28 މެއި 2009
ފަނޑިޔާރުންގެ ޝަރުޠު ފުރިހަމަވާކަން ނުވަތަ ނޫންކަން ބެއްލެވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން މި މެއި މަހުގެ 11 ވަނަ ދުވަހު ކަނޑައަޅުއްވާފައިވާ މިންގަނޑުތަކާމެދު އަލުން ވިސްނާވަޑައިގެން، އެ މިންގަނޑުތައް އިޞްލާޙުކޮށްދެއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގައި އެދިވަޑައިގެންފި ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު މިއަދު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން އެކުލަވާލެއްވި މި މިންގަނޑުތަކުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި މި މިންގަނޑުތަކަކީ މިހާރުގެ މުޖުތަމަޢާއި، ޤާނޫނީ ނިޒާމު ތަރައްޤީވެފައިވާ މިންވަރަށް ބަލާއިރު އެކަށީގެންވާ މިންގަނޑުތަކެއްކަމަށް ފެނިވަޑައިނުގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޖުޑީޝަލް ސަރވިސް ކޮމިޝަންގައި މިގޮތަށް މި އެދިވަޑައިގަތީ، ފަނޑިޔާރުންނަކީ މުޖުތަމަޢުގެ ތެރޭގައި ޤަދަރު އުފުލިގެންވާ ހައިބަތު ބޮޑު މަގާމެއްގައި ތިބޭ ބަޔަކަށްވީހިނދު، ފަނޑިޔާރުކަމުގައި ތިބޭ މީހުންގެ ތަޢުލީމާއި ތަޖުރިބާ ބެލުމަށް ކަނޑައަޅާ މިންގަނޑާއި އަޚުލާޤީ މިންގަނޑަކީ، ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ބާރާމެދު ރައްޔިތުންގެ ތެރޭގައި އިތުބާރު ޤާއިމުކުރެވިފައިވާފަދަ، ޤާބިލު، ޢަދުލުވެރި، އިންޞާފުވެރި ކޯޓުތަކެއް ދިވެހިރާއްޖޭގައި ހިންގުމަށް މަގުފަހިވާ، އަދި ކޯޓުތަކުގެ ހައިބަތާއި ޤަދަރު ޙިމާޔަތްކުރެވޭފަދަ މިންގަނޑަކަށްވުމަކީ ކޮންމެހެން ބޭނުންކަމެއް ކަމަށް ފެނިވަޑައިގަންނަވާތީ ކަމުގައި ވިދާޅުވިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގައި ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ބާރުތައް ލިބިގެންވާ ކޯޓުތަކަކީ، ދިވެހި ޤައުމާއި ރައްޔިތުންނަށް ޢަދުލުވެރި، ޤާބިލު ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ކޯޓުތަކެއްކަން ކަށަވަރުކޮށްދިނުންކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމެވި ނިންމެވުމަކީ، މި މަޤްޞަދު ޙާޞިލުކުރުމަށް ދަތިވުމުގެ އިތުރުން، ކަންބޮޑުވާންޖެހޭ ކަންކަން ހުރި ނިންމެވުމެއްކަމަށް ފާހަގަކުރެއްވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޤައުމެއް ތަރައްޤީވެ ދިޔުމަށްޓަކައި ވަކި ޚާއްޞަ ކަންތައްތަކެއް ވަކި އިރެއްގައި ވަކި ގޮތަކަށް ހަމަޖެހިފައި ހުންނަންޖެހޭނެކަން އަބަދުވެސް ފާހަގަކުރައްވާ ކަމަށާއި، އެ ކަންތައްތަކުގެ ތެރޭގައި އިތުބާރު ކުރެވޭ ފަނޑިޔާރުގެއަކީ ދިވެހި ރައްޔިތުންނާ ދައުލަތަށް ޤާނޫނުއަސާސީ ލިބިދޭ ޙައްޤެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައްޔިތުންގެ އިތުބާރާއި ޢަދުލްއިންޞާފު ހޯދުމަށް، އަދި ޤައުމުގެ ހަމަޖެހުމާއި އަމާންކަމަށް މި ދަނޑިވަޅު އެންމެ މުހިއްމު އެއްކަމަކީ، ފަނޑިޔާރުންނީ އިތުބާރުކުރެވޭ، ތެދުވެރި، ޤާބިލު ބައެއްކަން ރައްޔިތުންނަށް ކަށަވަރު ކޮށްދިނުން ކަމުގައިވެސް ރައިސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ދުވަހުން ދުވަހަށް އިތުރުވެ، ދުސްތޫރީ، ޖިނާއީ އަދި މަދަނީ ބޮޑެތި މައްސަލަތައް ހުށަހެޅެމުންދާ މިދަނޑިވަޅުގައި، ކޯޓުތަކުގެ ފަނޑިޔާރުންނަކީ އެކަށީގެންވާ ތަޢުލީމު ލިބިފައިވާ ފަރާތްތަކަކަށްވުމީ، އެ ދާއިރާ ހަރުދަނާކުރުމަށް އަޅަންޖެހޭ މުހިންމު ފިޔަވަޅެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.