28 މެއި 2010
މިއަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ 17 ވަނަ ސާކް ސަމިޓް ދެކުނު ޕްރޮވިންސްގައި ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ނިންމަވާފައިވާތީ އެކަމަށް މަރުހަބާ ދެންނެވުމުގެ ގޮތުން ދެކުނު ޕްރޮވިންސްގެ އައްޑޫގެ ބޮޑެތި މަގުތަކުގައި އުފާފާޅުކުރުމުގެ ލޮރީ ބުރެއް ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
އައްޑޫގެ އާންމު ރައްޔިތުންނާއި ޖަމިއްޔާ ޖަމާޢަތްތައް ގުޅިގެން މިއަދު 3.45 ން ފެށިގެން ކުރިޔަށް ގެންދާ މި ލޮރީ ބުރަކީ ދެކުނު ޕްރޮވިންސްގައި ބޭއްވޭ ސާކު ސަމިޓަކީ ކުލަގަދަ،ކާމިޔާބު ސަމިޓަކަށް ހެދުމަށް އައްޑޫގެ ރައްޔިތުން ކުރާ މަސައްކަތުގެ ފެށުން ކަމަށް އައްޑޫއިން މަޢްލޫމާތުދެއެވެ. މިގޮތުން މިއަދުން ފެށިގެން ސާކު ސަމިޓް ނިމެންދެން ސަރުކާރުގެ މި ނިންމުމަށް ތާޢީދުކޮށް މަރުހަބާ ދެންނެވުމަށް ތަފާތު ޙަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
ދެކުނު ޕްރޮވިންސްގައި ސާކު ސަމިޓް ބާއްވަން ޤަސްދުކުރައްވާކަން ރައީސުލްޖުމްހޫރިއްޔާ އިޢްލާންކުރެއްވީ އެމަނިކުފާނު މިދިޔަ ހަފްތާގެ ހުކުރު ދުވަހު ދެއްވި ރޭޑިއޯ ޚިޠާބުގައެވެ.
މި ސަމިޓް ބާއްވަން ހަމަޖައްސާފައިވަނީ އެއްބައި އައްޑޫގައި، އަނެއްބައި ފުވައްމުލަކުގައެވެ.މިއީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދެއްގައި ބޭއްވޭ ފުރަތަމަ ސާކް ސަމިޓްގެ އިތުރުން މި ސަމިޓަކީ އީކުއޭޓަރުން ދެކުނުގައި ބޭއްވޭ ފުރަތަމަ ސާކް ސަމިޓެވެ. އެހެންކަމުން މި ސަމިޓް ވެގެންދާނީ ވަރަށް ތާރީޚީ ސަމިޓަކަށެވެ.