ޝެއިޚުންގެ ޕާޓީގެ އަމާޒަކީ ކޮބާ؟

ފުނަމާ

ޝެއިޚުންގެ ޕާޓީގެ ކޮންގްރެސްގެ ތެރޭގައި މިސަރުކާރުގެ ސްޓޭޓް މިނިސްޓަރުކަން ކޮށްފައިވާ ބޭފުޅަކު އެވަނީ އަދާލަތުޕާޓީގެ އެންގުންތަކަށް ސަރުކާރުން ފުރިހަމަޔަށް ކިޔަމަން ނުވާނަމަ ސަރުކާރާ ވަކިވާނެކަމުގެ އިންޒާރުދީފައެވެ. މިކަމަކީ އާކަމެއް ނޫނެވެ. މީގެކުރީންވެސް އެތަކެއް ފަހަރު އެ ޕާޓީން ވަނީ މިކަހަލަ އިންޒާރުތައް ދީފައެވެ. އަދިހަމަ އެހެންމެ ޚުދު އެބޭފުޅާ ވަނީ ސަރުކާރުގެ އިސްމަގާމެއްގައި ހުރެފައި، އިސްތިއުފާވެސް ދީފައެވެ. އަދި ސަރުކާރުގެ ތެރޭގައި އޮވެމެ ސަރުކާރާ އިދިކޮޅަށް މަސައްކަތްކުރާ ކޮންމެބަޔަކަށް ވާގިދިނުމާ، ސަރުކާރާ އިދިކޮޅަށް އެތަކެއް ހަރަކާތްތައް ވަނީ އެ ޕާޓީން ހިންގާފައެވެ. އަދި ފާޅުކަން ބޮޑުގޮތެއްގައި މިސަރުކާރު ވައްޓާލުމަށް ގޮވާލައި އެ ޕާޓީގެ އެކިފަރާތްތަކުން މަސައްކަތް ކުރަމުން ގެންދާ ކަމީ އޮޅުމެއް ނެތިއެނގޭން އޮތްކަމެކެވެ.
އަލަށް އެޕާޓީގެ ރިޔާސަތާ ހަވާލުވި ފަރާތުން، ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ހޫނުކޮށް ރައްދުދީ، މަލްޓިޕާޓީ ސިސްޓަމް އެފުށްމިފުށަށް ޖަހާލައި ޑިމޮކްރަސީ ނައްތާލުމަށް އެޕާޓީން މަސައްކަތް ފަށައިފިކަން ދޭހަވާގޮތަށް ސީދާބަހުން ވާހަކަދައްކާފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ މެދު ވެސް ފުންކޮށް ވިސްނާލަންޖެހެއެވެ.
ޝެއީޚުންގެ ޕާޓީއަކީ މަހުޖަނުގެ ޕާޓީއާއި ގުޅިގެން މަހުޖަނަށް ވެރިކަން ހޯދައިދިނުމަށް ރިޔާސީ އިންތިޚާބުގައި ނުކުތް ޕާޓީއެކެވެ. ދީނުގެ ނަމުގައި އިޞްލާޙަށް މަސައްކަތްކުރި ފަރާތްތަކަށް ގޮންޖެހުންތައް އެކިގޮތްގޮތަށް ކުރިމަތިކުރަމުން އެއިރުވެސް ގެންދިޔަ ޕާޓީއެކެވެ. ނަމަވެސް މަހުޖަނުގެ ޕާޓީއަށް ވެރިކަން ނުލިބުމާއި ގުޅިގެން އެޕާޓީން ކުރީގެ ވެރިންނާއި ގުޅެންކުރި މަސައްކަތް ކާމިޔާބުނުވެ އެންމެފަހުން އިސްލާހަށް މަސައްކުރި މީހުންނާ އެކުގައި އިއްތިހާދުވެ ނުކުތްއިރު މަހުޖަނުގެ ޕާޓީގެ ތެރެއިން ޝެއިޚުންގެ ޕާޓީ ވަނީ މިސަރުކާރާ ގުޅިފައެވެ. ޝެއިޚުންގެ ޕާޓީގެ އިސްބައެއް ފަރާތްތަކުން ހުއްދަނޫންކަމުގައި ބުނަމުން ގެންދާ ޑިމޮކްރަސީ އާއި މަލްޓިޕާޓީ ސިސްޓަމް ނައްތާލުމުގެ ގޮތުން ރައްޔިތުންގެ ކުރިމަތީގައި މިއަދުގެ ސިޔާސީވެށި ކިލަނބުކޮށް ، ހޫނުކޮށް ހަމަނުޖެހުން އުފެއްދުމަށްޓަކައި ބަޔަކުނުކުމެ މަގުމަތީގައި ހުޅުޖެހިނަމަވެސް ޝެއިޚުންގެ ޕާޓީން ގެންގޮސްފައިވަނީ އެބަޔަކަށް ރަސްމީކޮށް ތާއީދުކުރަމުންނެވެ. އެހެންކަމުން ސިޔާސީވެށި އެފުށްމިފުށަށް ޖަހާލައި ޖާނުދޫކޮށްލައިގެން ނަމަވެސް މިކަން ބަދަލުކުރާނެ ކަމުގައި އެބުނާ ބުނުމަކީ ނުރައްކާތެރި އިންޒާރެކެވެ. އެހެނީ އަމިއްލަޔަށް ޖާނުންފިދާވެގެން ޓެރަރިސްޓު ހަމަލާތައް ދިނުމަކީ އިސްލާމުންގެ ނަމުގައި ދުނިޔޭގައި އުފައްދާފައިވާ ބައެއް ޖަމާއަތްތަކުން މިފަދަ އިންޒާރުތައް ދިނުމަށްފަހު ހިންގުން އާންމުވެފައިވާ ކަމެކެވެ.
މިއަދު ޝެއިޚުންގެ ޕާޓީގެ އިސްފަރާތްތަކުގެ ގޮތުގައި އެތިބަ ފަރާތްތަކުގެ އާންމު ފިކުރަކީ މެދުމިނުގެ އުސޫލަށް ވުރެ ހަރުކަށި އުސޫލަކާއި ފިކުރެއްކަމުގައި ގިނަބަޔަކު ގަބޫލުކުރެއެވެ.
މިދަނޑިވަޅާ ދިމާކޮށް ކުރީގެ ވެރިންގެ ޕާޓީގެ އަހަރީދުވަހާއި ގުޅުވައިގެން ޝެއިޚުންގެ ޕާޓީއަށް “އެންމެހެޔޮއެދޭ” ޒެޑޭގެ ޣައިރު ގާނޫނީ ފެކްޝަނުން ބޭއްވި ޖަލްސާގައި ޒެޑޭ ޝެއިޚުންގެ ޕާޓީ އާއި، އޭނާގެ ސިޔާސީ ހަރަކާތާ އެއްގޮތް ވެއްޖެކަމުގައި ބުނެ ޝެއިޚުންގެ ޕާޓީއަށް ތައުރީފްކުރުމަކީ ވެސް ވިސްނާނުލައި ދޫކޮށްލެވޭ ވަރަށް ވުރެ މުހިންމު ކަމެކެވެ. އެހެނީ މިހާރުވެސް ޣައިރުގާނޫނީ ޖަމާއަތެއް ހަދައިގެން ކޮންމެގޮތަކުންވެސް ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރަމުންގެންދާ މީހަކަށް ޒެޑޭ ވެފައި ޝެއިޚުން ވެސް މިކަން އިއުލާނުކުރުމުން ކުރިއަށް އޮތްތާންގައި ވެދާނޭ ގޮތަކާ ދޭތެރޭ ވިސްނާލަން ޖެހެއެވެ.
ހައްދުފަހަނަޅާފައިވާ ބައެއްގެ ހަރަކާތްތަކުގެ ސަބަބުން ރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވެދާނެ ނުރައްކާތަކާއިމެދު މިހާރަށްވުރެ ބޮޑަށް ސަމާލުވެ ބަލަންވެއްޖެއެވެ. ޝެއިޚުންގެ އަމާޒަކީ މިހާރު ރަނގަޅު އެއްވެސް ނިޔަތެއްނެތި ސަރުކާރު ވަށްޓާލައި އެމީހުންގެ މަސްލަހަތާ އެއްގޮތަށް ދުނިޔޭގެ ޓެރަރިސްޓު ޖަމާއަތްތަކުގެ ޖަގަހައެއް ކަމުގައި މިގައުމުހެދުން ކަމުގައި ވެދާނެ ކަމަށް ގިނަ ބަޔަކު ބުނުން އެއީ ކަންބޮޑުވާ ކަމެކެވެ.
މިއަދުވެސް ޚާއްސަކޮށް އަންހެނުންގެ ހައްގުތައް ނިގުޅައިގަތުމާއި ، އަންހެންދަރީން ތައުލީމުން މަހުރޫމުކުރުމާއި ، އަދި ޅައުމުރުގައި ކުދީން މީހުންނާއި ކައިވެނި ކުރުވާކަމުގެ އަޑުތަކެއް ރާއްޖޭގައި ގަދަވަމުންދާއިރު މިކަންކަމަކީ ކޮންބަޔަކަށް ތާއީދުކުރާ ބަޔަކު ހިންގާ ކަމެއްކަން ފާޅުކަން ބޮޑުގޮތެއްގައި އެނގެއެވެ. މިހުރިހައި ކަމެއް ފޮރުވުމުގެ ގޮތުން ބަޔަކުނުކުމެ އިޒުރޭލުގެ ވާހަކަ ދައްކައިގެން އަސްލު އޮޅުވާލަން އުޅުނަސް އެމީހުންގެ ރޭވުމަކީ ކޮބައިކަން މިހާރު އެބައެނގެއެވެ. ބައިނަލް އަގްވާމީ ދުނިޔޭގައި އަދާލަތުޕާޓީން ގުޅިގެން އުޅެނީ ކޮންބަޔަކާތޯވެސް މިހާރަށްވުރެ ބޮޑަށް ބަލާން އެބަޖެހެއެވެ.