ރާއްޖޭގެ މިނިވަންދުވަހާއި ގުޅިގެން އެމްޑީޕީގެ ޗެއަރޕާސަން މޫސާމަނިކު ދެއްވާ ޚިޠާބު

mdp-logo-original Moosa

މި އުފާވެރި މިނިވަން ދުވަހުގެ ހެޔޮއެދުމާއި، ތަހުނިޔާ އެމްޑީޕީގެ އެންމެހާ މެންބަރުންނަށާއި، ރާއްޖޭގެ އެންމެހާ ރައްޔިތުންނަށާއި، ރާއްޖޭގެ ލޮބުވެތި ރައީސުލްޖުމްހޫރިއްޔާ، މުޙަންމަދު ނަޝީދުގެ ދެކަނބަލުންނަށް އަރިސްކުރަމެވެ.
ގައުމެއްގެ މިނިވަންކަން ހެޔޮގޮތުގައި ބިނާވެގެންވަނީ ފަރުދުންގެ މިނިވަން ކަމުގެ މައްޗަށެވެ. ގައުމެއް މިނިވަންކަމާއެކު، ހިންދަމާލާ، މިނިވަން ގައުމެއް ކަމަށް ދައުވާކުރުމުގެ ޙައްޤު ބިނާވެގެންވަނީ އެގައުމެއްގާ ދިރިއުޅޭ އެންމެހާ ފަރުދުން އެބައިމީހުންގެ ޙައްޤުތަކަށް ވަކާލާތުކޮށް، އަޑުއުފުލާ މިނިވަންކަން ލިބިފައިވާ ގައުމަކަށެވެ. އަޅުގަނޑުމެން، އެމްޑީޕީން މިއަދު ފަޚުރުވެރިކަމާއެކު ދަންނަވަން އޮތީ، ދިވެހިރާއްޖެއަށް ފަރުދީ މިނިވަންކަން ގެނައުމުގައި، ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކުރުމުގެ ފުރިހަމަ ޙައްޤު ދިވެހިންނަށް ހޯދައިދިނީ މި ޕާޓީން ކަމުގައެވެ. ހަމައެހެންމެ ވެރިކަމުގެ ފަރާތުން ރައްޔިތުންނަށް ދޭންޖެހޭ އެންމެހާ ޙައްޤުތައް ފޯރކޮށްދިނުމުގައި ރައްޔިތުމީހާ އެދޭ ގޮތަށް، ދުލާއި ގަލަމުން ފާޅުކުރުމުގެ މިނިވަންކަން ހޯދައިދިނީ ވެސް އަޅުގަނޑުމެން އެމްޑީޕީގެ ހިއްވަރުން ކަމެވެ.
އިސްތިޢުމާރީ ބާރަކުން ވިޔަސް، އަނިޔާވެރި ޚުދުމުޚްތާރު ވެރިއެއްގެ ކިބައިން ވެސް ފަރުދުންގެ ޙައްޤުތައް ގެއްލިއްޖެނަމަ، ނުވަތަ މިނިވަން މުސްތަޤިއްލު ޤައުމެއްގެ ނަމާއި ސިއްކަ ޖެހިފައި އޮތް ގައުމަކަށް ވިޔަސް، ރައްޔިތުންނަށް ލިބިދޭ ފަރުދީ މިނިވަންކަން ނެތްނަމަ، ޙަޤީޤަތުގައި އެގައުމަކީ، މިނިވަން ގައުމަކަށް ނުކިޔޭނެއެވެ. ކަންމިހެން އޮތްއިރު، މިއަދު ރާއްޖޭގައި މިއޮތް މިނިވަންކަން ދެމެހެއްޓުމަކީ އަޅުގަނޑުމެން އެންމެހާ ރައްޔިތުންގެ މައްޗަށް ލާޒިމްކުރާ ކަމެކެވެ. ރާއްޖޭގެ މިނިވަންކަމާއި، އިސްތިޤްލާލު ގެއްލި ގޮސް، ބޭރުގެ ބާރުގަދަ ފަރާތްތަކުގެ ބާރުގެ ދަށަށް، ދިވެހި ގައުމު ގޮސްފައިވާ ފަހަރުތަކުގެ މައްޗަށް ބަލައިލާއިރު، ތާރީޚްގެ ޞަފްޙާތަކުން ފެންނަނީ ރައްޔިތުންގެ މައްޗަށް މިނިވަންކަމުގެ ޒައްރެއްގެ މިންވަރުވެސް ނުދީ، ވެރީން އެބައިމީހުންގެ ވެރިކަމާއި، ޖާހަށްޓަކާ ގައުމެއްގެ އެންމެހާ ރައްޔިތުން އަޅުވެތިކޮށްގެން، އުޅުމުގެ ނަތީޖާއެއްގެ ގޮތުން ސަރުކާރާމެދު އަޅާލާނޭ، ނުވަތަ ސަރުކާރާއި، ދައުލަތުގެ ދިފާޢުގައި ބަޔަކުނެތް، ރައްޔިތުންގެ ބަހެއް ނުބުނެވޭފަދަ ހާލަތެއްގައި އޮތް، ގައުމެއްކަމެވެ. ބާރުހުރި އެހެން ގައުމުތަކުން އެފަދަ ގައުމުތަކުގެ މައްޗަށް ވެރިވެގެންފައިވާ ތަނެވެ. ހަމަ މިބީދައިން، ބޮޑުންގެ ތެރޭގައި ތިބި ވެރިކަންކުރާ ހިތްވާ ބައެއް ފަރާތްތަކަށް އެ ފުރުޞަތު ނެތުމުން، ރަސްކަމުގެ ކޮއިލުތެރެއިން ވެރިކަމުގެ އާއިލާގެ ތެރެއިން ނުކުންނަ ބަޔަކު، ވެރިކަމުގެ ދަހިވެތިކަމަށްޓަކާ ބޭރުގެ ދައުލަތްތަކާ ނުވަތަ އެހެން ވެސް އެފަދަ ފަރާތްތަކާ ގުޅިގެން، ރާއްޖޭގެ މިނިވަންކަން ނަގާލާފައި ވެއެވެ.
މިއަދު އަޅުގަނޑުމެން އެމްޑީޕީން ގެނައި ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން އަޅުގަނޑުމެން އުފެއްދި މި ޤާނޫނު އަސާސީ އާއި، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަކީ، ވެރިކަމުގެ ޒާތާއި ވައްޓަފާޅި އެކުލެވޭ ގޮތުގެ މައްޗަށް ރައްޔިތުންނަށް ބަސްކިޔޭ، އަދި ރައްޔިތުންނަށް އެބައިމީހުންގެ ވެރީން އިންތިޚާބުކުރުމުގެ ފުރުޞަތު ލިބިދީފައިވާ ވެރިކަމުގެ ނިޒާމެކެވެ. އަދި ވެރިއަކަށް ހުންނަ މީހަކަށް އޭނާގެ ވެރިކަމުގެ އެންމެ ފަހު ތާރީޚް އަންގައިދޭ މުއްދަތެއް ކަނޑައެޅިފައި އޮތް، ވެރިކަމުގެ ނިޒާމެކެވެ. ހަމަ އެހެންމެ ވެރިކަމުގެ ދައުރުގައިވެސް ވެރިކަމަށް ފާޑުކިޔޭ އަދި ހަމަ ވެރިކަމުން ދުރުކުރުރެވޭނެ ޤާނޫނީ ހަމަތަކެއް އެކުލެވިފައިވާ ވެރިކަމުގެ ނިޒާމެކެވެ.
މި ނިޒާމާ މެދު ބަޔަކު ކިތަންމެ ހިންހަމަނުޖެހުނަސް މި ފަދަ ނިޒާމަކަށް ފުރުޞަތުނުދޭ ބަޔަކަށް ދެން ދިވެހީންގެ ވެރިކަމެއް، ދިވެހީން ދޫކޮށްގެން ނުވާނެއެވެ. މާޒިގައި އެބަޔަކަށް ލިބުނު ފުރުޞަތުގައި، ދައުލަތާއި ރައްޔިތުންގެ މިނިވަންކަން ނަގާލައި، ދުލާއި ގަލަމުގެ މިނިވަންކަން ހަޖަމު ނުކުރެވުނު ބަޔަކަށް، ދިވެހީންގެ ވެރިކަމެއް އަލުން ދެވިގެން ނުވާނެއެވެ. މިނިވަންކަމުގެ އަގު، އަޅުގަނޑުމެން ވަޒަންކުރަންވާނީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމް ދީނުގައި އަޅުގަނޑުމެންގެ މައްޗަށް ބާރުއަޅައި، މާތް ﷲ އަންގަވާފައިވާ އުޞޫލުތަކުގެ މަތީން މަޝްވަރާގެ އުސޫލާއި، ހަމަތަކާއި އެއް ގޮތަށެވެ.
ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައިވާ އެންމެހާ މިނިވަންކަން ހަމަ ކޮންމެ ރައްޔިތަކަށް، ލިބިދޭންޖެހެއެވެ. އެ ޙައްޤުތައް ލިބިދިނުމުގައި އިސްލާމީ ރިވެތި އުޞުލުތަކާއި އެއްގޮތަށް ކަންކުރުމަށް ޤާނޫނު އަސާސީ ބާރުއަޅައެވެ. އަދި މިކަން މިގޮތުގައި ދެމެހެއްޓުމަށް ވާންޖެހުނު ކޮންމެ ގުރުބާނީއެއް އަބަދުވެސް އެމްޑީޕީން ދިވެހިރައްޔިތުންނަށްޓަކައި ވާނެއެވެ.
ދިވެހި ދައުލަތް މިނިވަންކަން މަތީ ތާ އަބަދަށް ލެހެއްޓެވުން އެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. ދިވެހި ލޮބުވެތި ރައްޔިތުންނަށާއި، މި ލޮބުވެތި ދިވެހި ފަސްގަނޑަށް އަދަށްވުރެ މާ ފަހި، މާ ފާގަތި، މާ އުފާވެރި ދުވަސްތަކަކަށް އެދެމެވެ.

އެމްޑީޕީގެ ޗެއަރޕާސަން – (ރީކޯ) މޫސާ މަނިކު