ލާމު އަތޮޅުގައި އެމްޑީޕީގެ އިދާރީ އޮފީސް ގާއިމްކުރުމާއި ބެހޭ ގޮތުން ގަމުގައި ދެ ބައްދަލުވުމެއް ބާއްވައިފި

އިބްރާހީމް ރާމިޒް

ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެމްޑީޕީގެ ރަސްމީ އިދާރީ އޮފީސް ގާއިމްކުރުމުގެ މަސައްކަތުގެ ދަށުން ލާމު އަތޮޅުގައި އެމްޑީޕީގެ އިދާރީ އޮފީސްތައް ގާއިމްކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އެއަތޮޅު ގަމުގައި ދެ ބައްދަލުވުމެއް ބާއްވައިފިއެވެ.
ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު ބޭއްވި މި ދެ ބައްދަލުވުމުގެ ތެރެއިން ފުރަތަމަ ބައްދަލުވުމުގައި ގާދޫ ފިޔަވައި އެއަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކުން އެމްޑީޕީގެ މަންދޫބުން ބައިވެރިވެ، އެ ރަށްތަކުގައި އެމްޑީޕީގެ އިދާރީ އޮފީސް ގާއިމްކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނޭ ގޮތަކާއި ބެހޭ ގޮތުން މަޝްވަރާ ބަދަލުކުރިއެވެ.
އާދީއްތަ ދުވަހުގެ ބައްދަލުވުން އަމާޒުކޮށްފައިވަނީ ހަމައެކަނި ގަމު ދާއިރާ އަށެވެ. މި ބައްދަލުވުމުގައި ގަމު އެމްޑީޕީ އިދާރީ އޮފީސް ގާއިމްކުރާ ތަނެއްގެ ގޮތުގައި މެދު ދެކުނު ސަރަހައްދުގެ ސްޓޭޓް ސެކްރެޓަރީގެ ނައިބު، ޙުސައިން އުމަރުގެ ގެ ހަމަޖެއްސައި، އެ ގޭގައި މި އިދާރާ ގާއިމްކުރުމުގެ އެންމެހާ ތައްޔާރީތައް ކުރުމަށް ނިންމިއެވެ.
އެމްޑީޕީގެ ގަމު އިދާރީ އޮފީސް ހިންގުމަށް 2013 އިގެ ނިޔަލަށް, ޙުސައިން އަމްރު، މި ގެ ދެއްވާފައިވަނީ އެއްވެސް ކުއްޔަކާ ނުލައި ކަމަށް ގަމުން މަޢުލޫމާތުދެއެވެ.