ގުއަންޓަނާމޯބޭ މައްސަލައިގައި ރާއްޖެއާއި އެމެރިކާއާ ދެމެދު ގުޅުން ގޯސްވާ ހިސާބަށް ކަންތައްތައް ގޮސްފައިވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ވިދާޅުވެއްޖެ

30 މެއި 2010

picture-201-600-x-450

ޞައްޙަ ނޫން ލިޔުންތަކާއި، ލިޔުންތަކުގެ އެއްބަޔަށް ބައްލަވައިގެން ކުރެވުނު ކަންކަމުގެ ސަބަބުން ރާއްޖެއާއި އެމެރިކާއާއި ދެޤައުމުގެ ގުޅުން ގޯސްވާ ހިސާބަށް ކަންތައްތައް ގޮސްފައިވާކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އެމްޑީޕީއާ އާއި ލޭބަރ ޕާޓީއާ ދެމެދު، ރައްޔިތުންގެ މަޖިލީހުގައި ގުޅިގެން މަސައްކަތްކުރުމަށް އިއްޔެ ވީ އެއްބަސްވުމަށް ފަހު، އެމްޑީޕީ ސެކްރެޓޭރިއަޓްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޫސާ މަނިކު ވިދާޅުވީ، މިޒަމާނަކީ ހުރިހާ ޤައުމުތަކާއިއެކުވެސް، ޚާއްޞަކޮށް ދުނިޔޭގެ ބޮޑެތި ބާރުތަކާއި ގުޅިގެން މަސައްކަތްކުރަން ޖެހިފައިވާ ދުވަސް ވަރަކަށްވާއިރު، އިދިކޮޅު ފަރާތްތަކުންކުރާ މިފަދަ ޢަމަލުތަކުގެ ސަބަބުން ރާއްޖެއަށް ގެއްލުންތަކެއް ކުރިމަތިވެދާނެކަމަށްޓަކައި ކަންބޮޑުވެ ވަޑައިގަންނަވާކަމަށެވެ.
ގުއަންޓަނާމޯބޭ ޖަލުގައި ތިބި ޤައިދީންނާއިބެހޭ މައުލޫމާތު ހިމެނޭ ސަރުކާރުގެ ސިއްރު ލިޔުންތަކެއް ޑީއާރުޕީގެ ނައިބު ލީޑަރ، ތޮއްޑޫ ދާއިރާގެ މެންބަރު އަލީވަހީދަށް ލިބިވަޑައިގެންނެވިގޮތް އަލީ ވަޙީދު ވިދާޅުވެ ދެއްވަން ޖެހިވަޑައިގަންނަވާނެކަމަށް މޫސަ ވިދާޅުވިއެވެ. އަދި އެ ލިޔުންތައް އަލީ ވަޙީދަށް ލިބިވަޑައިގަތުމުން، އެއީ ޞައްޙަ ލިޔުންތަކެއްކަން ފޮރިން މިނިސްޓްރީ އިން ކަށަވަރު ކުރެއްވުމުގެ ފުރުޞަތު ޢަލީވަހީދާއި، ޤައުމީ ސަލާމަތާބެހޭ ކޮމިޓީއަށް އޮތްނަމަވެސް އެކަންކަން ނުބައްލަވައި ކޮމިޓީގެ މަސައްކަތްތައް ކުރިއަށްގެންދަވާފައިވަނީ އެހެން ރޫޙެއްގައިކަމަށް ޤަބޫލުކުރައްވާކަމަށްވެސް މޫސާ މަނިކު ވިދާޅުވިއެވެ.
މޫސާ ވިދާޅުވީ ފުލުހުންނާއި ކަމާއިބެހޭ އެހެނިހެން ދާއިރާތަކުން ވެސް މިކަންކަން ތަޙްޤީޤުކޮށް، މިކަމުގައި ކުށްވެރިވާ ފަރާތްތަކާމެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އަޅަންޖެހޭނެކަމަށެވެ. އަދި އެފަރާތްތަކުން އެކަންކަން އެމަގުން ކުރޭތޯ އެމްޑީޕީން ބަލާނެކަމަށާއި މިކަމުގައި ކުރިއަށް ދެވެން އޮތްގޮތަކަށް އެމްޑީޕީން ކުރިއަށްދާނޭ ކަމުގައި މޫސަ ވިދާޅުވިއެވެ.