ވެރިކަމުގެ ޙަޤީޤީ ބާރަކީ، ރައްޔިތުންނަށް ޚިދްމަތްކޮށް، އެރައްޔިތުންނަށް ފާގަތިކަމާއި ތަނަވަސްކަން ހޯދައިދިނުމުގެ މަސައްކަތުގައި، ސަރުކާރުން ފަސްނުޖެހުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

އިބްރާހީމް ރާމިޒް

ވެރިކަމުގެ ޙަޤީޤީ ބާރަކީ، ރައްޔިތުންނަށް ޚިދްމަތްކޮށް، އެރައްޔިތުންނަށް ފާގަތިކަމާއި ތަނަވަސްކަން ހޯދައިދިނުމުގެ މަސައްކަތުގައި، ސަރުކާރުން ފަސްނުޖެހުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްކެވި ވާހަކަފުޅުގައި، ވިދާޅުވީ އެކަމުގައި އެންމެ އިންޗިއެއްވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި، ޙަޤީޤީ މިނިވަންކަމަކީ، ފަރުދީ ފޯރުންތެރިކަމާއި، ދިރިއުޅުމުގެ ތަނަވަސްކަމާއި ހިތްފަސޭހަކަން ކަމަށާއި، ފަރުދީ ފެންވަރުގައި ކޮންމެ މީހަކީ، ކުޅަދާނަ، ހުނަރުވެރި، އުފެއްދުންތެރިއަކަށްވާން އެބަޖެހޭ ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ލާމެހިފައިވާ މި ދުނިޔޭގައި، ދިވެހިރާއްޖޭގެ އަމިއްލަވަންތަކަމާއި، ދިވެހިން އެނގޭގޮތް އެނގި، ފެނިދެނިވަމުން މިދަނީ، ރާއްޖެފަދަ ޤައުމެއްގެ ބާރުވެރިކަމާއި ނުފޫޒަށްވުރެ، މާ ބާރުވެރި ދަރަޖައެއްގައި ކަމަށް ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ބައިނަލްއަޤްވާމީ ސަފުތަކާއި އަދި ވަކިން ޚާއްޞަކޮށް، އ.ދ. މަޖިލީހުގައި ރާއްޖެއަށް ލިބެމުންމިދާ ދަރަޖައާއި އިތުބާރުން، މި ޤައުމު ދުނިޔޭގެ ކަންކަމުގައި އަދާކުރާ ދައުރު، އެތައް ތަނެއް ފުޅާވެ، ކުރިއަރައިގެން ހިނގައްޖެކަން ދޭހަކޮށްދޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.