އެމްޑީޕީގެ ޒުވާނުންގެ ގޮފިން ނެރޭ ނޫސް ބަޔާން

mdp-logo-original

ފަންނީ ހުނަރުވެރިކަމުގެ ފުރިހަމަ ތަމްރީނު ދެވިފައިވާ އަށްހާސް ފައްސަތޭކަ ދިވެހިން، މަސައްކަތުގެ ބާޒާރަށް ނެރުއްވުމަށް ސަރުކާރުން ނިންމެވުމާއި، ޙުކުމް ތަންފީޛު ކުރަމުންދާ ގާތްގަނޑަކަށް ހަތަރުސަތޭކައާ ގާތްކުރާ ދިވެހި ޒުވާނުންނަށް، މިނިވަންދުވަހުގެ އުފަލުގައި ދެވަނަ ފުރްޞަތެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ނިންމެވުމާ ގުޅިގެން، އެމަނިކުފާނަށް އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ނަމުގައި ވަރަށް ހޫނު މަރުހަބާ އެއް ދަންނަވައި، އިޚްލާޞްތެރި ޝުކުރެއްދަންނަވަމެވެ.
ޤައުމުގެ ޒުވާނުންގެ ގިނަ ޢަދަދެއްގެ ބަޔަކު، ޖަލުގޭގެ އަނދިރިކަމުގެ ތެރެއަށް ގެއްލި، ދިރިއުޅުން ބަރުބާދުވެ، ހަފުސްވާން ދޫކުރުމަކީ، ތަރައްޤީއާއި މިނިވަންކަމަށް އޮތް ހުރަހެއްކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވާ، ވިދާޅުވުމަށް އަޅުގަނޑުމެން ފުރިހަމައަށް ތާޢީދުކުރަމެވެ. އަދި ޒުވާނުންނަށް ފަހި ފުރުޞަތުތަކެއް ގާއިމްކޮށްދެއްވުމަށް އެމަނިކުފާނު ކުރައްވާ އެންމެހާ މަސައްކަތްތަކަށް އެމްޑީޕީގެ ޒުވާނުންގެ ގޮފިން ފުރިހަމައަށް ތާޢީދުކުރާ ވާހަކަ ދަންނަވަމެވެ.
ޒުވާނުންނާ އަޅާލުމަކީ ހަމައެކަނި ޒުވާނުންގެ މަރުކަޒު އެޅުން ނޫން ކަމަށާއި، ޒުވާނުންނަކީ ހުނަރުވެރި ބަޔަކަށްހަދައި، ގައުމުގެ އުފެއްދުންތެރިކަމާއި، މުސްތަޤްބަލް ބިނާކުރާ ބަޔަކަށް ވާންޖެހޭ ކަމަށް އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސާ އާމިނަތު ޝައުނާ ވިދާޅުވެއެވެ.
ސަރުކާރުން އިސްނަގައިގެން ޒުވާނުންނަށް ތަމްރީން ދެވޭނޭ ފުރުޞަތުތަކެއް ފަހިކޮށް، އެކި ސަބަބުތަކާ ހެދި، މަގުން ކައްސާލައި، މުސްތަޤްބަލް ބަނަވެފައިވާ ކަމަށް ދެކިގެން ތިބި، ގިނަ ޒުވާނުންތަކަށް ވީހާވެސް ގިނަ ފުރުޞަތު ލިބޭނޭ މަގު ފަހިކުރުމަކީ އެމްޑީޕީގެ ޒުވާނުންގެ ގޮތްޕަށް އިތުރު ހިއްވަރެއް ލިބިގެންދާ ކަމެކެވެ. މި ކަމުގެ އެދެވޭ ނަތީޖާ ހާސިލްކުރުމަށް ވެދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދިނުމަށް އެމްޑީޕީގެ ޒުވާނުންގެ ގޮފިން އަބަދުވެސް ތައްޔާރަށް އޮންނާނޭ ކަމުގެ ޔަޤީންކަން ދިވެހި ސަރުކާރަށާއި، ދިވެހި ޒުވާނުންނަށް އަރުވަމެވެ.