ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކުނިއޯ ޓަކަހާޝީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކާބެހޭ މަޢްލޫމާތާއި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ޓެކްސް ބިލުތަކާބެހޭ މަޢްލޫމާތު، ޖަޕާން ސަފީރަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ދެޤައުމުގެ މެދުގައި އޮންނަ ގާތް ގުޅުން އިތުރަށް ހަރުދަނާކުރެއްވުމުގެ މައްޗަށްވެސް ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. މިރޮނގުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޖަޕާން ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް މިހާތަނަށް ދެއްވާފައިވާ އަދި ދެއްވަމުން ގެންދަވާ އެހީތައް ފާހަގަކުރައްވައި، އެކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީއާއި، ފޮރިން ޕޮލިސީ އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް ޑޮކްޓަރ އަޙްމަދު ޝަހީދާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަޙްމަދު ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.