އެމްޑީޕީ ހެންވޭރު ދެކުނު ދާއިރާއިން، މެންބަރޝިޕް އިތުރުކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް ގެންދާ ކަމަށް އެ ދާއިރާއިން ބުނެފި

އިބްރާހީމް ރާމިޒް

henveyru-dhekunu

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ހެންވޭރު ދެކުނު ދާއިރާއިން، އެ ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް ގެންދާ ކަމަށް އެ ދާއިރާއިން ބުނެފިއެވެ.
އެމްޑީޕީ ހެންވޭރު ދެކުނު ދާއިރާގެ ރައީސް (އަނދުންގޭ) ޙުސައިން ޝަހީމް ވިދާޅުވީ، އެ ދާއިރާއިން މެންބަރޝިޕް އިތުރުކުރުމުގެ މަސައްކަތް އާ ހިއްވަރަކާއެކު ފަށައިގެން ކުރިޔަށް މި ގެންދަނީ، އެމްޑީޕީގައި ވީހާވެސް އަވަހަށް 50،000 މެންބަރުން ހަމަކުރުމަށް މަސައްކަތްކޮށްދެއްވުމަށް އެ ޕާޓީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު އެދިވަޑައިގެންފައިވާތީ އެކަމަށް އެއްބާރުލުން ދެއްވުމުގެ ގޮތުން ކަމަށެވެ.
“އަޅުގަނޑު ބޭނުންވަނީ އަބަދުވެސް އަޅުގަނޑުގެ ދާއިރާ އަކީ އެންމެ ޙަރަކާތްތެރި ދާއިރާއަށް ހަދައި، މި ދާއިރާ ވެސް އެހެން ދާއިރާތައް ވެސް މޯޓިވޭޓް ކުރުވުމަށް، ޕާޓީގެ ހަރަކާތްތައް ވީހާވެސް ގިނައިން މި ދާއިރާގައި ބޭއްވުން. އެ ގޮތުން މިހާރު ފަށައިގެން މިއުޅޭ މެންބަރޝިޕް އިތުރުކުރުމުގެ މަސައްކަތް ވެސް ވަރަށް ބާރަށް ކުރިޔަށް އެބަދޭ. އަޅުގަނޑު މި ދާއިރާގެ ރައީސް ކަމާ ހަވާލުވިފަހުން 141 މެންބަރޝިޕް ފޯމު އަޅުގަނޑު އެމްޑީޕީ އޮފީހާ ހަވާލުކޮށްފިން. އަދި އިއްޔެ 41 ފޯމު މުޅިން ނިންމުމަށް ފަހު މިހާރު އަޅުގަނޑުވާނީ އެމްޑީޕީ އޮފީހާ ހަވާލުކޮށްފަ. އިތުރު ފޯމުތައް ފުރުމުގެ މަސައްކަތް މިހާރު ވެސް ކުރިޔަށް އެބަދޭ.” ޙުސައިން ޝަހީމް ވިދާޅުވިއެވެ.
ޙުސައިން އިތުރަށް ވިދާޅުވީ އެމްޑީޕީގެ ޙަރަކާތްތައް އެދާއިރާގައި އެހާ ފުރިހަމަ ކަމާއެކު ކުރިޔަށް ގެންދެވެނީ، އެ ދާއިރާގެ އޮފީހުގައި މަސައްކަތްކުރާ މުޥައްޒަފުންނާއި، އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރާއި، ކައުންސިލަރާއި އަދި ހެޔޮއެދޭ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއެކު ކަމަށާއި، ޚާއްސަ ގޮތެއްގައި، އެ ދާއިރާގެ އަންހެނުންގެ އިސްނެގުން ފާހަގަކުރައްވާ ކަމަށެވެ.
ހެންވޭރު ދެކުނު ދާއިރާއިން ވަނީ ދާދިފަހުން އިތުރު 3 ގޮފި އުފައްދައި، އެ ގޮފިތަކުގެ އިންތިޚާބު ބާއްވާފައެވެ. އަދި އަލަށް އުފެއްދި ހުރިހާ ގޮތްޕެއްގެ ހިންގާ ކޮމިޓީއަށް ހޮވިފައިވަނީ އަންހެން މެންބަރުންކަން ވެސް ފާހަގަކޮށްލެވެއެވެ.
ހެންވޭރު ދެކުނު ދާއިރާއަކީ، އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބަށް ފަހު، އެ ދާއިރާގެ ރައީސްގެ އަމިއްލަ ޚަރަދުގައި، ވަކި އޮފީހެއް ގާއިމްކޮށް ވަރަށް ހަރަކާތްތެރިކަމާއެކު ހިންގަމުން ގެންދާ ދާއިރާއެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ދާއިރާއެކެވެ.