26 މެއި 2010
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާ ޤައުމީ އިއްތިހާދު ޕާޓީއާ ދެމެދު ވެފައިވާ ހުރިހާ އެއްބަސްވުންތަކެއް އުވާލުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުން ނިންމައިފިއެވެ. އެމަޖިލީހުން މިގޮތަށް ނިންމީ މިއަދު ހަވީރު ބޭއްވި އެމަޖިލީހުގެ 78 ވަނަ ޖަލްސާއިން ފާސްކުރި ޤަރާރަކުންނެވެ.
މިއަދު ބޭއްވި ޤައުމީ މަޖިލީހުގެ ޖަލްސާއަށް އެ މަޖިލީހުގެ މެންބަރު އަސްލަމް ޝާކިރު ހުށަހެޅުއްވި މިޤަރާރުގައި ޤައުމީ އިއްތިހާދު ޕާޓީއަށް ނިޞްބަތްވާތީވެ، އެކިއެކި ފަރާތްތަކަށް ދީފައިވާ ސަރުކާރުގެ ސިޔާސީ މަޤާމުތަކުން ޤައުމީ އިއްތިހާދު ޕާޓީއަށް ނިސްބަތްވާ ފަރާތްތައް ވަކިކުރުމަށް ވެސް އެމްޑީޕީގެ ޤައުމީ މަޖިލީހަށް ފެންނަކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވުމަށް އެމަޖިލީހުގެ އިއްތިފާޤުން ވަނީ ފާސްކޮށްފައެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން މިގޮތަށް ފާސްކުރީ އެމްޑީޕީން ރިޔާސީ އިންތިޚާބުގައި އެކިއެކި ޕާޓީތަކާ އިއްތިހާދުވީ، ރާއްޖޭގެ ރައްޔިތުންނަށް ހެޔޮވެރިކަމެއް ފޯރުކޮށްދޭން ކަމަށްވީހިނދު، އެ އިއްތިހާދުގައި ހިމެނޭ ޤައުމީ އިއްތިހާދު ޕާޓީގެ ލީޑަރު ޑރ. މުހައްމަދު ވަހީދު ޙަސަން މަނިކުގެ ފަރާތުން، ހެޔޮވެރިކަމަކަށް ބޭނުންވާ އެއްބާރުލުމާ އެހީތެރިކަން، އެމްޑީޕީއަށް ނުލިބޭކަމަށް ޤައުމީ މަޖިލިހަށް ޤަބޫލުކުރެވުމާ ގުޅިގެން ކަމަށް އެމަޖިލީހުން މިއަދު ފާސްކުރި ޤަރާރުގައިވެއެވެ.
އެއްވެސް އެއްބަސްވުމަކީ ހަމައެކަނި އެ އެއްބަސްވުމުގައި ޝާމިލްވާ އެއްފަރާތުން އިޙްތިރާމްކޮށްގެން ދެމިއޮންނަންޖެހޭ އެއްބަސްވުމެއް ނޫންކަމަށް ޤައުމީ މަޖިލީހަށް ޤަބޫލުކުރެވޭ ކަމަށް ބަޔާންކޮށް އެމްޑީޕީގެ ޤައުމީ މަޖިލީހުން މިއަދު ފާސްކުރި ޤަރާރުގައިވާ ގޮތުން “ޤައުމީ އިއްތިހާދު ޕާޓީގެ ލީޑަރު ޑރ. މުހައްމަދު ވަހީދު ޙަސަން މަނިކު މިޕާޓީއަށް އެއްބާރުލުން ނުދެއްވައި، ސަރުކާރު ހިންގުމަށް ދަތިވާ ގޮތަށް ފާޅުގައި ޢަމަލުފުޅުތައް ބަހައްޓަވައި، މީޑިއާގައި ދޮގުވާހަކަތައް ފަތުރުއްވަވައި، މިޕާޓީގެ އަގުވައްޓާލުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ގެންދިއުމަކީ، ގައުމީ އިއްތިހާދު ޕާޓީއާއި މިޕާޓީއާ ދެމެދު ވެފައިވާ އެއްބަސްވުން، ގައުމީ އިއްތިހާދު ޕާޓީން އުވާލުން ކަމަށް އެމްޑީޕީގެ ޤައުމީ މަޖިލީހަށް ޤަބޫލުކުރެވޭ” ކަމުގައެވެ. އެހެންކަމުން މިޤަރާރުގައި އެމްޑީޕީގެ ޤައުމީ މަޖިލިސް އިޤްރާރުވެފައިވަނީ ” ޤައުމީ އިއްތިހާދު ޕާޓީއާ އެމްޑީޕީއާ ދެމެދު ވެފައިވާ ހުރިހާ އެއްބަސްވުންތަކެއް އުވާލައި، ޤައުމީ އިއްތިހާދު ޕާޓީއަށް ނިޞްބަތްވާތީވެ، އެކިއެކި ފަރާތްތަކަށް ދީފައިވާ ސަރުކާރުގެ ސިޔާސީ މަޤާމުތަކުން އެފަރާތްތައް ވަކިކުރުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހަށް ފެންނަކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވުމަށެވެ.
ހަވީރު 4.30 ން ފެށިގެން ދިގު ބަހުސްތަކަކާއެކު 2 ގަޑި އިރަށް ދެމިގެންދިޔަ މިޖަލްސާގައި ވަނީ އެމްޑީޕީގެ ޗެކުތަކުގައި ސޮއިކުރާނީ ޕާޓީގެ ޚަޒާންދާރާއި، އަމީންއާންމާއި އަމީން އާންމުގެ ނައިބު ކަމުގައި ފާސްކޮށްފައެވެ