ރާއްޖޭގެ އިޤްތިޞާދީ ނިޒާމަށް ގެންނަމުން މިދާ ފަދަ އިޤްތިޞާދީ ބަދަލުތައް ގެނެސްގެން ކުދި ކިތަންމެ ގައުމަކަށް ފައިދާވެފައި އެބަހުރި – ރައީސް

އިބްރާހީމް ރާމިޒް

hep

ރާއްޖޭގެ އިޤްތިޞާދީ ނިޒާމަށް ގެންނަމުން މިދާ ފަދަ އިޤްތިޞާދީ ބަދަލުތައް ގެނެސްގެން ބޮޑެތި ގައުމުތަކަށް ވެސް އަދި ކުދި ކިތަންމެ ގައުމަކަށް ވެސް ފައިދާވެފައި އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ދިވެހިރައްޔިތުންނާ މުޚާޠަބުކުރައްވައި ދެއްވި 107 ވަނަ ރޭޑިއޯ ޚިޠާބުގައި މިއަދު ވިދާޅުވީ ސަރުކާރުގެ އިޤްތިޞާދީ ނިޒާމަށް މިގެނެވޭ ބަދަލުތަކަކީ، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ނުހަނު ތަޖްރިބާ ކޮށްފައި ހުރި ބަދަލުތަކެއް ކަމަށާއި، “ބޮޑެތި ޤައުމުތަކުގައިވެސް އަދި ދިވެހިރާއްޖެފަދަ ކުދި ކިތަންމެ ޤައުމެއްގައިވެސް މިބަދަލުތަކުގެ ސަބަބުން އެޤައުމުތަކުގެ ރައްޔިތުންނަށްވަނީ ނުހަނު ފައިދާކޮށްފައި” ކަމުގައި ވިދާޅުވިއެވެ.
ސަރުކާރުން ހުށަހަޅުއްވާފައިވާ ޓެކްސްގެ ބިލްތަކަށް ބައްލަވައިލައްވަމުން، ޓެކްސް ނެގުނީމާ، މާލިއްޔަތު ހަމަޖެއްސުމުގައި، ސަރުކާރަށް އެތައް ތަނެއް ފަސޭހަވެގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި ޓެކްސްގެ ސަބަބުން ސަރުކާރުގެ އާމްދަނީ އިތުރުވެ، ސަރުކާރުން ކުރަންހުރި ކިތަންމެ ޚަރަދުތަކެއް، ވަރަށްފަހިކަމާ އެކީގައި ކުރެވި، ފަސޭހައިން ހިންގެންހުރި މަސައްކަތްތައް ހިނގައިގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ނިޒާމަށް މިބަދަލުތައް ގެންނަންޖެހޭ ކިތަންމެ ސަބަބެއް އެބަހުރިކަން ހާމަކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެއަކީ މިހާރު މެދު އާމްދަނީގެ ޤައުމަކަށްވާއިރު، މިފަދަ ޤައުމެއްގައި ކަންކަން ހުންނަން ޖެހެނީ، ތަރައްޤީއަށް ފަހިވާގޮތަށް އަދި ދެމެހެއްޓެނިވި ގޮތުގައި ލޮޅުންތަކުން އިޤްތިޞާދު ސަލާމަތްވެ، ކޮންމެ އަހަރަކުން އަހަރަކުން ކުރިއަރަމުން ދެވޭނެ ބައްޓަމަކަށް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިއަދުގެ ރޭޑިޔޯ ޚިޠާބުގައި، މިބިލްތަކާމެދު ރައްޔިތުންގެ މަޖިލީހުން ފުން ވިސްނުމަކާ އެކީގައި ޢަމަލު ކުރައްވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އަދި ދައުލަތަށާއި، ރައްޔިތުންނަށާއި ސަރުކާރަށް ލިބެންހުރި ފައިދާތަކަށް ވިސްނާވަޑައިގެން، ރާއްޖޭގެ ކުރިއެރުމާއި، ރާއްޖޭގެ ތަނަވަސްކަމަށް ފަހިވާގޮތަށް މަޖިލީހުގެ މެންބަރުން ޢަމަލު ކުރައްވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި ސަރުކާރުން ހުށަހަޅުއްވާފައިވާ އިޤްތިޞާދީ ބަދަލުތައް ގެނައުމުން، މިއިޤްތިޞާދަކީ ދެމެހެއްޓެނިވި ގޮތުގައި ރާއްޖޭގެ ރައްޔިތުންގެ ތަރައްޤީއަށާއި، ޢާންމު ޙާލަތު ރަނގަޅު ކުރުމަށް ފަހިކޮށްދޭނެ އިޤްތިޞާދަކަށް ވެގެންދާނެ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.