އެމްޑީޕީގެ ޗެއަރޕާސަން ބްރިޓިޝް ކޮންޒަވެޓިވް ޕާޓީގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

އިބްރާހީމް ރާމިޒް

Reeko at London

ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ދަތުރުފުޅެއްގައި މިހާރު އިނގިރޭސި ވިލާތުގެ ލަންޑަނަށް ވަޑައިގެން އުޅުއްވާ އެމްޑީޕީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު، އިއްޔެ އެގައުމުގެ ވެރިކަންކުރާ ކޮންޒަވެޓިވް ޕާޓީގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.
އިއްޔެ މެންދުރުފަހު އޮތް މި ބައްދަލުކުރެއްވުމުގައި ޒަމާނުއްސުރެ ގާތް ގުޅުމެއް އޮންނަ މި ދެ ޕާޓީގެ ގުޅުން އިތުރަށް ވަރުގަދަކުރުމާއި، ރާއްޖޭގައި ޑިމޮކްރަސީ ގާއިމްކޮށް ފައްކާކުރުމަށް ކުރެވިދާނޭ ކަންތައްތަކާއި ބެހޭ ގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. އަދި އިއްޔެ އަކީ ރާއްޖޭގެ މިނިވަން ދުވަސް ކަމަށްވުމާއެކު، ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށާއި، އެ ޕާޓީގެ މެންބަރުންނާއި، ދިވެހިރައްޔިތުންނަށް ކޮންޒަވެޓިވް ޕާޓީން ފޮނުއްވާ ކަމަށާއި، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކުރުމަށް ސަރުކާރުންކުރައްވާ މަސައްކަތްތަކަށް ފުރިހަމައަށް ތާޢީދުކުރައްވާ ކަމަށް ކޮންޒަވެޓިވް ޕާޓީގެ އިސް ބޭފުޅުން ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ މަސްރަޙް މިހާރު އޮތް ޙާލަތާއި، ރާއްޖޭގައި ޑިމޮކްރަސީ ފައްކާކުރުމަށް ހުރި ގޮންޖެހުންތަކާއި، އެ ގޮންޖެހުންތަކުން އަރައިގަތުމަށް އެމްޑީޕީ އާއި ސަރުކާރުން ކެނޑިނޭޅި ކުރަމުންގެންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ބްރިޓިޝް ކޮންޒަވެޓިވް ޕާޓީގެ އިސް ބޭފުޅުންނަށް އެމްޑީޕީގެ ޗެއަރޕާސަން އެރުއްވިއެވެ.
މިފަދަ އިތުރު ބައްދަލުވުމެއް މިއަދު ވެސް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.