ރާއްޖޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ ކުޅިވަރު މުބާރާތްތައް ބޭއްވޭނެފަދަ ކުޅިވަރުގެ ވަސީލަތްތައް ޤާއިމް ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި

cabinet1

ރާއްޖޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ ކުޅިވަރު މުބާރާތްތައް ބޭއްވޭނެފަދަ ކުޅިވަރުގެ ވަސީލަތްތައް ޤާއިމް ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިކަމާ ބެހޭގޮތުން މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް އިން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް އިއްޔެގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

މިކަމާ ގުޅޭގޮތުން މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ސާފް ގޭމްސްއާއި، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއާއި، އެކިއެކި އިންވިޓޭޝަނަލް ގޭމްސް ރާއްޖޭގައި ބޭއްވުމުގެ މަގުފަހިކުރުމަކީ، ވަރަށް މުހިންމު ކަމެއްކަމާއި، އެތްލެޓިކްސްއާއި ފެތުމަށް ރާއްޖޭގައި އެކަށީގެންވާ ވަސީލަތްތަކެއް ޤާއިމް ކުރެވިއްޖެނަމަ، މިދެންނެވިފަދަ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ އެކިއެކި މުބާރާތްތައް ރާއްޖޭގައި ބޭއްވިދާނެކަން ފާހަގަކުރެއްވިއެވެ.

އިއްޔެގެ ޖަލްސާގައި، ސާކް ޤައުމުތަކުގެ މެދުގައި އިމިގްރޭޝަން އޮތޯރިޓީޒް ޖަމްޢިއްޔާއެއް އުފެއްދެވުމަށްވެސް ނިންމެވިއެވެ. މި ޖަމްޢިއްޔާއަކީ، ސާކް ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި މަޢްލޫމާތާއި އިންޓެލިޖަންސް ޙިއްޞާކޮށް، އިމިގްރޭޝަން މެނޭޖްމަންޓް ހަރުދަނާ ކުރުމާއި، ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، އިމިގްރޭޝަންގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ހުނަރު އިތުރުކުރުމަށްޓަކައި، ސާކް ޤައުމުތަކުގެ އިމިގްރޭޝަންގެ މެދުގައި އުފައްދާ ޖަމްޢިއްޔާއެކެވެ.

ސާކް ހިމެނޭ ޤައުމުތަކުގެ ތެރެއިން އިމިގްރޭޝަން މެނޭޖްމަންޓުން ކުރިއެރުން ހޯދާފައިވާ ޤައުމުތަކުގެ އެހީގައި ރާއްޖޭގެ އިމިގްރޭޝަން މުވައްޒަފުން ތަމްރީނުކޮށް، އިމިގްރޭޝަންގެ ހިންގުން ހަރުދަނާ ކުރުމަށް، މިކަމުން މަގުފަހިވެގެންދާނެކަން މެންބަރުން ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިކުރުވާފާނެ ކަމަށް ޝައްކު ކުރެވޭ ފަރާތްތަކުގެ މަޢްލޫމާތު، ފަސޭހަކަމާއެކު ލިބޭނެ ނިޒާމެއް ޤާއިމް ކުރުމުގެ މަގުވެސް މިކަމުން ފަހިވެގެންދާނެ ކަމަށް މެންބަރުން ވިދާޅުވިއެވެ.