ޙުކުމް ތަންފީޛު ކުރަމުންދާ ގާތްގަނޑަކަށް ހަތަރުސަތޭކައާ ގާތްކުރާ ދިވެހި ޒުވާނުންނަށް، މިނިވަންދުވަހުގެ އުފަލުގައި ދެވަނަ ފުރްޞަތެއް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި

president-nasheed1-jpg

ޙުކުމް ތަންފީޛު ކުރަމުންދާ ގާތްގަނޑަކަށް ހަތަރުސަތޭކައާ ގާތްކުރާ ދިވެހި ޒުވާނުންނަށް، މިނިވަންދުވަހުގެ އުފަލުގައި، ދެވަނަ ފުރްޞަތެއް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްވައިފިއެވެ.

މި ފުރްޞަތު، އެކުދިންނަށް ދެއްވިކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވީ، ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި، މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވެވި ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތާއި، ދިވެހި ދައުލަތުގެ ޢިއްޒަތް އެރުވުމުގެ ރަސްމިއްޔާތުގައި، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރޮނގުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ޤައުމުގެ ޒުވާނުންގެ ގިނަ ޢަދަދެއްގެ ބަޔަކު، ޖަލުގޭގެ އަނދިރިކަމުގެ ތެރެއަށް ގެއްލި، ދިރިއުޅުން ބަރުބާދުވެ، ހަފުސްވާން ދޫކުރުމަކީ، ތަރައްޤީއާއި މިނިވަންކަމަށް އޮތް ހުރަހެއްކަން ފާހަގަކުރެއްވިއެވެ. އަދި އުފެއްދުންތެރި، ބޭނުންތެރި ބައެއްގެ ގޮތުގައި، އެމީހުންނަށް މުޖްތަމަޢާ ގުޅިދާނެ ހުރިހާ ފުރްޞަތަކަށް، އަބަދުވެސް އެމަނިކުފާނު ބައްލަވަމުން ގެންދަވާ ކަމަށާއި، އެހިނދަކަށް ގެންނަވަންޖެހޭ ބަދަލަކާއި، އަޅުއްވަންޖެހޭ ފިޔަވަޅެއް އަޅުއްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. ދެވަނަ ފުރްޞަތެއް ދެއްވުމަށް ކަނޑައެޅުއްވި ޒުވާނުން ގިންތި ކުރައްވާފައިވަނީ، ކަންތައްތަކަށް ބެއްލެވުމަށްފަހު ކަމަށާއި، އެގޮތުން، ބޮޑު ބައްޔަކަށް ބޭސްކުރަން ޖެހިފައި ތިބި މީހުންނަށާއި، އިތުރު ތަޢްލީމާއި ތަމްރީނުގެ ފުރްޞަތުތައް ފަހިކޮށްދެއްވައިގެން، އެމީހުންގެ ފަރާތުން މުޖްތަމަޢަށް ފައިދާހުރި ކަންތައްތަކެއް ކޮށްދެވިދާނެ ފަރާތްތަކަށް އިސްކަން ދެއްވައިގެންނެވެ. ދެވަނަ ފުރްޞަތެއް ދެއްވުމަށް ކަނޑައެޅުއްވި ފަރާތްތަކުގެ ކުށުގެ ރެކޯޑަށާއި އަދިވެސް ވަރަށްގިނަ ކަންތައްތަކަށް ބައްލަވާފައިވާނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ދެވަނަ ފުރްޞަތުގެ ދަށުން މުޖްތަމަޢާ އަލުން ގުޅޭ ފަރާތްތަކަށް، ރީހެބިލިޓޭޝަން ޕްރޮގްރާމެއް ޤާއިމް ކުރެވޭނެ ކަމަށާއި، މި ޕްރޮގްރާމްގެ އަސާސީ ބޭނުމަކީ، އެމީހަކާ އެކަށީގެންވާ ތަމްރީނުދީ، ވަޒީފާގެ ފުރްޞަތު ހޯދައިދީ، ދިރިއުޅުމުގެ ހުނަރުތަކަށް އަހުލުވެރިކޮށް، ފުރިހަމަ ޒުވާނެއްގެ ގޮތުގައި، އަނބުރާ މުޖްތަމަޢަށް ގެނެސް، އޭނާގެ ޢާއިލާއަށް ބޭނުންތެރި މީހަކަށް ހަދައިދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ތަމްރީނު ދިނުމަށްފަހު، ކަނޑައެޅިފައިވާ އުޖޫރައަކަށް ސަރުކާރުގެ މަޝްރޫޢުތަކުގައި މަސައްކަތް ކުރުމުގެ ފުރްޞަތު، އެމީހަކަށް ލިބިގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ދެވަނަ ފުރްޞަތުގެ ދަށުން މުޖްތަމަޢަށް ދޫކޮށްލެވޭ މީހަކީ، އެ ފުރްޞަތު އެމީހަކަށް ދެވޭތާ ތިންއަހަރު ދުވަހުގެ ތެރޭގައި، އެއްވެސް ބާވަތެއްގެ ކުށެއް ކޮށްފިނަމަ، ވަގުތުން ޖަލަށްލެވި އަދި ކުށަށް މަޢާފްކޮށްދިނުމާއި، އަދަބު ލުއިކޮށްދިނުމުގެ ފުރްޞަތު ހަނިވެގެންދާނެ މީހެއްކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.