28 މެއި 2010
ގުއަންޓަނާމޯބޭ ޖަލުން ކުށޭއްނެތް މުސްލިމް ދެ އަޚަކު ގެނައުމަށް ދިވެހި ސަރުކާރުން ނިންމާފައިވަނީ އެކަމުގެ ސަބަބުން ޤައުމީ ސަލާމަތަށް އެއްވެސް ނުރައްކަލެއް ނެތްކަން ޔަޤީންވެ ވަޑައިގަތުމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.ރައީސް މިގޮތަށް ވިދާޅުވީ މިއަދު ހެނދުނު އެމަނިކުފާނު ދެއްވި ރޭޑިއޯ ޚިޠާބުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ސަރުކާރުން މިކަން ކުރައްވަމުން މިގެންދަވަނީ، އެއްވެސް ހާލެއްގައި ކަމެއް ފޮރުވުމަކަށް ނޫނެވެ. ފޮރުވިފައިވާ އެހެން އެޖެންޑާއެއް ހިންގެވުމަކަށްވެސް ނޫނެވެ. ރައީސް ވިދާޅުވީ މިކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާބެހޭ ކޮމިޓން ބަލަން ބޭނުންވާ ކަންކަން ބެލޭނޭ މަގު އިރާދަކުރެއްވިއްޔާ ސަރުކާރުން ވެވަޑައިގެންނެވި އެންމެ ފުރިހަމައަކަށް ފަހިކޮށްދެއްވާނެ ކަމަށެވެ. އެހެންނަމަވެސް، މިވަގުތު މިކަން މި ކުރައްވަނީ،
ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތަށްވެސް، ރާއްޖޭގެ ހައިބަތަށްވެސް، އެހެން ހާލުގައި ޖެހިފައިވާ މީހުންނާ ގުޅޭގޮތުން ދިވެހިން ދެކޭގޮތް ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައިވެސް ފެނިވަޑައިގަންނަވާތީއާއި، ދައުލަތަށް، ސަރުކާރަށް އިތުރު ޚަރަދެއް މިކަމުގައި އުފުއްލަވަން ޖެހިވަޑައިނުގަންނަވާނެކަމުގެ ޔަގީންކަން އޮތީތީ ކަމުގައި ވިދާޅުވިއެވެ.
ގުއަންޓަނާމޭބޯ ޖަލުން ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވާ މުސްލިމް އަޚުންނަކީ އެއްވެސް ކުށެއްގެ ރެކޯޑު އޮތްބައެއް ނޫނެވެ. އަދި ސަރުކާރުގެ މި ނިންމުމަށް އިދކޮޅު ފަރާތްތަކުން ދެކޮޅު ހަދަމުން ދިޔަ ނަމަވެސް ބައެއް އާންމު ޚިޔާލު ހޯދުންތަކުން ރައްޔިތުންގެ ގިނަބައެއްގެ ތާޢީދު މިކަމަށް އޮތްކަމަށް ވަނީ ފާހަގަކުރެވިފައެވެ.