ދަރުބާރުގޭގައި މާދަމާ ބާއްވަވާ ޢިއްޒަތް އެރުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ، ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނެ

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިނިވަން ދުވަހުގެ މުނާސަބަތުގައި، މާދަމާ ހެނދުނު ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ، ޤައުމާ މުޚާޠަބު ކުރައްވާނީ، މާދަމާ ހެނދުނު 10 ޖަހާއިރު ދަރުބާރުގޭގައި ބާއްވަވާ، ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތާއި، ދިވެހި ދައުލަތުގެ ޢިއްޒަތް އެރުވުމުގެ ރަސްމިއްޔާތުގައި، ޢިއްޒަތް ލިބިވަޑައިގަންނަވާ ބޭފުޅުންނަށް ޢިއްޒަތް އެރުވުމަށްފަހުގައެވެ.

ދިވެހި ރައްޔިތުންނަށާއި، ދިވެހި ދައުލަތަށް އަގުހުރި ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންނަށް، މި އަރުވާ ޢިއްޒަތްތަކަކީ، ޤާނޫނު ނަންބަރު 97/1 ދިވެހިރާއްޖޭގެ ޢިއްޒަތުގެ ޤާނޫނުގެ ދަށުން އަރުވާ ޢިއްޒަތްތަކެވެ. މިގޮތުން، ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް، 8 ބޭފުޅަކަށް އަދި ދިވެހި ދައުލަތުގެ ޢިއްޒަތް، 6 ބޭފުޅަކަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާވަނީ ކަނޑައަޅުއްވާފައެވެ.