އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕު މަޅިދަށުލާން ނޫޅޭށެވެ!

ފުނަމާ

majlis

ތަސްމީނާއި ވަކިވެގަނެގެން ޔާމީނަށް ތާއީދުކުރާ މީހަކު ދީނާގުޅުވައިގެން ބިލުތަކަކާއި ގަރާރުތަކެއް މަޖިލީހަށް ވައްދައިގެން ދީނުގެ ނަމުގައި ކޯޅުންތަކެއް އުފައްދާން މަސައްކަތް ކުރާތަން މިހާރަކަށް އައިސް ފެންނަމުން އެބަދެއެވެ.
އެގޮތުން އިސްލާމިކް ޔުނިވަރސިޓީއެއް ހެދުމުގެ ބިލާއި ކީރިތި ގުރުއާން ސްކޫލްތަކުގެ މަޖުބޫރު މާއްދާއެއްގެ ގޮތުގައި ހެދުމާގުޅޭ ގަރާރު އެވަނީ މަޖިލީހަށް ވައްދާފައެވެ. މާބޮޑު އިލްމީ ފެންވަރެއް ނެތަސް ހައްދުން މައްޗަށް ގޮސްފައިވާ އަބުދުގެ އަބުދުރަހީމާ އެއްކަލަ ކެމެރާލަލޯ ތެދުވެ މަޖިލީހުގެ ތެރޭގައި މިކަމަކީވެސް ސިޔާސީ ކަމަކަށް ހަދައި އެމްޑީޕީގެ މެންބަރުންނަކީ ލާދީނީ ބައެއް ކަމުގައި ހަދާންއުޅޭއިރު ބިލާ ގަރާރާ ނުގުޅޭގޮތުން ބާރަށް ބަވައި މަޖިލިސް ހޫނުކޮށް ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށް މަސައްކަތް ކުރަމުން އެގެންދަނީ ނަވާރަހާހުގެ ދަރަނިވެރިޔާ މޮޔަހައްލައިގެން ކަމުގައި ބުނެވިދާނެއެވެ. ކީރިތި ގުރުއާން މަޖުބޫރު މާއްދާއެއް ކަމުގައި ހަމަޖެއްސުމަކީ އެމްޑީޕީގެ ހުރިހާ މެންބަރުންވެސް އެކަމާ އެއްބަސްވާ ކަމެއްކަން މަޖިލީހުގެ ތަޅުމުގައި ވާހަކަ ދެއްކި ހުރިހާ އެމްޑީޕީގެ މެންބަރުންވެސް ހާމަކޮށްދެމުންދާއިރު ގަރާރު ހުށައެޅީ އެނޫން ވިސްނުމެއް އޮވެގެން ކަމުގައި ވެދާނެއެވެ.
ވިސްނާލަން ޖެހޭކަމަކީ ރާއްޖޭގެ ސްކޫލުތަކުގައި ބިދޭސީ ދަރިވަރުން މަދުން ނަމަވެސް އެބައުޅެއެވެ. އަދި މީގެތެރޭގައި ޣައިރު މުސްލިމު ކުދީންވެސް އެބަތިއްބެވެ. އެކުދީންނަށް މިކަން މަޖުބޫރެއް ނުކުރެވޭނެއެވެ. ހަމައެހެންމެ އިސްލާމްދީނުގެ އެއްވެސް ކަމަކީ މަޖުބޫރުކޮށްގެން އެކަމުގެ އެންމެ ރަނގަޅު ނަތީޖާ ނެރެވޭނެ ކަމެއް ބާވައެވެ. ކަނޑަ އެޅިގެން ކޮންމެ އިންސާނަކު އިސްލާމަކަށް ވުމަށް މަޖުބޫރު ކުރުމަށް ގުރުއާނާއި ސުންނަތަކުންވެސް އެނގޭކަށް ނެތެވެ. އެކަމަކު އިސްލާމުން ކަމުގައި ވާނަމަ ދީނީ ކަންކަން ކުރިއަރުވައި ދިރުވައި ދެމެހެއްޓުމަކީ ކޮންމެހެން ކުރާންޖެހޭނެ ކަމެކެވެ. އެހެންކަމުން ރާއްޖޭގައި މިހާތަނަށްވެސް ދަރީންނަށް ގުރުއާން އުގަންނައި ދިނުމާއި ނަމާދާއި މިނޫންވެސް ދީނުގެ ކަންކަން ކުރުވުމަށް މައިންބަފައިންނާއި ބެލެނިވެރީން އަދި ، ސަރުކާރުންވެސް ބާރުއަޅަމުން ގެންގޮސްފައި ވެއެވެ. ނަމަވެސް މިއަދު ރާއްޖޭގައި ދީނީ ހޭލުންތެރިކަން ނެތި ގުރުއާނުގެ އިލްމާ މީހުން ދުރުވާކަމުގައި ބުނެ މިފަދަ ގަރާރުތައް ހުށައެޅުމުން ކަންބޮޑުވާން އެބަޖެހެއެވެ. ދީނީ ކަަންކަމާ މީހުންދުރުވާނަމަ ދުރުވެފައި ވަނީ ހިންގަމުން ގެންދާ ސިޔާސަތުތައް މިހާތަނަށް ފެއިލްވެފައި ވާތީކަމުގައި ދަންނަވާންޖެހެއެވެ. އެހެންކަމުގައި ވާނަމަ އެކަންކުރީ މައުމޫނެވެ. އޭނާގެ ވެރިކަން ނިމުނުއިރު ރާއްޖޭގެ ޒުވާނުން ދުރާލައި ރާވައިގެން މަސްތުވާތަކެތީގައި ޖައްސައި ދީނީ އިލްމުވެރީން ނައްތާލުމަށް ކުރި މަސައްކަތް ތަކަކީ ފެންނާންހުރި ސާބިތު ހެކިތަކެވެ.
ނަމަވެސް މިއަދު އެމައުމޫނުގެ ތައްޕާހުގައި އުޅޭބަޔަކު ނުކުމެ ދީނޭ ކިޔައިގެން ވާހަކަ ދެއްކީމައި މޭނުބައި ކުރެއެވެ. އެކަމަކު ބުނާންއޮތީ ތިޖަހާ އެއްވެސް މަޅިއެއްގައި އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕެއް ނުބެދޭނެއެވެ. އެއާ ޚިލާފަށް އަނެއްކާވެސް އިތުރަށް ހާމަވާނީ މައުމޫނުގެ ލާދީނީ މަކަރުވެރި ޚިޔާނާތްތަކެވެ. އަދި މާމޮޅަށް ދީންދަންނަ ކަމުގައި ހެދިގެން އުޅޭ ބައެއްމީހުުން އެއްދުވަހު ތެދުވެ ގުރުއާނައި ސުންނަތުންނޭ ބުނެ ގާރޫނު މަދިރިއަކުން ހަލާކުކުރެއްވި ވާހަކަ ދައްކާފައި މަގުމައްޗަށް ނުކުތީމައި މީހުން ހަޅޭއްލަވާވަރުން އަނެއްދުވަހު ވަދެ އެއީ ނަމުރޫޒޭ ބުނެ ހަމަ އެވާހަކަދެއްކުމުގެ ފުރުސަތު މިކަހަލަ ރޯނުއެދުރުންނަށް އޮތީމާ މިހީވަނީ އެމްޑީޕީގައި އެގޮތަށް ރައްދުދެވޭނެ މީހުން ނެތީކަމުގައެވެ. ނޫނެކެވެ. އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕު އެކުލެވިފައި އޮތީ އަދި އިތުރުވަމުން އެދަނީ އެތަކެއް އުސްތާޒުންނާއި އެހާމެ ދުރުވިސްނޭ ގާބިލް ބައްގެ މައްޗަށެވެ. ގައުމަށް ގެންނާންޖެހޭ މުހިންމު ހިނދުކޮޅުތައް ގެންނާން އެނގޭ ހަމައެހެންމެ ނުގޮތަކަށް އަންނަ އެފަދަ ހިނދުކޮޅުތައް ނައްތާލުމުގެ ތަޖުރިބާވެސް އެމެންބަރުންގެ ހުންނާނެއެވެ.އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕު މަޅިދަށުލާން ނޫޅޭށެވެ. އެއީ ވާނެ ކަމެއް ނޫނެވެ. އެއީ ތި ކޮހުންނަށްވުރެ ކިތަންމެ ތަނަކުން ވިސްނުންތެރި، ޙިކުމަތްތެރި ބައެކެވެ. އެބައިމީހުންގެ މާލިމީ އަކީ އަބަދުވެސް ހަކުޅި ކުރިއަށް ކުޅުއްވާ ބޭފުޅެކެވެ.