އެ ޕާޓީގެ ނައިބު ރައީސް އަށާއި، އެމްޑީޕީގެ ޗެއަރޕާރސަންއަށާއި، އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ރައީސް އަށާއި، އެ ގްރޫޕްގެ މެންބަރުންނަށާއި، ޕާޓީގެ ގައުމީ މަޖިލީހަށާއި، ޕާޓީގެ އެންމެހާ ލޮބުވެތި މެމްބަރުންނަށް ބަރަކާތްތެރި ރަމަޟާންމަހުގެ ތަހުނިޔާއާއި މުބާރިކުބާދީ ދަންނަވަމެވެ. އަދި ހެޔޮލަފާ ގޮތުގައި ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތައް ހޭދަކުރުމަށް ނަސޭހަތްތެރިވަމެވެ.