ރައްޔިތުންނަށް، އަދިވެސް، މިނިވަނެއްނުވޭ..

ފަހަލަ ސަޢީދު

maldives-flag

ދިވެހިރާއްޖޭގެ ފަސްގަނޑު، މިނިވަންވި ދުވަސް ފާހަގަކުރެވެމުން އަންނަތާ ސާޅީސް އެތައް އަހަރު ވެފައިވީ ނަމަވެސް، ދިވެހިފަސްގަނޑުގައި ދިރިއުޅޭ، އިންސާނުންނަކަށް އަދިވެސް މިނިވަންކަމެއް ނުލިބެއެވެ. ސިޔާސީ މިނިވަންކަމާ، ބޭރުގެ އިސްތިޢުމާރީ ބާރުތަކުގެ އަޅުވެތިކަމުން ސަލާމަތްވުމުގެ މިނިވަންކަމަށްވުރެ، ބޮޑުމިނިވަންކަމަކީ، ފުރާނައިގެ މިނިވަންކަމެވެ. މި މިނިވަންކަން ރައްޔިތުންނަށް ލިބެން އެބަޖެހެއެވެ. އަދި މިދެންނެވި މިނިވަންކަން ރައްޔިތުންނަށް ހޯދައިދިނުމުގެ މައްސޫލިއްޔަތު ފުރިހަމަކުރަންޖެހޭ ފަރާތެއް ރައްޔިތުންނަށް، އެނގެން އެބަޖެހެއެވެ. ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަކީ ދައުލަތުގެ، ވާޖިބެކެވެ. މިއަދު، ދިވެހިދައުލަތް، އެވަނީ ތިންބާރު ވަކިވެފައެވެ. ގައުމެއް މިނިވަންވެ، ގައުމީ މަސްލަހަތު، ޙިމާޔަތްކުރުމުގެ ތަޅުދަނޑިޔަކީ، ޝަރުޢީނިޒާމެވެ. މި ޒިންމާ އުފުއްލަވާފަރާތަކީ. އުއްތަމަފަނޑިޔާރެވެ. އެއްވެސް ގައުމެއް، ގައުމެއްގެ ގޮތުގައި ދެމިއޮވެވޭނީ، އެގައުމުގައި ޢަދުލުއިންޞާފް ގާއިމްވެގެންނެވެ. ދެން އޮތީގާނުނު ހަދާފަރާތުގެ ޒިންމާއެވެ. ޢަދުލުއިންޞާފްގެ ފުރަތަމަ މަރުޙަލާ، ފެށެނީ، ހެދޭ ގާނޫނުތަކުގެ ތެރެއިންނެވެ. އެއްވެސް ގާނޫނަކުން، އިސްތިސްނާވާނެ ފަރާތެއް އޮވެގެން ނުވާނެއެވެ. އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކާ ފުށުއަރާ ގޮތަށް ގާނޫނެއް ވުޖޫދަށް އަތުވެއްޖެނަމަ، އެގާނޫނަށް، އުއްތަމަފަނޑިޔާރު، ޢަމަލުކޮށްގެން ނުވާނެއެވެ. ގާނޫނު ތަންފީޒްކުރާ ފަރާތަކީ، ގައުމުގެ ރައީސެވެ. މާނައަކީ. ދައުލަތުގެ ތިންބާރު ގުޅިގެން މެނުވީ، ގައުމުގެ ރައްޔިތުންގެ ފުރާނަ މިނިވަން ނުކުރެވޭނެއެވެ. މިއަދު ގައުމު މިއޮތް ޙާލަތު ބަދަލުވާން އެބަޖެހެއެވެ. ގާތިލުންނާ، އަނިޔާވެރިންނާ، ވަގުންނާ، ގަސްދުގައި މީހުން މަރާމީހުން، މުޖުތަމަޢުންބޭރުކުރެވެން އެބަޖެހެއެވެ. ރައްޔިތުން އަޅުވެތިކޮށްގެން، ބޭނުން ގޮތަކަށް ވެރިކަންކުރި ފަރާތަކަށް، މިކަންކަން ރަނގަޅު ކުރެވިފައި ނުވުމަކީ، ވަރަށް ބޮޑު މައްސަލައެކެވެ. ކޮންމެއަކަސް، މި ހިސާބަށް ގައުމު، ދަތުރުކޮށްފައި މިވަނީ އެއްވެސް މިސްރާބެއް ނެތި، ބެހިގެން ކަމުން.މިއަދަކީ، މުޅި ގައުމު ގުޅިގެން، ގައުމަށް ލިބިފައިވާ، ގެއްލުންތައް މަރާމާތުކުރަން، އޮތް ދުވަހެވެ. މިފުރުޞަތު ގެއްލުވާނުލާ، ދައުލަތުގެ ތިންބާރާ، ރައްޔިތުން ގުޅިގެން، މިދެންނެވި ގެއްލުންތައް މަރާމާތު ނުކޮށްފިނަމަ، މާދަމާ މިގައުމުގައި، ދިރިއުޅެވޭނީ ގަދަ މީހަކަށެވެ. ގައުމު އެއްބައިވަންތަކުރުމަށް ލިބޭ ފުރުޞަތު، ނަގާލުމަކީ، ފަހުން ހިތާމަކުރަން، ޖެހޭނެ ކަމެކެވެ.ގައުމު ފަސާދަކުރާ މީހުންނާ އެބައިމީހުންގެ ޢާއިލާތައްވެސް ދިރިއުޅޭނީ މިގައުމުގައެވެ. ވަގުތީމަންފާއެއް ޙާސިލްކުރުމުގެ ނިޔަތުގައި، މިފެންނަނީ ކުރަންހެޔޮވާނެ ކަންތަކެއް ނޫނެވެ. ބާރުތައް ވަކިވެފައިވާ، ޑިމޮކްރެޓިކް ނިޒާމަކުން، ގައުމުގައި ވެރިކަން ހިންގާނެ ފުރުޞަތުލިބުމަކީ، ރައްޔިތުންނަށް، ރައްޔިތުންގެ ވެރިކަން، މިނިވަންވުމެވެ. ސުވާލަކީ އަކަ ކިލޯމީޓަރެއް ހަމަނުވާ، މާލެއާ، އާބާދީ ނުހަނުމަދުރަށްތައް، އަމާންކަމާއެކުބެލެހެއްޓޭނެ، ގާބިލިއްޔަތު، ސަލާމަތީ ބާރުތަކުގައި ނެތީ ބާވައެވެ. ރައްޔިތުން މިފަދަ ސުވާލުމާކެއްގެ ތެރޭގައި އަބަދަކު ނުތިބޭނެއެވެ، މިރާއްޖެ އަކީ އިހަށް ދުވަހާ ޖެހެންދެން، ނުހަނު ގައުމީ ލޯތްބަކާއެކު ދިވެހިން އުޅުނު، ދިވެހިންގެ ރާއްޖެއެވެ. ނަމަވެސް، ގައުމުގެ މަންމަ އާއި ބައްޕަ ރޮމުން އެދަނީ އެ މައިންބަފައިންގެ މުޅިޖާނާއި، މާލު ހޭދުކުރި ދަރިންނަށް ޖެހިފައިވާ، ނުރައްކާތެރި ބަލީގައި، އެ މައިންބަފައިން ދޫކޮށް، ދެމިއޮތުމުގެ ތަންމަތީގައި އެކުދިން ނިދަން ޖެހިދާނެ ކަމަށް ބިރުންނެވެ. ދެރަނުވޭތޯއެވެ. ޝާނާ ޝައުކަތުގެ ބޭނުމުގައި، ގައުމު އޮޔާނުލާށެވެ. އެގޮތަށް އުޅެން ގަސްދުކޮށްފި ނަމަ، ތިޔައިން އެއްވެސް މަގްޞަދެއް ޙާޞިލްނުވެ، މިދުނިޔޭގައި، ޝެރޯނުގެ، ދަރަޖަލިބިގެންވެސް ހިނގައިދާނެއެވެ.ﷲ އީއަނިޔާވެރިންނަށް ގަދަފަދަ ޢަޒާބުދެއްވާ، ކަށަކުޅަދުންވަންތަﷲއެވެ….