އެމްޑީޕީއާއި ލެބާރ ޕާޓީން ރައްޔިތުންގެ މަޖިލީހުގައި ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެއްޖެ

29 މެއި 2010

picture-147-600-x-450

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި މޯލްޑިވިއަން ލޭބަރ ޕާޓީ (އެމްއެލްޕީ)ން ޤައުމީ އަދި ސިޔާސީ އެންމެހާ ކަމެއްގައި އިއްތިހާދުވެފައިވާ ކޯލިޝަނެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރަތަމަ މަރުހަލާގެ ދަށުން މިދެޕާޓީގެ ދެމެދުގައި މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެމްޑީޕީއާއި ލޭބަރ ޕާޓީއާ ދެމެދު އެމްޑީޕީ އޮފީހުގައި މިއަދު ވެވުނު އެއްބަސްވުމަކީ ” ރައްތިތުންގެ މަޖިލިސް މެދުވެރިކޮށް ކުރާ ހުރިހާ ކަމެއްގައި، އެމްޑީޕީއާއި ލޭބަރ ޕާޓީ ގުޅިގެން މަސައްކަތްކޮށް، ސަރުކާރުގެ ސިޔާސީ އަދި ޤާނޫނީ އެޖެންޑާ ތަންފީޒްކުރުމުގައި ދެފަރާތުންވެސް އެއްބާރުލުންދީ އަދި އެމްޑީޕީއަށް ތާޢީދުކުރުމުގެ ގޮތުން ” ވެވުނު އެއްބަސްވުމެއް ކަމަށް މި ދެޕާޓީން ބުނެއެވެ.
” މި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށްކުރާ ހުރިހާ ކަމެއްގައި އެމްޑީޕީ ޢާއި ލޭބަރ ޕާޓީން މަސައްކަތްކުރާނީ އެއް ރޫޙެއްގައި އެއް ފިކުރެއްގައެވެ. މިގޮތުން ދިވެހި ސަރުކާރުގެ ސިޔާސީ އެޖެންޑާ ތަންފީޒްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ނިންމަންޖެހޭ ހުރިހާ ކަމެއްގައިވެސް ލޭބަރ ޕާޓީއަށް ނިޞްބަތްވާ އަދި އެޕާޓީގެ ރޫޙަށް ތާޢީދުކުރާ ހުރިހާ މެންބަރުންވެސް މަޖިލީހުގައި ވޯޓުދީ، ވަކާލާތުކޮށް ހަދާނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމާ ނިންމުންތަކާ އެއްގޮތަށެވެ.” މިއަދު އެމްޑީޕީއާ ލޭބަރ ޕާޓީއާ ދެމެދު ވެވުނު ތާރީޚީ އެއްބަސްވުމުގައި ވެއެވެ.
މިއަދުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހީމް ހުސައިން ޒަކީ ވިދާޅުވީ މި އެއްބަސްވުމަކީ މިދެޕާޓީ އިއްތިހާދު ވުމުގެ ފުރަތަމަ މަރުހަލާ ކަމަށާއި އިރާދަކުރެއްވިއްޔާ ގިނަ ދުވަސްތަކެއް ނުވެ މި ދެޕާޓީގެ މެދުގައި ކޯލިޝަނެއް ހެދޭނޭ ކަމުގައެވެ އަދި ލޭބަރ ޕާޓީގެ ރައީސްގެ ވާހަކަފުޅުގައި އެޕާޓީއަށް ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހުގެ އިތުރު މެންބަރުންތަކެއް ސޮއިކުރައްވާނޭ ކަމުގެ ޔަޤީންކަން ދެއްވިއެވެ. މީގެ އިތުރުން މިހަފްލާގއި ވާހަކަދެއްކެވި މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކު ވިދާޅުވީ އެމްޑީޕީއަށް މިހާރުވެސް ރައްޔިތުންގެ މަޖިލީހުގެ އިތުރު ދެ މެންބަރަކު ސޮއިކުރައްވާފައިވާ ކަމުގައެވެ. އެހެންނަމަވެސް އެއީ ކޮން ބޭފުޅުންނެއް ކަމެއް އާދަމް މަނިކު ވިދާޅެއް ނުވެއެވެ.
އެމްޑީޕީއާއި ލޭބާރ ޕާޓީއާ ދެމެދު ވެވުނު އެއްބަސްވުމުގައި އެމްޑީޕީގެ ފަރާތުން ސޮއިކުރެއްވީ އެޕާޓީގެ ވަގުތީ ރައީސް އިބްރާހީމް ހުސައިން ޒަކީއެވެ. ލޭބަރ ޕާޓީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެޕާޓީގެ ރައީސް އަހުމަދު ސަލީމް (ރެޑެވޭވް ސަލީމް) އެވެ.