ދީނުގެ މަގަކީ އެއްބައެއް ވަންތަކަމުގެ މަގުކަން ކަށަވަރެވެ …

17 ޖުލައިގެ ލިޔުމާއި ގުޅޭ

ލިޔުއްވީ: އަލްޙާފިޒް އަޙުމަދު ޒަކީ – އެމްޑީޕީގެ އިސްލާމް ދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސް

kaubathulla-gefulhu1

އިންސާނީ ޖަމާއަތްތަކުގައި ބައިބައިވުން އުފެދޭ ސަބަބުތަކަކީ ކަޅާ ދޮނުގެ ތަފާތެވެ. ނުވަތަ ބޮޑެތި މަސައްކަތްތަކުގެ ވެރިންނާއި، އެމީހުންގެ ގާތުގައި ނޯކިރީ ކުރާ މީހުންނާއި ދެމެދު އުފެދޭ ހަމަނުޖެހުމެވެ. ނުވަތަ ވެރިކަން ހިންގާ ފަރާތާއި ޢާންމު ރައްޔިތުންނާއި ދެމެދު އުފެދޭ ފިތުނައެވެ. ނުވަތަ މަތީ ފެންވަރުގެ ނުފޫޒު ގަދަ އާއިލާތަކާއި، އާދައިގެ މީހުންނާއި ދެމެދު އުފެދޭ ރުޅިވެރިކަމެވެ. މީގެ އިތުރަށް ނަސްލުގެ ތަފާތާއި ވާހަކަދައްކާ ބަހުގެ ތަފާތާއި، ދީނުގެ ތަފާތަކީވެސް ބައެއް ޤައުމުތަކުގައި ދެކޮޅުވެރިކަމާއި ބައިބައިވުން އުފެދޭ ކަންކަމެވެ. އިސްލާމީ އުއްމަތުގައި މިކަހަލަ އެއްވެސް ސަބަބަކާއި ހުރެ ބައިބައިވުން އުފެދޭނެ ޖާގައެއްނެތެވެ. އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ އިންސާނީ ހަމަހަމަ ކަމާއި، ދީނީ އެއްބަނޑު އެއްބަފާކަމާއި، އަދުލުންސާފުގެ މަތިވެރި އުސޫލުތައް އެއިން ކަމަކަށް ތަނެއް ނުދެއެވެ. ސޫރަތުލް ތައުބާގެ 71ވަނަ އާޔަތުގައި ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނަގައިވެއެވެ. ” މުއިމިން ފިރިހެނުންނާއި މުއިމިނުން އަންހެންނީ އޭގެ އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެދޭ އެކުވެރިން ކަމުގައިވާ މީހުންނެވެ. އެބައިމީހުން ހެޔޮކަންތަކަށް އަމުރުކުރެއެވެ. އަދި އެބައިމީހުން ނުބައިކަންތައް ނަހީކުރެއެވެ. އަދި އެބައިމީހުން ނަމާދު ކޮށް ޒަކާތްދީ ﷲ އާއި އެއިލާހުގެ ރަސޫލާއަށް ކިޔަމަންވެއެވެ. އެބައިމީހުންނަށް ﷲ ރަޙުމަތްލައްވާ ހުއްޓެވެ. ހަމަކަށަވަރުން ﷲ އީ ގަދަފަދަ ވަންތަ ހަކީމްވަންތަ އިލާހެވެ.
މިއާޔަތުގައި އަންގަވާފައިވާގޮތުގައި އިސްލާމީ އުންމަތުގެ އަންހެން ފިރިހެން، އެންމެހާ އަފްރާދުންނީ އެއްބަޔަކު އަނެއްބަޔަކަށް ވާގިދޭ، އެއްބަޔަކު އަނެއްބަޔަކާއި ގުޅިގެން ކަންތައްތައް ކުރަންޖެހޭނޭ ބަޔެކެވެ. ހެޔޮކަންތަކަށް އަމުރުކުރުމާއި ނުބައިކަންތައް ނަހީކުރުމުގައިވެސް ސުލްހަމަސަލަސްކަމާއިއެކު އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެދޭންޖެހޭނޭ ބަޔެކެވެ. ނަމާދުގާއިމް ކުރުމާއި ޒަކާތް ދިނުންފަދަ ދީނުގެ ރުކުންތައް ގާއިމްކުރުމުގައިވެސް އަދި މާތްﷲ އާއި އެއިލާހްގެ ރަސޫލާއަށް ކިޔަމަންތެރިވުމުގެ ގޮތުން ކުރާކޮންމެކަމެއްގައިވެސް ދެކޮޅުވެރިވުމެއް ވަކިވަކިވުމެއްނެތި އެންމެން އެކަތިގަނޑަކަށްވެގެން މަސައްކަތް ކުރަންޖެހޭނޭ ބަޔެކެވެ.
އަޅުގަނޑުމެންގެ މިދިވެހިރާއްޖެއަކީ ދުނިޔޭގެ އެހެންގައުމުތަކުގައި އުފެދޭފަދަ ނަސްލީ ނުވަތަ ދީނީ ނުވަތަ ސިޔާސީ ހަމަނުޖެހުންތައް އުފެދެންވީ އެއްވެސް ސަބަބެއްނެތް ސަތޭކާއިން ސަތޭކަ މުސްލިމް ގައުމެކެވެ. ކޮޅެއްނެތްހާއި ބޮޑު ރަހްމަތެކެވެ. ދުނިޔޭގެ އެހެންއެއްވެސް ގައުމަކަށް ލިބިފައިނުވާފަދަ ބޮޑު ނިއުމަތަކާއި ނަސީބެކެވެ. ﷲގެ އޯގާވަންތައް ވެރިކަމުން އަޅުގަނޑުމެންނަށް ދެއްވާފައިވާ މިބޮޑު ނިއުމަތާއި ނަސީބައް ރައްކާތެރިވުމަކީ އަޅުގަނޑުމެންގެ ތެރެއިން ހަމަކޮންމެ މީހެއްގެވެސް ވާޖިބެކެވެ. ވަކިން ހާއްސަކޮށް އަޅުގަނމެންގެ ތެރެއިން ތަންދޮރު ދަންނަށް ތައުލީމްގެ ނަސީބްލިބިފައިވާ އެންމެންގެ ވާޖިބެކެވެ.
ވިވަގުތުގައި އަޅުގަނޑުމެން ފާހަގަކޮށްލަން ވަރަށް މުހިންމުކަމެއް އޮބައޮތެވެ އެއީ މަޒްހަބީ ޚިލާފަކީ އެހެންހުރިހާ ބާވަތެއްގެ ހަމަނުޖެހުމަކަށްވުރެއް ނުރައްކާތެރިކަންމާބޮޑުކަމެއްކަމެވެ. އިސްލާމީ އުންމަތުގެ ހާލާއިމެދު ވިސްނާކޮންމެ މީހަކަށް މިކަން ރަގަނޅަށް އިޙްސާކުރެވޭނެއެވެ. ޝިޔައީންނާއި، ސުންނީންނާއި ދެމެދު ދުނިޔޭގެ އެތައް މިތާނގައި ހިންގާތަޅާފޮޅުންތަކާއި އަހުލުސުންނަތުގެ އެކިއެކި ފިޤްހީ މަޒްހަބުތަކުގެ އަހްލުވެރިންގެމެދުގައި މިހާރަކަށްއައިސް އުފެދެމުންދާ ބައިބައިވުންތަކަކީ ކޮންފަދަ ހިތާމަހުރި ކަންތައްތަކެއްތޯއެވެ. މިފަދަ އެއްވެސް ބައިބައިވުމެއް މިރާއްޖޭގައި އުފެދުނަނުދިނުމަކީ އަޅުގަނޑުމެންގެ ތެރެއިން ދީނީ ތާއުލީމް ޙާސިލްކުރުމުގެ ނަސީބުލިބިފައިވާ ކޮންމެ މީހެއްގެ ދީނީއަދި ޤައުމީ ވާޖިބެއްކަން ކަށަވަރެވެ. ދީނީ އިލްމަކީ އެންމެއަގުހުރި އިލްމެވެ. އަދި އެންމެބޮޑު އަމާނާތްމެއެވެ. ރަސޫލުﷲ ސައްލަﷲ އަލައިހި ވަސަލަމްގެ ހަދީޘްފުޅެއްގެ މާނައިގައިވެއެވެ. ތިމަންކަލޭގެފާނު ދުނިޔެއަށްދޫކުރެއްވީ މުދަލެއް ނޫނެވެ. އިލްމެވެ. އެހެންކަމުން އިލްމު ލިބުނު ކޮންމެމީހަކީ ބޮޑުއަމާނަތަކާއި ހަވާލުވެވުނު މީހެކެވެ. އެހެންކަމުން މިއަމާނަތައް އެންމެ ހެޔޮގޮތުގައި ރައްކާތެރިވުމުގެ ހެޔޮތައުފީގް ދިވެހިރާއްޖޭގެ ހުރިހައި ދިނީ އިލްމުވެރިންނަށް މިންވަރުކުރައްވާށިއެވެ. (އާމީން)

ނިމުނީ