އެމްޑީޕީ ސެކްރެޓޭރިއަޓްގައި މުޅިން އަލަށް އުފެއްދި ދެ މަގާމަށް، އެ ޕާޓީގެ ޗެއަރޕާސަން ދެ ބޭފުޅަކު އައްޔަންކުރައްވައިފި

އިބްރާހީމް ރާމިޒް

ކަނާއަތުން ވާއަތަށް: ފާތިމަތު ޝިއުނާ އަދި އައިމިނަތު ޝަނާއު
ކަނާއަތުން ވާއަތަށް: ފާތިމަތު ޝިއުނާ އަދި އައިމިނަތު ޝަނާއު

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ސެކްރެޓޭރިއަޓް ގައި މުޅިން އަލަށް އުފެއްދި ދެ މަގާމް ކަމަށްވާ އިންތިޒާމް ސެކްރެޓަރީ އާއި، ދާއިމީ ކޮމިޓީތަކާއި ބެހޭ ސެކްރެޓަރީ ކަމަށް، އެ ޕާޓީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު، 2 ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.
އެގޮތުން އިންތިޒާމް ސެކްރެޓަރީ ކަމަށް އައްޔަންކުރެއްވީ މ.ޕިންކް ލައިޓް ފާތުމަތު ޝިއުނާ އެވެ. ޝިއުނާ ކުރިން އަދާކުރައްވަމުން ގެންދެވީ އެމްޑީޕީ ސެކްރެޓޭރިއަޓްގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމުގެ މަގާމެވެ.
ދާއިމީ ކޮމިޓީތަކާއި ބެހޭ ސެކްރެޓަރީ ކަމަށް އައްޔަންކުރެއްވީ، މާލޭ ދަފްތަރު (ނިޔާމަ، ހއ.ހޯރަފުށި)، އާމިނަތު ސަނާއު އެވެ. އާމިނަތު ސަނާޢު ވެސް ކުރިން އަދާކުރައްވަމުން ގެންދެވީ އެމްޑީޕީ ސެކްރެޓޭރިއަޓްގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމުގެ މަގާމެވެ.
ފާތިމަތު ޝިއުނާ އާއި އާމިނަތު ސަނާއު އަކީ އެމްޑީޕީ ސެކްރެޓޭރިއަޓް ގައި މަސައްކަތްކުރާތާ އެންމެ ގިނަ ދުވަސްވީ 2 މުޥައްޒަފުންނެވެ. އެގޮތުން ފާތިމަތު ޝިއުނާ އަކީ އެމްޑީޕީ ސެކްރެޓޭރިއަޓް އުފެދިގެން މިވީ 6 އަހަރު ދުވަހު މެދުނުކެނޑި އެ އޮފީހުގައި ހީވާގިކަމާއެކު މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި އާމިނަތު ޝަނާޢު އަކީ ވެސް ވޭތުވެދިޔަ 5 އަހަރު، މެދުނުކެނޑި އެމްޑީޕީ ސެކްރެޓޭރިއަޓް ގައި ހީވާގިކަމާއެކު މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
އަލަށް މި އުފެއްދި 2 މަގާމަކީ ވެސް އެމްޑީޕީގެ 2 ވަނަ ކޮންގްރެސްގައި އިސްލާޙްކުރެވި މި ހާރު އަމަލުކުރަމުންދާ އެމްޑީޕީގެ އަސާސީ ގަވައިދުގެ ދަށުން އުފެއްދުން ލާޒިމްކުރާ 2 މަގާމެވެ. މި 2 މަގާމުގެ އިތުރުން ލީގަލް ޑައިރެކްޓަރަކާއި، އަމީން އާންމުގެ ނައިބަކު އައްޔަންކުރުމަށް ވެސް އެމްޑީޕީގެ އަސާސީ ގަވައިދު ލާޒިމްކުރެއެވެ.