މެންބަރުންގެ ޚިޔާލު: އެ ގިންތީގައި ހިމެނޭ ބަޔަކަށް ޒަމާނީ ވެރިކަމުގެ ބާރު އިސްލާހު ނުކުރެވޭނެއެވެ.

ސިރާޖުއްދީން، ހުޅުދޫ

ރާއްޖޭގެ ދީނީ މުރައްބީންނަށް މިޒަމާނުގެ ވެރިކަމުގެ ބާރުތައް އެކަށަ އެޅިފައިވާ ގޮތުގެ މައްޗަށް ދީނީ ގޮތުން ދިރާސާ ކުރުމަށް ގޮވާލަމެވެ. ސޫފީންގެ ގިންތީގައި ހިމެނޭބަޔަކަށް މިޒަމާނުގެ ވެރިކަމެއްގެ ބާރުތައް އިސްލާޙުކޮށް ހިންގުމަކީ ކުރެވޭނެ ކަމެއްނޫނެވެ. އެހެނީ އެފަދަ ބަޔަކަށް ޒަމާނީ ޢިލްމާއި ތަރައްޤީ ހުރަސް އަޅަނީއެވެ. ކަންއޮތީ މިހެންކަމުގައި ވީހިނދު، ޒަމާނީ ޢިލްމުން އެއްކިބާވެ ޤައުމެއްގެ ސިޔާސީ ޙަޔާތުގައި ސިޔާސީ ޕާޓީތަކުން އަދާ ކުރަންޖެހޭ ގައުމީ މަސްއޫލިއްޔަތާއި ސިޔާސީ ވާޖިބުތައް އަދާކުރާނީ ކިހިނެއް ހެއްޔެވެ؟ މިމޭރުމުން ވިސްނާ އިރު، މުޖުތަމަޢުގެ ތެރޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުން އެވަގުތަކު އޮތް ސަރުކާރަށް ބިނާކުރަނިވި އުސޫލުން ސުލަޙަވެރި ކަމާއެކު، ފާޑު ކިޔަން ޖެހެއެވެ. ޓެކްސް ނެގުމުގެ މައްޗަށް ބަހުސު ކުރަންޖެހެއެވެ ރިސޯޓްތައް ހިންގުމުގެ މައްޗަށް ޤާނޫނުތައް އެކަށައަޅަން ޖެހެއެވެ. ސުފީންގެ ގިންތީގައި ހިމެނި މިފަދަ ކަންކަމުގެ މައްޗަށް ޤާނޫނު ހަދާ މަޖިލީހުގައި ބަހުސު ކުރެވޭނީ ކިހިނެއް ހެއްޔެވެ؟ ދީނީގޮތުން އަދާރަސަންވެ ތިބެ ސަރުކާރަށް ފާޑުކިއުމާއި ސިޔާސީއުކުޅު އުފައްދާ ހިންޗާ އުފެއްދުމަކީ، ޤާނޫނުތައް އެކަށަ އެޅުމުގެ މަރުހަލާގައި ކުރުން އެއްގޮތަކަށް ވެސް އެދެވިގެންވާ ކަމެއްނޫނެވެ. ސަބަބަކީ، އެފަދަ އަމަލުތަކުގެ ސަބަބުން ގެއްލުން ލިބޭނީ ރައްޔިތުންނާއި ދައުލަތުގެ މަސްލަހަތުގެ މައްޗަށް ކަމުގައި ވާތީއެވެ. ޤާނޫނީ ގޮތުން ސަރުކާރެއް ބަލިކޮށް ދައުލަތް ހިންގުމުގެ ޤާނޫނީ ބާރުތައް ހޯދުމުގެ ސިޔާސީ އުކުޅުތައް ރިޔާސީ އިންތިހާބު ތަކުގައި ވާދަކޮށް ހޯދަނީ މުޅިން އެހެން އުސޫލެއްގެ މައްޗަށް ބިނާކޮށް ގެންނެވެ. އެއީ ދީން އައްޑަނައެއްގެ ގޮތުން ހަދާގެނެއް ނޫނެވެ. ހަރުދަނާ ސިޔާސަތު ތަކެއްރާވާ އެފަދަ ސިޔާސަތުތައް ރައްޔިތުންނަށް ހާމަކޮށްދީ އެފަދަ ސިޔާސަތުގެ ތެރެއިން ރައްޔިތުންގެ ރުހުން ހޯދާގެންނެވެ. މިނަޒަރުން އެއްކިބާވެ ދީން އައްޑަނައަކަށް ހަދާ ޢައިރު ޒިއްމާދާރު ސިޔާސަތު ކުރިއަށް ނެރެ ސަރުކާރެއް ބަދަލު ކުރުމަށް އެއްވެސް ސިޔާސީ ޕާޓީއަކުން މަސައްކަތް ކުރުމަކީ ދައުލަތް ފަސާދަވެ މުޅި މުޖުތަމަޢު ބައިބައިވެ ޤައުމުގެ ތަރައްގީ ކިސިޔާރު ވެގެން ދިއުމެވެ.
މިއަދު ދިވެހި ރައްޔިތުން ވިސްނަންވީ އަދުގެ ސަރުކާރު ހަވާލުވެ އޮތް ދައުލަތުގެ ދުސްތޫރީ ބާރުތައް އޮތް ގޮތުގެ މައްޗަށެވެ. ޔަގީނުންވެސް އެބާރުތައް އޮތީ އެއްބާރުން އަނެއްބާރުގެ މައްޗަށް ނުފޫޒުން އެއްކިބާވާ ގޮތުގެ މައްޗަށް ޤާނޫނުތައް ވަކިކުރެވި ފައެވެ. އެއީ ވެރިކަން ހިންގުމުގެ ބާރު ޤާނޫނު ހެދުމުގެ ބާރު އަދުލު އިންސާފް ޤާއިމު ކުރުމުގެ ބާރެވެ. ހަގީގަތުގައި ވެރިކަން ހިންގުމުގެ ބާރު ނުވަތަ ތަންފީޒީ ބާރަކީ ސަރުކާރު ކަމަށް ވީހިނދު، ސަރުކާރު ހަރުދަނާ ވެގެންދާނީ ޤާނޫނު ހަދާ ބާރާއި އަދުލު އިންސާފު ޤާއިމު ކުރުމުގެ ބާރު ހަރުދަނާ ކުރެވުނު މިންވަރެއްގެ މައްޗަށެވެ. މިއަދު ދީނީ މުރައްބީން ވިސްނަންވީ މިއުސޫލު ތަކުގެ މައްޗަށް ދައުލަތް ހިންގުމުގެ ސިޔާސީ ބާރުތައް ދުނިޔޭގެ ސިޔާސީ ފިލޯސަފަރުން ފަރުމާކޮށް، ޕޮލިޓިކަލް ސައިންސްގެ ގޮތުން ތަޢާރަފް ކޮށްފައިވާ ސަބަބުތަކުގެ މައްޗަށެވެ ހަގީގަތުގައި މިފަދަ އުސޫލުތައް ބާރުއަޅަނީ އެއްވެސް ހާލެއްގައި ޤައުމުތަކުގެ ވެރިކަމުގެ ބާރުތައް ފަސާދަކޮށް އިންގިލާބު ކޮށްލުމަށް ނޫނެވެ. ވެރިކަމުގެ ޤާނޫނީ ބާރުތައް ހަރުދަނާ ކުރުމުގެ ނިޔަތުގައެވެ. މިއަދު ވިސްނަންވީ އިންސާނުންގެ މެދުގައި ވެރިކަން ހިންގުމުގެ ބާރުތަކުގެ ތެރޭގައި ދީނާއި ސިޔާސަތު ވަކިކުރުމުގެ ނަޒަރިއްޔާތު އުފެދިގެން ދިޔަ ސަބަބު ތަކުގެ މައްޗަށެވެ. ދައުލަތް ހިންގުމުގެ ބާރުތައް ވަކިކުރެވި އޮތުމުގެ މައިގަނޑު ސަބަބުތަކުގެ މައްޗަށެވެ. ހަގީގަތުގައި ދީނާއި ސިޔާސަތު ވަކިކުރުމުގެ މައިގަނޑު ސަބަބަކީ އެއްވެސް ހާލެއްގައި އެއްވެސް ބައެއްގެ ދީނީ މަސްދަރު ވެރިކަން ހިންގުމުގެ ބާރުތަކުގެ މައްޗަށް ކުފޫހަމަ ނުވަނީ އެއްނޫނެވެ. ޚާއްސަކޮށް އިސްލާމީ ޝަރިއްޔާގައި ވެރިކަން ހިންގުމުގެ މައްޗަށް އައިސްފައިވާ ޙުކުމް މާ ފުރިހަމައެވެ. ނަމަވެސް އިސްލާމީ ބައެއް ދައުލަތް ތަކުންވެސް ދީނާއި ސިޔާސަތު ވަކިކުރުމުގެ ނަޒަރިއްޔާތުގެ މައްޗަށް އެގައުމު ތަކުގެ ޤާނޫނުތައް މިޒަމާނުގައި ފަރުމާ ކުރުމުގެ ކޮންމެވެސް ޙިކުމަތެއް ވާނެއެވެ. އެޙިކުމަތް ހޯދާ ދިރާސާ ކުރުމަށް ރާއްޖޭގެ ދީނީ މުރައްބީންނަށް ގޮވާލަމެވެ. ސޫފީންގެ ގިންތީގައި ހިމެނޭބަޔަކަށް މިޒަމާނުގެ ވެރިކަމެއްގެ ބާރުތައް އިސްލާޙުކޮށް ހިންގުމަކީ ކުރެވޭނެ ކަމެއްނޫނެވެ. އެމަންޒަރު އަރަބި އިސްލާމީ ދުނިޔެއިން އެދަނީ ފެންނަމުންނެވެ