25 މެއި 2010
ގުއަންޓަނާމޯބޭ ޖަލުގެ ބައެއް ޤައިދީން ރާއްޖެ ގެނައުމަށް ދިވެހިރާއްޖޭގެ ސަރުކާރާއި އެމެރިކާގެ ސަރުކާރާއި ދެމެދު އެއްބަސްވުންތަކެއް އެއްބަސްވެފައިވާކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ، މިކަމުގެ ޙަޤީޤަތަކީ ކޮބައިކަން ބަލައިދެއްވުމަށް ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމަށްޓަކައި ޤައުމީ ސަލާމަތުގެ ކޮމިޓީން ބޭއްވި ދެވަނަ ބައްދަލުވުން އިއްޔެ ބާއްވައިފިއެވެ.
އިއްޔެގެ ބައްދަލުވުމަށް މިމައްސަލައާ ގުޅޭގޮތުން ކޮމިޓީއިން އޮޅުންފިލުވަން ބޭނުންފުޅުވާ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ޚާރިޖީ ވަޒީރު ޑރ.އަޙްމަދު ޝަހީދުއާއި، އެވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް އަޙްމަދު ނަސީމްއާއި އެޑިޝަނަލް ސެކެރެޓަރީގެ ނައިބު އަލްފާޟިލާ އައިޝަތު ލިޔުޝާ ޒާހިރު އަދި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ކޮންޓްރޯލަރ އިލްޔާސް ޙުސައިން އިބްރާހީމް ކޮމެޓީއަށް ހާޒިރުވުމަށް ދަންނަވާފައިވަނިކޮށް މިކޮމެޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގަތުމަށް އެބޭފުޅުންވަނީ އުޒުރުވެވަޑައިގެންފައެވެ. މިބޭފުޅުން މަޖިލީހަށް އަންގަވާފައިވަނީ މަޖިލީހުގެ ގަވައިދުގެ 5، 109 އަދި 121 ވަނަ މާއްދާތަކަށް ރިއާޔަތްކުރާއިރު މަޖިލީހުގެ ކޮމެޓީތަކަށް މީހުން ހާޒިރުވާން އަންގާ ލިޔުމުގައި މަޖިލީހުގެ ރައީސް ސޮއިކުރެއްވުމަށް ބަޔާންކުރައްވާފައިވާހިނދު، ހަވާލާދީފައިވާ ސިޓީތަކުގައި ސޮއިކުރައްވާފައިވަނީ ލީގަލް ކައުންސެލް އަލްއުސްތާޛާ ފާތިމަތު ނިއުޝާ ކަމުގައެވެ.
އެހެންކަމުން އިއްޔެ ބޭއްވުނު ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 132 ވަނަ މާއްދާގެ (ކ)ގެ ދަށުން އެބޭފުޅުން ކޮމެޓީއަށް ޚާޒިރުކުރެއްވުމަށް އަމުރެއް ކުރެއްވުމަށް ވޯޓަށް އައްސަވައި ކޮމެޓީއަށް ޚާޒިރުވެވަޑައިގެން މެންބަރުންގެ އިއްތިފާގުން ފާސްކުރެއްވިއެވެ. އެހެންކަމުން 25 މެއި 2010 ގައި ބޭއްވުމަށް ހަމަޖައްސަވާފައިވާ މިކޮމެޓީގެ ބައްދަލުވުމަށް އަލުން މިބޭފުޅުން ވަޑައިގެން ދެއްވުމަށްވަނީ ކޮމެޓީގެ ފަރާތުން އަންގަވާފައެވެ.
ޤައުމީ ސަލާމަތާބެހޭ ކޮމިޓީގެ މުޤައްރިރު މުލަކު ދާއިރާގެ މެމްބަރު ޢަބްދުﷲ ޔާމީން ރިޔާސަތު ބެލެހެއްޓެވި މިބައްދަލުވުމަށް މިކޮމެޓީގެ 7 މެމްބަރުން ހާޒިރުވެވަޑައިގެންނެވިއެވެ. އެއީ ޚާރިޖީ ވުޒާރާއިން ވަގަށް ނަގާފައިވާ ކަމަށް ޑރ.ޝަހީދު ވިދާޅުވާ ލިޔެކިޔުންތައް މި ކޮމިޓީއަށް ހުށަހަޅުއްވާފައިވާ ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދުއާއި ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު އާއި ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައީމާއި މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙަންމަދުއާއި މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޠާރިޤްއާއި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ އަދި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާއެވެ.