އަޅުގަނޑު ވަޒީރުކަމާ ހަވާލުވިޔަސް އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން އަދާކުރާ މަސްއޫލިއްޔަތުގެ ޒައްރެއްގެ މިންވަރުވެސް އުންޏެއް ނުވާނެ: ޑރ.ޑީޑީ

” ކިތަންމެ ބޮޑު ގޮންޖެހުމެއް، ކިތަންމެ ގިނަ ދަތިތަކެއް ކުރިމަތިވިޔަސް” އެމްޑީޕީގެ ރައީސް ކަމުގައި ދެމިހުންނަވާނޭ ކަމަށް ވެސް ޑީޑީ ވިދާޅުވި

އިބްރާހީމް ރާމިޒް

didi

ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ނަމަވެސް އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން އަދާކުރައްވާ މަސްއޫލިއްޔަތުގެ ޒައްރެއްގެ މިންވަރުވެސް އުންޏެއް ނުވާނޭ ކަމަށް އެމްޑީޕީގެ ރައީސް ޑރ.އިބްރާހީމް ދީދީ (ޑރ.ޑީޑީ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ސެކްރެޓޭރިއަޓް ގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސް އެއްގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޑީޑީ ވިދާޅުވީ، މިއަދު ބޭއްވި ޕްރެސްކޮންފަރެންސް އަކީ އެމްޑީޕީގެ ރައީސް ކަމުގައި ހުންނަވައިގެން އެމަނިކުފާނު ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވުމުން، “ލައްކަ ގިނަ މަސައްކަތް ކުރެއްވޭނީ، ލައްކަ ގިނަ ވަގުތުދެއްވޭ މީހަކަށް” ކަމަށް އެމަނިކުފާނު ކުރިން ވިދާޅުވެފައިވާތީ، އެ ބަސްފުޅާއި، މިހާރު އަމަލުކުރައްވާ ގޮތާ ފުށުއަރާ ކަމަށް މީޑިއާތަކުންނާއި އެމްޑީޕީގެ ބައެއް މެންބަރުންގެ ފާޑުކިޔުންތައް އަމާޒުވަމުންދާތީ ކަމަށެވެ.
” އަޅުގަނޑު ކެމްޕެއިން ތެރޭގަ ދަންނަވާފަ އޮންނާނީ މިއަދުވެސް އަމަލުކުރަމުންދާ ގޮތުގެ ވާހަކަ. އަޅުގަނޑު ދަންނަވާފަ އޮންނާނީ ޕާޓީގެ ރައީސްގެ ޒިންމާއަދާ ނުކުރެވޭ ފަދަ މަގާމަކާ ހަވާލު ނުވާނަމޭ. ފިޝަރީޒް މިނިސްޓަރު ކަމަކީ ޕާޓީގެ ރައީސްކަމުގެ ޒިންމާ އަދާނުކުރެވޭ ވަރުގެ މަސްއޫލިއްޔަތެއް ނޫން. އަޅުގަނޑު އިއްޔެވެސް އޮންނާނީ އެކަން ސާބިތުކޮށްދީފަ.” ޑރ.ޑީޑީ ވިދާޅުވިއެވެ.
އެމްޑީޕީގެ ސަރުކާރެއް ދެމިއޮތްހާ ހިނދަކު، އެ ޕާޓީގެ ރައީސް ކަމުގެ މަގާމުގައި ހުރެގެން ވަޒީރުކަން ކުރެއްވިޔަސް އެކަމަކުން އެއްވެސް ކަމަކަށް ފުށުއެރުމެއް ނާންނާނޭ ކަމަށާއި، އެކަމުގެ ސަބަބުން ޕާޓީއަށް ލިބޭނީ އިތުރުކުރިއެރުން ކަމުގައި ޑރ.ޑީޑީ ވިދާޅުވިއެވެ.
ޑރ.ޑީޑީ އަދި ވިދާޅުވީ ” ކިތަންމެ ބޮޑު ގޮންޖެހުމެއް، ކިތަންމެ ގިނަ ދަތިތަކެއް ކުރިމަތިވިޔަސް” އެމްޑީޕީގެ ރައީސް ކަމުގައި ދެމިހުންނަވާނޭ ކަމަށާއި، ” އިއްޔެ ވެސް ބްރޭކް ގަޑީގައި، މި (އެމްޑީޕީ) އޮފީހަށް އައިސް މީހުންނާ ވެސް ބައްދަލުކުރިން. އަޅުގަނޑަށް އެޑްރެސްކޮށް، ޕާޓީ އޮފީހަށް ލިބިފައިވާ ސިޓީތަކަށް ޖަވާބު ވެސް އެރުވިން.” ކަމަށެވެ.
ޑރ.ޑީޑީގެ ކެމްޕެއިން ތެރޭގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ޕާޓީ އެކަށީގެންވާ ގޮތުގައި ހިނގަމުން ނުދަނީ އެ ޕާޓީގެ ލީޑަރޝިޕްގައި ތިއްބަވާ ބޭފުޅުން ސަރުކާރުގެ އެހެން މަސްއޫލިއްޔަތުތައް އަދާކުރައްވަމުން، ޕާޓީ ކުރިއެރުވުމަށް ވަގުތު ނުދެއްވޭތީ ކަމަށާއި، އެމްޑީޕީ ވަރުގަދަކުރުމަށް “ލައްކަ ގިނަ މަސަރްކަތްތަކެއް” ކުރަން އެބަހުރި ކަމަށާއި، އެމަސައްކަތްތައް ކުރެއްވޭނީ “ލައްކަ ގިނަ ވަގުތުދެވޭ މީހަކަށް” ކަމަށެވެ. އަދި ޕާޓީގެ ރައީސްގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް، ވަޒީރުކަމަށް އައްޔަންކުރުމުގެ ކުރިން ދުވާލަކު 8 ގަޑިއިރު ، އެމަނިކުފާނު ގެންދެވީ އެމްޑީޕީގެ އޮފީހުގައި ހޭދަކުރައްވަމުންނެވެ.
އިއްޔެ ފިޝަރީޒް މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ވެސް އެމަނިކުފާނު ވަނީ އެމްޑީޕީގެ އޮފީހަށް ވަޑައިގެން އެއްގަޑިއރުވަންދެން އޮފީހުގައި ވަގުތު ހޭދަކުރައްވާފައެވެ.