އިޖްތިމާޢީ ރައްކާތެރިކަމުގެ މަޝްރޫޢުގެ ބޭނުމަކީ ނިކަމެތި ރައްޔިތުންގެ ފަހަތުގައި ސަލާމަތުގެ ދަލެއް އަޅުވައި އޭގެ ފަހަތަށް ވެއްޓުނަނުދިނުން ކަމުގައި ރައީސް ވިދާޅުވެއްޖެ

30 މެއި 2020

ijthimaaee-jalsa

އިޖްތިމާޢީ ރައްކާތެރިކަމުގެ މަޝްރޫޢުގެ ބޭނުމަކީ ނިކަމެތި ރައްޔިތުންގެ ފަހަތުގައި ސަލާމަތުގެ ދަލެއް އަޅުވައި، އޭގެ ފަހަތަށް ވެއްޓުނަނުދީ، ހިފެހެއްޓޭނެ ގޮތެއް ހޯއްދަވައި ދެއްވުން ކަމުގައި ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވެވި ޚާއްޞަ ޖަލްސާގައި، ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯއްދަވައިދެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ތަފާތު 10 ބާވަތެއްގެ ސީދާ އެހީ ރައްޔިތުންނަށް ފޯރުވައިދެއްވަމުން ގެންދަވާކަމަށާއި، އެ އެހީތައް ފޯރުވައިދެވުމުން ރައްޔިތުމީހާއަށް އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެ، މަސައްކަތާއިގެން ކުރިއަށް ދެވިދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވަމުން ސަރުކާރުގެ ޚަރަދު ކުޑަކުރެއްވުނު މިންވަރަކުން އިޖްތިމާޢީ ރައްކާތެރިކަމަށް ކަނޑައެޅިފައިވާ ފައިސާގެ ޢަދަދު އިތުރުކުރެއްވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމާ ގުޅޭގޮތުން މަޢްލޫމާތު ދެއްވުމަށް އެ ރައްކާތެރިކަން ރައްޔިތުންނަށް ފޯރުކޮށްދެވުނީމާ ނޫނީ އަޅުގަނޑުމެން މިއެދޭ ތަރައްޤީ، އަޅުގަނޑުމެންނަށް ހޯދަން ދަތިވާނެކަން ބަޔާންކުރައްވަމުން، ކުރިއަށް އޮތް ތަނުގައިވެސް އިރާދަކުރެއްވިއްޔާ، ސަރުކާރުން އިތުރު ފައިސާ ހޯއްދަވަމުން ގެންދަވާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ވެލްފެއަރ ދައުލަތެއް ނުވަތަ އޯގާތެރި ދައުލަތެއް ހޯއްދަވައިދެއްވުމަކީ އެމަނިކުފާނުގެ ބޭނުންފުޅު ކަމަށާއި، ދިވެހިރާއްޖޭގެ ތަރައްޤީއަށް މިވަގުތު ބޭނުންވެފައި އޮތް އެންމެ މުހިންމު އެއްކަމަކީ، ވެލްފެއަރ ދައުލަތެއް ބިނާކޮށްދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ފަސްދޮޅަސް ފަސްއަހަރުން މަތީގެ ރައްޔިތުންނަށް އެހީ ދެއްވުމަށް ސީދާ ރައީސުލްޖުމްހޫރިއްޔާގެ ޚަރަދުން އުނިކުރެއްވި ޢަދަދު އަނބުރާ އިޢާދަ ނުކުރައްވާނެ ކަމަށާއި، އެ ޢަދަދު އެގޮތުގައި އޮންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޙަޤީޤީ ތަރައްޤިއަށް އަޅަންވީ ކޮންކްރީޓެއް ނޫން ކަމަށާއި، އަޅުގަނޑުމެން އެ ޚަރަދު ކުރަންވީ އިންސާނީ ވަޞީލަތް ބިނާކުރުމަށް ކަމުގައި ވިދާޅުވެ، އެ ޚަރަދު ކުރަންޖެހެނީ މީހުންނަށް ތަންދޮރު އޮޅުންފިލުވައިދިނުމަށާއި، ތަޢްލީމާއި، ބޭސްފަރުވާއާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ވަޒީފާ ހޯދައިދިނުމާއި ރައްޔިތުންގެ މުނިފޫހިފިލުވުމާއި ރައްޔިތުން އުފާކޮށްދިނުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ދަށުން، މިހާރުގެ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ މައިގަނޑު ޚިދްމަތްތަކުގެ ތެރޭގައި، އުމުރުން ދުވަސްވީ މީހުންނަށް ދެވޭ ޕެންޝަނާއި، މަދަނައިގެ ދަށުން ދެވޭ ބޭސްފަރުވާގެ އެހީއާއި، އެކަނިވެރި މައިންނާއި ބަފައިންނަށް ދެވޭ އިނާޔަތްތަކާއި، ޔަތީމު ކުދިން ބަލަހައްޓާ ފަރާތްތަކަށް ދެވޭ އިނާޔަތާއި، ކަރަންޓް ބިލް ދެއްކުމަށް ދަތިވާ ފަރާތްތަކަށް ދެވޭ އިނާޔަތާއި، ދިރިއުޅުމުގެ ޟަރޫރީ ޚަރަދުތައް ނުފުއްދޭ ފަރާތްތަކަށް ދެވޭ އިނާޔަތުގެ އިތުރުން ލޯފަން މީހުންނަށް ދެވޭ އިނާޔަތްތައް ހިމެނެއެވެ.