ޓެކްސް ނެގުމަކީ ހަރާމްކަމެއް ކަމަށް އެ ބުނަނީ ރައްޔިތުންނަށް އޮޅުވާލަން – ހާފިޒް ޒަކީ

އިބްރާހީމް ރާމިޒް

hafiz-zaki

މުސްލިމުންގެ މުދަލުން ޓެކްސް ނެގުމާއި އެކަމަށް ޤާނޫނު ހެދުމަކީ ޙަރާމް ކަމެއް ކަމަށް ސަލަފު ޖަމިއްޔާ އިން ބުނާ ބުނުމަކީ ކަނޑައެޅިގެން ދިވެހިރައްޔިތުންނަށް އޮޅުވާލުމަށް ދައްކާ ދޮގު ވާހަކައެއް ކަމަށް އެމްޑީޕީގެ އިސްލާމް ދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސް އަލްޙާފިޒް އަޙުމަދު ޒަކީ ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ވެބްސައިޓަށް މައުލޫމާތު ދެއްވަމުން ހާފިޒް ޒަކީ މިއަދު ވިދާޅުވީ” މާތް ﷲ ޙަލާލުކުރެއްވި އެއްޗިހި އަމިއްލައަށް ހަރާމްކޮށް، ޙަރާމްކުރެއްވި އެއްޗިހި ޙަލާލުކުރުމަކީ އިންސާނަކަށް ކުރެވޭނޭ ކަމެއް ނޫން” ކަމަށާއި، “ކަމެއް ހަރާމް ކަމަކަށް ކަނޑައެޅުމުގެ ކުރިން، ނުވަތަ ވަކި ކަމަކާ ގުޅޭ ގޮތުން ޙުކުމެއް ނެރުމުގެ ކުރިން، ކަޑައްތުކުރަންޖެހޭ ހަރުފަތްތަކެއް އިސްލާމްދީނުގައި ބަޔާންކޮށްފައިވާ ކަމަށާއި، “ބަޔަކު ހަމަ ތިބެފައި ހަރާމްކޮށް، ޙަލާލެއް ނުކުރެވޭނޭ” ކަމަށެވެ.
ޙާފިޒް ޒަކީ އިތުރަށް ވިދާޅުވީ މިގޮތަށް ބަލަންވާ ވަރަށް ނުބަލައި ބަޔާން ނެރޭ ނަމަ ދީނާއި މެދު، މީސްތަކުންގެ ހިތްތަކުގައި ޝައްކާއި ވަހުމް އުފެދި، ދީނީ ގޮތުން މި ގައުމުގައި ބޮޑެތި ފިތުނަ ފަސާދަތަކެއް އުފެދުމުގެ ފުރުސަތު ފަހިވެގެންދާނޭ ކަމަށެވެ. އަދި އިސްލާމް ދީނަކީ މެދުމިނުގެ ދީން ކަމަށާއި، އެއްވެސް ކަމެއްގައި ހައްދު ފަހަނައަޅައި ދިއުމަކީ ރަގަޅުކަމެއް ނޫން ކަމަށް ވެސް ޙާފިޒް ޒަކީ ވިދާޅުވިއެވެ.
” ޓެކްސް މި ނަގަނީ މި ގައުމު ހިންގަން.. ގައުމުގެ ދަރީންނަށް ރަގަޅު ޚިދުމަތްތަކެއް ފޯރުކޮށްދީ، ގައުމު އާރާސްތުކޮށް، ނިކަމެތީންނާއި ފަގީރުންނަށް މިހާރަށް ވުރެވެސް ބޮޑަށް އަޅާލެވޭނޭ މަގު، މި ޓެކްސްގެ ނިޒާމުގެ ސަބަބުން ފަހިވެގެން ދާނެ. އަޅުގަނޑުމެން ހަމަ ޒަކާތްވެސް މި ނަގަނީ ނޫންތޯ ފަގީރުންނަށް ދޭން.” ޙާފިޒް ޒަކީ ވިދާޅުވިއެވެ.
މީގެ އިތުރުން ބަޔަކު މީހުން އަމިއްލަ އެދުމުން ފުރިގެން ތިބެ ނެރޭ ބަޔާންތައް ގަބޫލުކުރުމަށް ވުރެ، ކަމާއި ބެހޭ ފުރިހަމަ މަޢުލޫމާތު ހޯދުމަށް ދިވެހި ވިޔަފާރި ވެރިންނަށާއި، އެންމެހާ ދިވެހިންނަށް ޙާފިޒް ޒަކީ އިލްތިމާސްކުރެއްވިއެވެ.