ފަންނީ ހުނަރުވެރިކަމުގެ ފުރިހަމަ ތަމްރީނު ދެވިފައިވާ އަށްހާސް ފައްސަތޭކަ ދިވެހިން، މަސައްކަތުގެ ބާޒާރަށް ނެރުއްވުމަށް ސަރުކާރުން ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

އިބްރާހީމް ރާމިޒް

president-nasheed1

ފަންނީ ހުނަރުވެރިކަމުގެ ފުރިހަމަ ތަމްރީނު ދެވިފައިވާ އަށްހާސް ފައްސަތޭކަ ދިވެހިން، މަސައްކަތުގެ ބާޒާރަށް ނެރުއްވުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށާއި، މި އަމާޒު ޙާޞިލު ކުރެއްވުމަށްޓަކައި ތިންސަތޭކަ ފަސްދޮޅަސް މިލިއަން ރުފިޔާގެ ޤައުމީ މަޝްރޫޢެއް ސަރުކާރުން މިހާރު އެކުލަވާލައްވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި މަޝްރޫޢު ކުރިއަށް ގެންދެވުމަށްޓަކައި، މައިގަނޑު ހަތަރު ބައެއް ފާހަގަކުރައްވާފައިވާކަމަށާއި، ފުރަތަމަ ބަޔަކީ، ތަމްރީނުތަކާ ގުޅޭ ބައި ކަމުގައެވެ. އަދި، ދެވަނަ ބަޔަކީ، މިތަމްރީނުތަކާއި، އަދި ވަޒީފާގެ ފުރުޞަތުތަކާ ގުޅޭގޮތުން ހޭލުންތެރިކުރުވުން ކަމަށާއި، ތިންވަނަ ބަޔަކީ، މަސައްކަތެއް ނެތް ފަރާތްތަކަށް ވަޒީފާ ހޯދައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދެއްވުން ކަމަށާއި، ހަތަރުވަނަ ބަޔަކީ، ވަޒީފާއާބެހޭ ޤާނޫނު ތަންފީޒުކުރުމަށް ބޭނުންވާ ޤާބިލްކަން އިތުރުކުރެއްވުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަސައްކަތްތެރި ޢުމުރުފުރައިގެ ދެލައްކަ ފަސްހާހަށްވުރެ ގިނަ ދިވެހިން އެބަތިބިކަން ހާމަކުރައްވަމުން، މީގެތެރެއިން ވަޒީފާއެއް ނުވަތަ އާމްދަނީއެއް ލިބޭ މަސައްކަތެއް ހަމަނުޖެހި ތިބި ދިވެހިންގެ ނިސްބަތް މިވަނީ ސަތޭކައަކުން ހަތާވީހަށް އަރާފައި ކަމުގައި ވިދާޅުވިއެވެ. ވޭތުވެދިޔަ ދިހައަހަރަށް ބަލާއިރު، ބިދޭސީ މަސައްކަތްތެރިންނަށް ދިވެހިން ވަޒީފާ ދޭ ނިސްބަތް، ތިންގުނަ ބޮޑުވެފައިވާކަން ފާހަގަކުރައްވަމުން،އެކަން އެހެންވާން ދޫކޮށް، ނުވިސްނާ ތިބެވުނީތީ އެބާރު މިއަދު މިވަނީ މިޤައުމަށް ބޮޑުވެފައި ކަމުގައި ވިދާޅުވިއެވެ.

ވޭތުވެދިޔަ ދިހައަހަރުގެ ތެރޭގައި މަދްރަސާ ނިންމި ފަސްދޮޅަސްހާސް ދަރިވަރުންގެ ތެރެއިން، މަތީ ތަޢުލީމު ހޯދުމަށާއި، ފަންނީ ތަމްރީނެއް ހޯދުމުގައި ބައިވެރިވެފައިވަނީ، އެންމެ ބާރަހާސް ދަރިވަރުންކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ހާމަކުރެއްވިއެވެ. އެހެންކަމުން، މަސައްކަތު ފުރައިގެ އެތަކެއް ދިވެހި ޒުވާނުންނެއް އުޅެމުންދަނީ މަސައްކަތެއް ނުކޮށްކަމާއި، އިތުރު ހުނަރުވެރިކަމާއި، ކުޅަދާނަކަން ޙާޞިލު ކުރުމަށް އެހެން އެއްވެސް ކަމެއް ނުކޮށް، ހަމައެކަނި މައިންބަފައިން ނުވަތަ ޢާއިލާއަށް ބަރޯސާވެގެންކަން މިކަމުން އެނގޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.