ނޫސް ބަޔާން

27 މެއި 2010

ގައުމީ ސަލާމަތާބެހޭ ކޮމިޓީގެ ބައްދަލުވުން ހިނގަމުންދާ ގޮތް ކުށްވެރިކުރުން

ޑީ.އާރު.ޕީގެ އަޣްލަބިއްޔަތު އޮތް ކޮމެޓީއަކުން އެ ކޮމެޓީގެ މުޤައްރިރު، ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިނގަމުންދާ ގައުމީ ސަލާމަތާބެހޭ ކޮމެޓީގެ ބައްދަލުވުން ސިއްރު ޖަލްސާއަކަށް ބަދަލު ކުރިމަކީ މި ޕާޓީއިން ނިހާޔަތަށް ކުއްވެރިކުރާކަމެކެވެ.
މިކަމުން އެނގެނީ ޑީ.އާރު.ޕީގެ ފަރާތުން ގުއަންޓަނާމޯބޭ މައްސަލަ އާއި ގުޅޭގޮތުން ހަޤީގަތާ ޚިލާފު ވާހަކަތައް ފަތުރަމުން ދާކަމެވެ. އަދި މިއަދު މިޖަލްސާ ހުޅުވާލެވިގެން ބޭއްވުނުނަމަ ރައްޔިތުންނަށް މިކަން ހިނގާފައިވާގޮތް ވަރަށް ރަގަޅަށް ޚާރިޖީ ވަޒީރު ޑރ. އަހްމަދު ޝަހީދު ވިދާޅުވެ ދެއްވީސްކަން ކަށަވަރެވެ.
މިހާތަނަށްވެސް މިޖަލްސާތައް ހުޅުވާލެވިގެން މި ބޭއްވުނީ މިޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން ހުށަހަޅައިގެން ނެވެ. އަދި މިޕާޓީން ދެކޭގޮތުގައި ގުއަންޓަނާމޯބޭ ޖަލުގައި ތިބި މުސްލިމް އަޚުންގެ ތެރެއިން މީހަކު ރާއްޖެއަށް ގެނައުމުގެ މައްސަލަ އަކީ ދިވެހި ރައްޔިތުންނާ ނުހަނު ގުޅުން ބޮޑު ކަމަކަށް ވީ ހިނދު، މިކަން ހިނގާފައިވާ ގޮތުގެ ފުރިހަމަ މަޢުލޫމާތު ރައްޔިތުންނަށް އެނގެންޖެހޭނެއެވެ.
ވީހިނދު، ގާނޫނުއަސާސީގެ 85 ވަނަ މާއްދާގެ ރޫހާއި ޚިލާފަށް ރައްޔިތުންނަށް ކަމުގެ ޙަޤީޤަތް އޮޅޭގޮތަށް މަޖިލީހުގެ ކަންތައްތައް ގެންދިއުން، މިހިނދުން މިހިނދަށް ހުއްޓާލައި، ވީހާވެސް ހާމަކަންބޮޑު ގޮތެއްގައި ރައްޔިތުންގެ މަޖިލީހުގައި ހިނގާ ކަންތައްތަކުގެ ސައްޙަ މަޢުލޫމާތު އެ މަޖިލިސް ނިސްބަތްވާ ފަރާތްކަމަށްވާ ދިވެހިރައްޔިތުންނަށް އެނގޭނޭ ފަދައިން މަޖިލިސް ގެންދިއުމަށް ޑީ.އާރު.ޕީ އަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް މިޕާޓީން އިލްތިމާސް ކުރަމެވެ.