ރޯދަމަހު ވީހާވެސް ގިނަ ހެޔޮކަންތައް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފި

އިބްރާހީމް ރާމިޒް

hep1

ރޯދަމަހު ވީހާވެސް ގިނަ ހެޔޮކަންތަކެއްކޮށް، އެކަކު އަނެކަކާ އަޅާލައި، އިޚްލާޞްތެރިވެ، އިޙްސާންތެރިވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިއަދުގެ ރޭޑިޔޯ ޚިޠާބުގައި، އިތުރަށް ވިދާޅުވީ ރޯދައިގެ ބޭނުންތައް ކިތަންމެ ގުނައަކަށްވާއިރު، ބަނޑުހައިހޫނު ކަމުގައި ތިބި ނިކަމެތި ފަޤީރުންނާއި، އެއްވެސް ގޮތެއްނެތިފައި އަދި ބަދުނަސީބު ގޮތްތައް ދިމާވެފައިތިބި މީހުންގެ މަތިން ހަނދާންކޮށް، މާތްރަސްކަލާނގެ ކިބައަށް، ޝުކުރުވެރިވުން އެއީ، ރޯދައިގެ ވަރަށްބޮޑު އެއް ބޭނުންކަމުގައެވެ.
ކިތަންމެ ސަބަބަކާ ހެދި، ރޯދަމަސް މުހިންމު ވެގެންދާ ކަމަށާއި، މި މަހާ ގުޅޭގޮތުން ދީނީ ދަންނަ ބޭކަލުން ދެއްވާފައިވާ ހެޔޮލަފާ އިރުޝާދާއި ނަސޭހަތް ގަބޫލުކުރަންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެ ނަސޭހަތްތަކާ އެއްގޮތަށް ރޯދަމަހުގައި ކަންކަން ބެހެއްޓުމަކީ، ކޮންމެހެން ބޭނުންތެރިކަމެއްކަންވެސް ފާހަގަކުރެއްވިއެވެ. ރޯދައިގެ އެއްބޭނުމަކީ، ކެތްތެރިކަން ލިބިގަތުން ކަމަށާއި، އެހެންވީމާ، ރުޅިވެރިކަން ތިރިކޮށް، ކެތްތެރިވެ، މި މަހުގައި ވީހާވެސް ހެޔޮކޮށް އުޅުމަކީ، އެންމެންނަށްމެ، މަންފާއާއި ލާބަ ލިބޭނެ ކަމެއްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މިއަދުގެ ޚިޠާބުގައި ވިދާޅުވިއެވެ.