މެންބަރުންގެ ޚިޔާލު: އިސްލާމް މިނަން ބޭނުން ކޮށްގެން ބައިބައިވުން އުފައްދަން ނޫޅޭށެވެ!!

ފުނަމާ

ދިވެެހީންގެ ހަޔާތުން އަށްސަތޭކަ އަހަރު މަތިވެރިވެގެންވާ އިސްލާމީ ހިދާޔަތުގެ އަލީގައި ހޭދަކޮށްލިއިރު ރާއްޖޭގައި އިސްލާމީ ޔުނިވަރސިޓީއެއް ގާއިމު ނުކުރެވި ވާކަމުގައި މިއަދު ބުނާނަމަ އެކުރެވެނީ ތިމާމެންގެ އަމިއްލަ ނަފްސަށް ކުރެވޭ މަލާމާތެކެވެ. ގޭގޭގެ ބޮޑުއަށީގެ އެއްކޮޅުގައާއި މިސްކިތްތަކުގެ ދާލައިގައިވެސް އަޅުގަނޑުމެންގެ ކާބަފައިން ގެންދިޔައީ އެއިރެއްގެ މިންވަރުން އެއިރެއްގައި ތިބިބައެއްގެ އިލްމީ ގާބިލުކަން ހުރި މިންވަރަކުން އިސްލާމީ ގައުމީ ޔުނިވަރސިޓީ ހިންގަމުންނެވެ. ފަހުން ފަނާއި ގޯނީގެ މަކުތަބުތަކުން ފެށިގެން މިއަދު ފެކަލްޓީތަކަށް އަދި ޔުނިވަރސިޓީފެންވަރަށް ރާއްޖޭގެ ތައުލީމީ ބިނާތައް ކުރިއަރައި އުފުލިފައިވާއިރު މިއަދު އިސްލާމީ ޔުނިވަރސިޓީއެއް ނެތިގެން ހައްދުފަހަނަ އަޅާފައިވާ ބައެއްމީހުން އަކުރެއްގައި ހިފައިގެން ދަމާއަޑު އިވުނީމައި ވަނީ ހަޖުލަކަށެވެ.
ތިރީސްއަހަރުގެ ވެރިކަމެއް ހިތުހުރި ގޮތަށް ކުރާންލިބިފައިއޮތް ދިގު ތާރީޚުގެ ބޭނުން ކޮށްގެން ރާއްޖޭގައި ޔުނިވަރސިޓީ އެއްގެ ނަމާއި އިސްލާމީ ބެންކެއްކެއްގެ ނަން އެއިރުހުރި ވެރިމީހާއަށް ހަމައެކަނި ކިޔާލަން ހަނދާން ހުންނަކަމުގައި ވަނީ ކޮންމެ ރިޔާސީ އިންތިޚާބެއް ކުރިމަތިވުމުން ބޮޑުދޮގެއް ހަދާލުމުގެ ބޭނުމުގައި އެކަނިކަން ތަޖުރިބާއިން އެނގޭން އެބައޮތެވެ. ހަތްދިހައިގެ އަހަރުތަކުގެ ތެރޭގައި އެއިރުގެ ވެރިކަމުގެ ފަރާތުން ރާއްޖޭގެ ވިޔަފާރިތައް ފުޅާކުރުމުގެ ބޭނުމުގައި ގާއިމުކުޅަ ބޭންކު ، ބޭންކުތަކަށް ތިރީސްއަހަރުގެ އެބުނާ ބޮޑު އައްލާމާގެ ވެރިކަމުގައި އިތުރުވެ މުޅިގައުމުގެ އެކިހިސާބަށް ގެންދެވުނުއިރު ، ރިބާގެ މަކަރުވެރި މަޅީގައި އެންމެހައި ދިވެހީން ޖައްސައިގެން އެއުސްތާޒު ހުރީ ރާއްޖޭގައި އިސްލާމިކް ބޭންކެއްގެ ކުލަވެސް ޖައްސައި ނުދީއެވެ. ރިބާ ހަލާލު ކުރުވައިގެންނެވެ. ރާއްޖޭގައި ކޮށާމަށައިގެން ހުވަފެން ދައްކައިގެން ތިރީސްއަހަރު ވީއިރު ނެހެދުނު ގައުމީ ޔުނިވަރސިޓީ މިސަރުކާރު އައިސް ދާދި މަދު ދުވަސްކޮޅެއްގެ ތެރޭގައި އުފައްދައި، އިސްލާމިކް ބޭންކެއް ގާއިމުކުރުމުން އަދިވެސް ތިބެގެން ގޮވަނީ އެއީވެސް އަހަރެމެންގެ އެބުނާ އައްލާމާ ޒައީމު ކުރިކަމެއްކަމުގައެވެ. ބަޔަކު ތަސައްރަފުން ކެނޑިފައި ތިބީމައި މިކަހަލަ ވާހަކަ ދެއްކުމަކީ ވެދާނެ ކަމެކެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ ގާއިމު ކުރެވުނުއިރު ކުއްލިއްޔާ އެޔުނިވަރސިޓީގެ ހިޔާވަހި ކަމުގެ ދަށަށް ގެނައުމާއިމެދު ޑީއާރުޕީގެ މެޖޯރިޓީއޮތް މަޖިލީހުން އެކަންކުރިޔަނުދީ ހިފެހެއްޓީ ކަނޑައެޅިގެން ރާއްޖެއިން އިސްލާމްދީން ފޮހެލުމަށް ކުރީގެ ވެރިމީހާ ރާވާފައިއޮތް ރޭވުން ކާމިޔާބު ކުރުމުގެ މަކަރުވެރި ފިކުރުގައި ތިބެގެން ކަމުގައި ދަންނަވާން ޖެހެއެވެ. ދިވެހީންގެ ހުރިހައި އަސާސެއް ބިނާވާންޖެހެނީ އިސްލާމް ދީނުގެ ތަރަހައިގެ ތެރޭގައި ކަމުގައިވުމަށް ގާނޫނު ލާޒިމުކުރާއިރު ރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީއެއްގެ ގޮތުގައި ކުއްލިއްޔާ ހަމަނުޖެއްސޭނެ އުސޫލީ އެއްވެސް ސަބަބެއް ނޯންނާނެއެވެ. ނަމަވެސް އެކަންކުރާން ބަޔަކު އެއްބަސްނުވީ ވެރިކަން ގެއްލިފައި އޮތުމުން އަނބުރައި ވެރިކަމަށް ފައިނެގުމަށް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްގެން ވަކީން އިސްލާމިކް މިނަން ބޭނުންކޮށްގެން ޔުނިވަރސިޓީއެއް ހަދައި އެތަނުގެ ތެރޭގައި އެބުނާ އައްލާމާގެ ފައިތައް ތަތްކޮށްގެން އޭނާގެ މަޒުހަބު ކުރިއަރުވައި ތޯލިބާނީ ޖަމާއަތެއް ހެދުމުގެ ބޭނުމުގައިކަން މިއަދު މިދަނީ އޮޅުންފިލަމުންނެވެ. ނޫންނަމަ ދައުލަތުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެ ފޫނުބެދި ، ފަގީރުގައުމުތަކަށް ލިބެމުންދިޔަ މާލީއެހީތައް ކެނޑެމުންދާ މިދުވަސްވަރު އަނެއްކާ އިސްލާމިކް ޔުނިވަރސިޓީއެއް ހެދުމުގެ ނަމުގައި ރާއްޖޭގެ ބަޖެޓަށް ބާރުބޮޑުކުރާކަށް ނޫޅުނީހެވެ. ކޮންމެ ކަމެއްގެ ކުރިއަސް އިސްލާމް މިނަން ގެނެސްގެން ރައްޔިތުންނަށް އޮޅުވާލަން ނޫޅޭށެވެ.
ދުނިޔޭގެ ބައެއް ގައުމުތަކުގެ ނަން ކިޔާއިރު އިސްލާމިކް މިނަން ބޭނުން ކުރެއެވެ. އާންމު އުސޫލެއްގެ ގޮތުން ރާއްޖޭގެނަން އެވެރިން ކިޔައި އުޅެނީ ރިޕަބްލިކް އޮފް މޯލްޑިވްސް މިގޮތަށެވެ. ދުނިޔޭގައި މަދުންނޫނީ ނެތް ސައްތައިން ސައްތަ މިގައުމުގެ ނަން އިސްލާމިކް ރިޕަބްލިކް އޮފް މޯލްޑިވްސްގެ ނަމަށް ބަދަލުކުރުމުގެ ޚިޔާލު ނައިސްގެން މިއުޅެނީ ކީއްވެހެއްޔެވެ؟ ބަނގުރަލާއި އޫރުމަހާ އިންޕޯޓުކޮށް ، ކަޓަރުއެޅުމާއި މީހުންމެރުމާއި ވަށްކަން ކުރުމާއި މަގުފޭރުމާ މިނޫންވެސް އިސްލާމްދީނުގައި ހަރާމްކުރެއްވި ހުރިހައި ނުބައިކަމެއް ވޭތުވެދިޔަ ތިރީސް އަހަރުގެ ލާދީނީ ވެރިކަމުގެ ސަބަބުން މިރާއްޖޭގައި އާންމުކުރެވިފައިވާ މިންވަރުން މިއަދު މިގައުމަކީ އިސްލާމީ ގައުމެކޭ ބުނާން ލަދުގަންނަ މިންވަރަށް ކަންކަން ގަސްދުގައި ގެންގޮސްފައި ވާތީހެއްޔެވެ؟ ހަތްވަނަ ދައުރަކަށް ރާއްޖޭގެ ވެރިކަން ހޯދާން ތެޅިބޭލީ އެދައުރު ނިމޭއިރު ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ގޮތުގައި އޮތްއޮތުމަށް ނިމުމެއް ގެނައުމުގެ އެޖެންޑާއެއް ބާއްވައިގެން ކަމުގައި ބުނާނެ ކިތަންމެ ހެއްކެއް އެބުނާ އައްލާމާގެ ވެރިކަމުން ފެންނާން އެބަހުއްޓެވެ. ދީނީ އިލްމުވެރީންނަށް ދެއްކި އަހުވަތައް އެއަނިޔާލިބުނު މީހުން މިއަދު ހަނދާންނެތަސް އަހަރެމެން ލޮލުން ދުށީމެވެ. އަނިޔާދީ މަރާލި އެތަކެއް ޝޭޚުންގެ ނަން އަހަރެމެން ދަންނަމެވެ. މިއަދު އަނެއްކާ ތެދުވެ އިސްލާމިކް ޔުނިވަރސިޓީ ހަދާންވެގެން މިއުޅެނީ ކީއްކުރާންކަން އެބައެނގެއެވެ. ބޭނުމަކީ އިސްލާމީ ނަމެއް ބޭނުންކޮށްގެން އެމުއައްސަސާގެ ތެރޭގައި އަމިއްލަ ބާރު ގަދަކޮށް ގައުމު ފަސާދަކޮށް ބަޖެޓު ދަވާލައި އޭގެސަބަބުން އަނެއްކާވެސް ވެރިކަމަށް އައުމުގެ ރަން ހުވަފެން ފެންނާތީވެ އެކަމަށް ފައިނެގުމެވެ. ރާއްޖޭގެ ގައުމީ ޔުނިވަރސިޓީ އެހެރީ މިސަރުކާރުގެ ސްޕީޑުގައި ގާއިމުކޮށްފައެވެ. އެއީ ސައްތައިން ސައްތަ އިސްލާމީ ދިވެހި ގައުމުގެ އިސްލާމީ ވަހުދަތު ކުރިއަރުވައި ދެމެހެއްޓުމުގެ މަތިވެރި މާތް މަގުސަދުގައި މިގައުމާއި އިސްލާމްދީން ދެކެ ލޯބިވާ މިގައުމުގެ ފަޚާމަތުއްރައީސް މުޙަންމަދު ނަޝީދުގެ ލާމަސީލު ވިސްނުންފުޅުގެ ބައެކެވެ. މިއަދު ރާއްޖޭގައި އެހެރަފެންނަ ރިބާއިން ސަލާމަތްވެ ހިންގަމުން ގެންދާ އިސްލާމިކް ބެންކަކީވެސް އެމަނިކުފާނުންގެ ހިކްމަތު އަމަލީގެ ރީތި މިސާލެކެވެ. އެމަނިކުފާނަށް ދީނީ ކަންކަމުގައި ވާގިވެރިވާން މަގުދައްކާން އެތިއްބެވީ ރާއްޖޭގައި ތިއްބެވި އެންމެ ފުރިހަމަ ދީންވެރީ އިލްމުވެރީންނެވެ. މޮޔަވެ އަބަހައްދަވެފައިހުރި މީހަކު ވާގިވެރިވެގެން އިސްލާމް މިނަން ބޭނުން ކޮށްގެން މިގައުމު ބައިބައި ކުރާން އުޅުނަކަސް އެފުރުސަތެއް ނޯންނާނެއެވެ. އަދި މަކަރުވެރީންގެ ރޭވުން ނޭނގިއެއްވެސް ނޯންނާނެއެވެ.