އެމްޑީޕީގެ އާންމު ޖަލްސާއެއް އެޕާޓީގެ ހަރުގޭގައި ބާއްވައިފި

26 މެއި 2010

haruge-600-x-450

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ އާންމު ޖަލްސާއެއް މިރޭ އެޕާޓީގެ ހަރުގޭގައި ބާއްވައިފިއެވެ. މިރޭ ބޭއްވި ޖަލްސާއަކީ ކޮންމެ ހޯމަދުވަހެއްގެރޭ އެޕާޓީން ބާއްވަމުން އަންނަ އާންމު ޖަލްސާ ރޭ ބޭއްވިފައި ނުވާތީ އެޖަލްސާގެ ބަދަލުގައި ބޭއްވި ޖަލްސާ އެކެވެ.
މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރު ހަސަން އަފީފާއި، ޚާރިޖީ ވަޒީރު ޑރ.އަޙުމަދު ޝަހީދާއި، އެވުޒާރާގެ ސްޓޭޓް މިނިސްޓަރ އަހުމަދު ނަސީމްގެ އިތުރުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން ވާހަކަފުޅު ދެއްކެވިއެވެ.
މި ޖަލްސާގައި ޑރ.ޝަހީދު ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ރާއްޖެ ހޯދަމުންދާ ކާމިޔާބީތަކާ ބެހޭގޮތުން ވަރަށް ތަފްޞީލުކޮށް ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ގުއަންޓަނާމޯބޭ ޖަލުން މުސްލިމު އަޚަކު ގެނައުމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރައްވާ މަސައްކަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އަދި އެފަރާތްތަކުން ސަރުކާރު ބަދުނާމްވާގޮތަށް ވާހަކަދައްކަވަނީ ޑޯނާރސް ކޮންފަރެންސްއާ އދ. ގައި ރާއްޖެ ހޯދަމުންދާ ކާމިޔާބީތަކުގެ ސަބަބުން އެކަމާ ހަސަދަވެރިވެގެން ކަމުގައި ވިދާޅުވިއެވެ.
މިރޭ މިބޭއްވި ޖަލްސާގައި އެމްޑީޕި ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ރައީސް އަދި އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި ލާމެހިފައިވާ ދުނިޔެއެއްގައި އެއްގައުމު އަނެއްގައުމަށް އެހީތެރިވުމުގެ މުހިންމު ކަމާ ބެހޭ ގޮތުން ވާހަކަފުޅުދެއްކެވިއެވެ. އަދި އެގްރޫޕްގެ ވިޕް ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްގެ ވާހަކަފުޅުގައި ދާދި ފަހުން އެމްޑީޕީއަށް ލިބުނު ޑިމޮކްރަސީ އަދި ހިއުމަންރައިޓްސް އެވޯޑޭއް ކަމަށްވާ ސުޖޫރު ލިންޑާ ބްރޭކެކެ އެވޯޑާ ހަވާލުވުމަށް އިލްޔާސް ލަބީބް އާއި ޕާޓީގެ ވަގުތީ ރައީސް އިބްރާހީމް ހުސައިން ޒަކީ ނޯރވޭ އަށް ކުރެއްވި ދަތުރުފުޅާ ބެހޭ ގޮތުން ވާހަކަފުޅު ދެއްކެވިއެވެ.
މިރޭގެ ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ ވިދާޅުވީ ޔޫރަޕްގެ މެދުގައި ގާއިމްކުރެވިފައިވާ އިސްލާމީ ގައުމެއް ކަމުގައިވާ ކޮސޯވޯގެ މިނިވަންކަން ގަބޫލުކުރި އެންމެ ފުރަތަމަ އިސްލާމީ ގައުމަކީ ރާއްޖެކަމަށާއި އެކަމަށްޓަކައި ކޮސޯވޯގެ ވެރިން ރާއްޖޭގެ ސަރުކާރަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމުގައި ވިދާޅުވިއެވެ.
މި ޖަލްސާގައި ތ.ވަންދޫ ޑީއާރުޕީ ގޮފީގެ ރައީސް އާއި ހއ. މުރައިދޫ ޑީއާރުޕީ ގޮފީގެ ނައިބު ރައީސް އެމްޑީޕީއަށް ސޮއިކުރުން ވެސް އޮތެވެ.