މިސަރުކާރުގެ ސިޔާސަތު ވަނީ ބައިނަލް އަގުވާމީ މުޖުތަމަޢުން ބަލައިގެން ފައެވެ.

ހަސަން މާހިރު، އައްޑޫ ސިޓީ

އަދުގެ ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ދައުލަތާއި ރައްޔިތުން ބިނާކުރުމެވެ. އެހެންކަމުން ރައްޔިތުން ކެއްތެރިކަމާއެކު، ދައުލަތް ދަތުރު ކުރަމުންދާ މިސްރާބް ވަޒަންކުރާށެވެ! ޔަގީނުން ވެސް އަދުގެ ސަރުކާރުގެ ސިޔާސަތު ބައިނަލް އަގުވާމީ މުޖުތަމަޢުން ވަނީ ކަށަވަރުކޮށް ބަލައިގެން ފައެވެ. ސުއްމުލް އަމީރު އިބްރާހިމް ނާސިރު ރަންނަ ބަނޑޭރި ކިލެގެފާނު ނިޝާންޢާޒީގެ އިއްޒަތްތެރި ވެރިޔާ މިރާއްޖޭގައި ގާއިމިކޮށް ދެއްވި ޒަމާނީ ތަރައްގީގެ ބިންގާ ފުޅާކޮށް، ހަރުދަނާ ކުރުމަށް އެވެރިކަމުގެ ބާރު ދޫކޮށްލެއްވި ހިނދު، މިދައުލަތާއި ހަވާލުވީ އިއްޔެގެ ބޮޑުންގެ ކިބައިން، ރައްޔިތުންގެ މައްޗަށް ދެމެހެއްޓެނިވި ތަރައްގީގެ މައްޗަށް ޤައުމު އާރާސްތު ކުރަންޖެހުނު ހިނދު، މިގައުމުގެ ޢިޖުތިމާޢީ އިގުތިޞާދީ ތަރައްގީގެ މައްޗަށް މަޢުމޫނުގެ ސަރުކާރުން އިހުމާލު ވެފައިވާކަން އެއީ ރާއްޖޭގެ ކަންކޮޅު ތަކުން މިއަދު ފެންނަން ހުރި ހަގީގަތްތަކެވެ. މީލާދީ ސަނަތުން 1985 އިން 1990 އަހަރާއި ހަމައަށް މުޅި ދުނިޔޭގެ އިގުތިޞާދު އިހާޖަހާ ދޮންވެ ފައްކާވީ އިރު، ރާއްޖޭގެ އިގުތިޞާދު ވެސް އޮތީ ދޮންވެ ފައްކާވެފައެވެ. ނަމަވެސް، އެއިރު ރާއްޖޭގެ ވެރިކަމުގެ ބާރުތައް ދަތުރުކުރީ ދައުލަތާއި ރައްޔިތުން ބާރުވެރި ކުރުވުމުގެ ސިޔާސަތުގެ މައްޗަށް ނޫނެވެ. އެހެންކަމުން ކުރީގެ ޒަޢާމަތު ނިމުނުއިރު، ރާއްޖޭގެ އުތުރާއި ދެކުނު އޮތީ ދެމެހެއްޓެނިވި ތަރައްޤީގެ ރާހަތުން މަހުރޫމު ވެފައެވެ.
މިއަދު ގައުމުދަނީ ސިޔާސީ ގޮތުންނާއި ޢިޖުތިމާޢީ ގޮތުންނާއި އަދި އިގުތިޞާދީ ގޮތުން ބޮޑެތި އިސްލާހު ތަކުގެ މައްޗަށް ދޮރު ހުޅުވެމުންނެވެ. ކޮންމެ މުޖުތަމަ އެއްގައި ވެސް ޤާނޫނީ ގޮތުން އެތަނެއްގެ ރައްޔިތުން އުފައްދާ ވެރިކަމަކީ، އެއްމެންރުހޭ، ފަދަ ވެރިކަމަކަށް ނުވެ ހިނގައި ދާނެއެވެ. ޚާއްސަކޮށް ޑިމޮކްރަސީ އެއްގައި އެ ސިޔާސަތާއި އެފިކުރު އޮންނާނީ އެ ބީދައިންނެވެ. އެހެންމެ ވެރިކަމަކީ އެވެރިކަން ހަވާލުކުރެވޭ މީހާގެ އަމިއްލަ އާއިލީ މިލްކިއްޔާތެއް ނޫނެވެ. އެމަންޒަރު އަދުގެ ސަރުކާރުން އެބަފެނެއެވެ. އެހެނީ ޤާނޫނީ ގޮތުން ދައުލަތް ހިންގުމުގެ 3 ބާރުވަނީ ވަކިކޮށްފައެވެ. ހަގީގަތުގައި ވެރިކަމަކީ، ރައްޔިތުން އެމީހުންގެ ޙަޔާތުގެ އިޖުތިމާޢީ ލާބަހުރި އަދި މުޅި މުޖުތަމަޢުގެ އެންމެހާ މަސްލަޙަތުތައް ހިމާޔަތްކޮށް، ދެމެހެއްޓުމުގެ ގޮތުން އުފައްދާ ޤާނޫނީ ބާރެކެވެ. އެހެންކަމުން މިސަރުކާރުގެ މައިގަނޑު ސިޔާސަތުގެ ތެރެއިން ރައްޔިތުންނާއި ޤައުމު އާރާސްތުކޮށް، ތަރައްޤީގެ އެންމެހާ ނާރެސް ތަކެއްގައި ރައްޔިތުން ބާރުވެރި ކުރުވުމުގެ ލާމަރުކަޒީ ސިޔާސަތު ތަންފީޒް ކުރައްވަމުން ގެންދަވާ މަންޒަރު އެބަފެނެއެވެ. އެއީ ރާއްޖޭގެ ޢުމުރާނީ ބިންގާ ތަރައްޤީކޮށް ރަށްވެހިކަމުގެ އަސާސީ ޚިދުމަތްތައް ކުރިއަރުވާ މަންޒަރެވެ. އިންސާނީ ވަސީލަތް އިތުރުކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ދާ މަންޒަރެވެ. ކަންއޮތީ މިހެންކަމުގައި ވީހިނދު، މާޟީއަށް ޖެހިލަންތޯއެވެ؟ 30 އަހަރުވީ ވެރިކަމުގެ ތެރެއިން ރާއްޖެގެ އުތުރާއި ދެކުނުގެ ރައްޔިތުން ތިބީ ސާފްބޯފެނުން މަހުރޫމު ވެފައެވެ. ނަރުދަމާ ނިޒާމެއް ނެތި ބަލިމަޑުކަމުގެ ތެރޭގައެވެ. ރާއްޖޭގެ އުތުރާއި ދެކުނުއޮތީ ފަޅުވެފައެވެ. މިއީ ހަގީގަތެވެ.
މާލޭ ބައިނަލް އަޤްވާމީ ވައިގެބަދަރު އިންޑިއާގެ ޖީއެމްއާރު ކުންފުންޏާއި ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުކުރީ ދުނިޔެ ގަބޫލުކުރާ ފަދަ އެގުރީމަންޓެއްގެ ދަށުން، ރާއްޖޭގެ ތަރައްގީއާއި، ކުރިއެރުން ޝާމިލްކޮށް، ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތު ހިމާޔަތް ކުރެވޭފަދަ ބައިނަލް އަގުވާމީ ޤާނޫނީ ތަރަހައިގެ ތެރެއިން ކަމުގައި ވީހިނދު، ބައިނަލް އަގުވާމީ މި އެއްބަސްވުމަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ މައްޗަށް އުނިކަން އަތުވެދާނެ އެއްބަސްވުމެއް ކަމުގައި ދަޢުވާކުރާ ބައެއްގެ ވިސްނުމުގެ މިސާލީ ފިނި ހަނގުރާމައިގެ ބޯދާ ވިސްނުމުގެ މިސާލެވެ. އެހެނީ މިޒަމާނުގައި އދ މެމްބަރު ޤައުމުތަކުގެ މިނިވަންކަން ވަނީ ބައިނަލް އަގުވާމީ ޤާނޫނުތަކުން ކަށުވަރު ވެފައެވެ. އެއީ އދ ޖާމިލުވާ ބޮޑު މަސްއޫލިއްޔަތެކެވެ. ވީއިރު، ސިޔާސީ ގޮތުންނާއި ފިކުރީގޮތުން ވިޔަސް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ މައްޗަށް މިޒަމާނުގައި އަންނާނެ އެއްވެސް އުނިކަމެއް ނެތެވެ. މިއަދު ބައިނަލް އަގުވާމީ ސިޔާސަތަކީ އެއް ދުނިޔެއެއްގައި އެންމެން ގުޅިގެން އުޅުމުގެ ސިޔާސަތެވެ. ލާމެހިފައިވާ ބަވަނަ ކުރުމުގެ އިގިތިސާދީ ސިޔާސަތެއް ދުނިޔޭގައި ގެންގުޅުމެވެ. ސިޔާސީ ގޮތުންނާއި ފިކުރީގޮތުން ރައީސް ނަޝީދަށް ކިތަންމެ ސިޔާސީ ނުސިޔާނު އުނދަގޫ ތަކެއް ފޯރިކަމުގައި ވިޔަސް، ޖާހިލުންނަށް ދޫދެއްވުމެއް ނެތި ވަފާތެރިކަމާއެކު، ޤައުމީ ޚިދުމަތުގައި ކުރައްވަން އެ މަނިކުފާނު ވަޢުދުވެ ވަޑައިގެންނެވި ކަންކަމާއިގެން އެ ވަޑައި ގަންނަވަނީ ހިނިތުންވަމުން ކުރިއަށެވެ. ނަމަވެސް، ހަސަދަވެރިންގެ ހަނގުރާމަ ދަނީ ސުމާރެއް ނެތި ޖާހިލުންގެ ތެރޭގައި ފިޔަ ޖަހަމުންނެވެ. ޤައުމު ކިތަންމެ ބޮޑަށް ދަރަނިވެރިވެ އޮތަސް، ގައުމު ތަރައްގީ ކުރުމުގައި އެ މަނިކުފާނުގެ ހީވާގި މަސައްކަތް ޕުޅުން ދުނިޔޭގެ ޤައުމުތަކުގެ އެއްބާރުލުމާއި ބައިނަލް އަގުވާމީ އިންވެސްޓަރުންނާއި، ކުންފުނި ތަކުގެ އެއްބާރުލުން ދަނީ ގައުމަށް ލިބެމުންނެވެ. ވީހިނދު، ފިނި ހަނގުރާމައިގެ ވިސްނުން ހުރި ބޯދާ އެދުރުންނަށް މި ތަހުޒީބު ދުނިޔޭގައި ޖާގައެއް ނެތެވެ. ޔަގީނުން ވެސް މިސަރުކާރުގެ ސިޔާސަތު ވަނީ ބައިނަލް އަގުވާމީ މުޖުތަމަޢުން ބަލައިގެންފައެވެ