ރައީސުލްޖުމްހޫރިއްޔާ އެމެރިކާ ސަފީރާ މިއަދު ބައްދަލުކުރައްވައިފި

25 މެއި 2010

hep-meets-us-ambassador

އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިޒް ޕެޓްރީޝިއާ އޭ. ބުޓެނިސް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކޮށްލެއްވުމުގައި، ރާއްޖެއާއި އެމެރިކާއާ ދެޤައުމުގެ ދެމެދުގައިވާ ގާތް ގުޅުމާބެހޭގޮތުންނާއި، އެގުޅުން މިހާރަށްވުރެ ބަދަހިކުރެއްވޭނެ ގޮތްތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޕެޓްރީޝިއާ އޭ ބުޓެނިސް ވަނީ އިއްޔެ، ހޮލިޑޭ އިން ގައި ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ޕާޓީތަކާއި މިނިވަން ކެންޑިޑޭޓުން ހިމެނޭ ގޮތުން ބައެއް މެމްބަރުންނަށް ޚާއްޞަ މެންދުރުގެ ފަރިއްކޮޅެއް ވެސް ދެއްވާފައެވެ.
މިފަރިއްކޮޅުގައި އިދިކޮޅު ޑިއާރުޕީގެ ފަރާތުން ވިލިމާފަންނު ދާއިރާގެ މެންބަރު ނިހާންއާއި، މިނިވަން މެންބަރުންގެ ތެރެއިން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ނަޝީދުގެ އިތުރުން ޖުމްހޫރީޕާޓީގެ ގާސިމް އިބްރާހިމާއި، އެމްޑީޕީގެ ފަރާތުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއާއި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލްޣަފޫރުމޫސާއާއި، ގައުމީ ޕާޓީގެ ރިޔާޒް ރަޝީދު ބައިވެރިވަޑައިގަތެވެ.