މިތުރުންގެ ހިތަށް ދަތިކުރި ކަޅުކޮންމެ ރެއެއްވެސް…

ފުނަމާ

މާޒީގެ ތަޖުރިބާތަކާ އެހަނދާންތަކަކީ އަޅުގަނޑުމެންނަށް އެއާއި ވަކިނުވެވޭނެ ކަންކަމެވެ. ޕޯޗުގީޒުންނާއި މަލަބާރީންނާއި ހޮޅީންގެ ދުއްތުރާތަކާއި އަނިޔާތަކަކީ އަޅުގަނޑުމެން އެކަން ހަމަލޮލުން ދެކިފައި ނުވިނަމަވެސް ކާބަފައިން އަޅުގަނޑުމެންނާއި ހަމަޔަށް ގެނެސްދިން ވާހަކަތަކުގެ މައްޗަށް ބިނާކޮށް ޚުދު އަޅުގަނޑުމެން އިހުސާސުކުރަމުން މިއަދުވެސް ގެންދާ ކަންކަމެވެ. ހަނދާނުން ފޮހެވުމެއްނެތި އަޅުގަނޑުމެން އަބަދުވެސް އަޅުގަނޑުމެންގެ މުސްތަގުބަލަށް އެވާހަކަތައް ، އެހަނދާންތައް ރައްދުކޮށްދޭންޖެހޭ އަޅުގަނޑުމެންގެ މާޟީއެވެ. މާޟީއެއް ނުވިނަމަ އަޅުގަނޑުމެން އަޅުގަނޑުމެންނަކަށް ނުވީހެވެ. އެއާ އަޅުގަނޑުމެން ވަކިވެގެން ނުވާނެއެވެ. ގައުމުގެ ދަރީންގެ ހެވަތަށްޓަކައެވެ. އެހާދިސާ ތަކުން އެދަރީން އިބުރަތް ލިބިގަތުމުގެ ބޭނުމުގައެވެ. އަޅުގަނޑުމެންނަށް އެޅިފައިވާ ނުރަނގަޅު ފިޔަވަޅު ތަކަކީ ކޮބައިކަން ބަލައި ފިލާވަޅު ލިބިގަތުމަށެވެ. ބަތޮލުންގެ ހިތްވަރާއި، ގުރުބާނީއާއި ލާމަސީލު ޖިހާދުން ހިތްވަރު ލިބިގަތުމުގެ ބޭނުމުގައެވެ.
އަޅުގަނޑުމެން ލޮލުން ނުދެކޭ ތަނެއް ސިފަކުރެވޭނީ ލޮލުންދެކި އަތުންހިފައިފައިވާ ހާދިސާ ތަކާއި ޚިލާފު ގޮތަކަށް ކަމުން އެކަންކަން ހަނދާނުން ފޮހެލުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ނިމިގެންދިޔަ ވެރިކަމުގެ ދިގު ތާރީޚުގައި އަޅުގަނޑުމެން ދެކިފައިވާ އަނިޔާގެ ހިތިރަހަތަކަކީ އަޅުގަނޑުމެންގެ އަރުގައި މިއަދު ނުވަތަ މާދަމާ ލުމަށް އަޅުގަނޑުމެން އެެދޭނެ ރަހައެއް ނޫނެވެ. ކުރީގައި ޖަޕާނުމީހުން އެމީހުން އަތުލައިގަނެ ކުށްވެރީންގެ ގޮތުގައި ގެންގުޅުނު މީހުންގެ ނިޔަފަތިއުފުރާ ވާހަކަ އަޅުގަނޑުމެން އަޑުއެހީމެވެ. އެކަންވެސް އަޅުގަނޑުމެންގެ ބަޔަކު ހިއްސާ ކުރިއެވެ. ވިއެޓުނާމުގައި އަތުލައިގަނެވޭ ހަނގުރާމައިގެ ކުށްވެރީންނަށް ދޭކަމުގައި ބުނާ އަނިޔާތަކަކީ އަޅުގަނޑުމެން އަޑުއަހާ އެކަމުން މުޅިގައިން ހީބިހިނެގި ކަންކަމެވެ. ނަމަވެސް ހަމަ އަޅުގަނޑުމެންގެ ނިމިދިޔަ ތިރީސްއަހަރުގެ ވެރިކަމުގައި ޖަލުގައި ކުރެވުނު އަނިޔާ ތަކަކީ އިއްޔެއާ ހަމަޔަށް އަޅުގަނޑުމެންނަށް ފޮރުވާފައިއޮތް އަޅުގަނޑުމެންގެ ކަޅު ސަފުޙާތަކެކެވެ. އަނިޔާއާއި ވޭނުން ފުރިގެންވާ ކަރުނަވީ ތާރީޚުގެ އަނދިރި ފަރާތެވެ. ވެރިއެއްގެ އަނިޔާވެރިކަމާއި، ލާއިންސާނީ އަމަލުތަކުގެ ހަގީގަތެވެ. ގަދައަވީގެ ތެރޭގައި ކުށްވެރީން ގޮނޑީގައި ބަނދެ ބަނޑުހައިވެ އާދޭސްކުރުމުން މުގުރިހަ އަޅައި މޮޑެފައިވާ ހޫނުބަތްތަށި ބޮލަށާއި މުޅިގަޔަށް އަޅާލައި އެއިންނަގޮތަށް ރޭގަނޑު ހަތަރުދަމު ކަނޑަޔާއި މީދަލުގެ ޝިކާރައެއް ކަމުގައި ބޭންދި މަންޒަރު ވަގަށް ނަމަވެސް ބައެއް ކެމެރާތަކަށް ނެގިފައި ހުރުމަކީ އެކަންކަން މިއަދު އަޅުގަނޑުމެންނާ ހަމަޔަށް ހާމަވި ކަންކަމެވެ.

torture in jail

މިއަދުގެ ހަގީގަތަކީ އެއަނިޔާ ލިބުނު މީހުންނާއި އަނިޔާދިންމީހުންވެސް މިކަންކަމާ އިންކާރުކުރާކަމެވެ. އަމިއްލަ މަސްލަހަތުތައް ހިމާޔަތް ކުރުމަށް ތާރީޚު އޮޅުވާލުމަށް މަސައްކަތް ކުރާކަމެވެ. އަނިޔާ ލިބެމުންދިޔަ މީހުންގެ ހައްގުގައި ތެދުވެ އަނިޔާ ނައްތާލުމަށް ނުވަތަ ތިމާމެންނަށް ލިބެމުންދިޔަ އަނިޔާއިން ސަލާމަތް ކުރުމަށް މަސައްކަތްކޮށްދިން ބަޔަކަށް ފުރައްސާރަކޮށް އަނިޔާވެރިވި މީހުންނަށް ސަނާކިޔާކަމެވެ. އަދި މިކަން ކުރުމުގައި އެންމެ އިސްވެތިބީ ތިމަންނާ މެންނަކީ ދީނީ އިލްމުވެރީންނޭ ބުނެ ސިއްކަޖެހިގެން ތެދެބުނެ ހެޔޮމަގު ދައްކައި ދިނުމުގައި އިސްނަގައިގެންތިބި މީހުން ކަމުގައި ވާނަމަ މިއީ އެމީހުންގެ ބަހުގެ ތެދުކަމާއިމެދު މީހުން އިންކާރުކުރުމަށް ހުޅުވާލެވޭ ދޮރެކެވެ. އަނެއްކާވެސް އެފަދަ އަނިޔާތައް މިގައުމު ތަޖުރިބާކޮށްފާނެ ކަމުގެ ހެއްކެކެވެ. ތިމާޔަށް ކުރިމަތިވި އަނިޔާ އަމިއްލައަށް ވަޒަން ނުކުރެވޭ ބަޔަކު އަނެކުންނަށް އަނިޔާދިނުމުގައި ފަހެއް ނުޖެހޭނެއެވެ. ތިމާމެންގެ ލޮލުގެ ކުރިމަތީގައި ހިންގިކަންކަމާ އިންކާރުކުރާ ބަޔަކަށްވުރެ މަގުފުރެދިފައި ތިބިބަޔަކު ގައިމުވެސް ނުތިބޭނެއެވެ. އަޅުގަނޑުމެން ނުދެކޭ މަންޒަރެއް އަޅުގަނޑުމެން ދޮގުކުރުމަކީ ވެދާނެ ކަމެކެވެ. ނަމަވެސް އަޅުގަނޑުމެން އަޅުގަނޑުމެންގެ ނަފުސައް ލިބިދިޔަ ވޭނާއި ކެކުޅުން ހަނދާން ނައްތާލައި އެކަން ދޮގުކުރާނަމަ އަޅުގަނޑުމެންނަށް އެއަނިޔާވެރި ވެވެނީ އަމިއްލަ ނަފުސައް އެކަންޏެއް ނޫނެވެ. އެއޮޅުވާލަނީ ތާރީޚެވެ. ނޭނގިނަމަވެސް އެފުރައްސާރަ ކުރެވެނީ އަޅުގަނޑުމެންގެ ދީނަށެވެ. މިތުރުންގެ ހިތައް ދަތިކުރި ކަޅުކޮންމެ ރެއެއް ފަތިސްވެ އަލިވެ ހިންހަމަޖެހުމުގައި ދަމަހައްޓަން ބޭނުންނަމަ މިފަދަ ދޮގުވެރީންގެ ކިބައިން ގައުމު ސަލާމަތް ކުރާން ޖެހެއެވެ.