ކުޅުދުއްފުށީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ކުންފުންޏެއް އުފައްދަވައިފި

“ކުޅުދުއްފުށީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް” މި ނަމުގައި ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ، ދިވެހި ސަރުކާރާއި ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލް ހިއްސާދާރުންގެ ގޮތުގައި ހިމެނޭގޮތަށް، ސަރުކާރުގެ ކުންފުންޏެއް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު އުފައްދަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޤަރާރަކުން އުފެއްދެވި މިކުންފުންޏަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި، އިޖްތިމާޢީ ދުޅަހެޔޮކަމަށް މަގުފަހިކޮށްދޭނެ ފަދަޔަކުން، ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ލޭންޑްޔޫޒް ޕްލޭންގައި “ކުޅުދުއްފުށީ ޑިވެލޮޕްމަންޓް ޒޯން” ގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަޙައްދު، ދިވެހި ސަރުކާރުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިން ތަރައްޤީކޮށް، ރައްޔިތުންނަށް އާމްދަނީ ހޯދޭނެ އެކިއެކި ވަސީލަތްތައް ޤާއިމުކޮށް، ވިޔަފާރީގެ ތަފާތު އިންވެސްޓްމަންޓުތަކަށް މަގުފަހިކޮށްދެއްވުމަށްޓަކައި އުފެއްދެވި ކުންފުންޏެކެވެ.