ޚާރިޖީ ވުޒާރާގައި ހުރި ސަރުކާރުގެ ލިޔުންތަކެއް ވަގަށް ނެގި މައްސަލަ ފުލުސް އޮފީހަށް ހުށަހަޅައިފި

25 މެއި 2010

dr_shaheed

ގުއަންޓަނާމޯބޭ ޖަލުން ރާއްޖެއަށް ގެންނަ މީހުންނާބެހޭ ސަރުކާރުގެ ސިއްރު ލިޔުންތަކެއް ވަގަންނަގައި ބަހަމުންގެންދާތީ، މިމައްސަލަ ބަލައިދިނުމަށް އެދި ޚާރިޖީ ވުޒާރާއިން ފުލުސްއޮފީހަށް ހުށަހަޅައިފިއެވެ.
އިއްޔެ ފޮރިންމިނިސްޓްރީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ޑރ.އަހުމަދު ޝަހީދު ވިދާޅުވީ، ވަގަށް ނަގާފައިވާ ދެ ލިޔުމަކީ، ގުއަންޓަނާމޯބޭ ޖަލުގައިހުރި ގައިދީއަކު ރާއްޖެ ގެނައުމާއިގުޅޭގޮތުން އެމެރިކާ ސަރުކާރުން ފޮނުވުމަށްފަހު އަލުން އަނބުރާ ގެންގޮސްފައިވާ ނޯޓަކާއި، ޚާރިޖީ ވުޒާރާއިން ބަންޑާރަނާއިބްގެ އޮފީހަށް މިކަމާއިގުޅޭ ލަފާފުޅެއް ހޯއްދެވުމަށް ފޮނުވާފައިވާ ސިޓީއެއް ކަމަށެވެ.
އަދި މި ލިޔެކިޔުންތައް ވަގަށްނަގާފައިވާކަން އެބޭފުޅުންނަށް އެނގިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ގައުމީސަލާމަތާބެހޭ ކޮމިޓީން މެމްބަރުންނަށް ފޮނުވާފައި ހުރި ލިޔުންތަކުންކަމަށާއި، އެވުޒާރާއިން ބަންޑާރަނައިބަށް ފޮނުވިސިޓީއަކާއި، އަދި އެމެރިކާ ސަރުކާރުން ދިވެހިސަރުކާރަށް ފޮނުވުމަށްފަހު އަނބުރާ ގެންގޮސްފައިވާ ނޯޓެއް ބޭރުތެރޭ ބަހަމުންދާތީކަމަށް ޝަހީދުވިދާޅުވިއެވެ.
ޚާރިޖީވަޒީރު ވިދާޅުވީ ވަގަށް ނަގާފައިވާ ލިޔުންތަކަށް އުނިއިތުރު އައިސްފައިވާކަމަށް ގަބޫލު ފުޅުކުރައްވާކަމަށާއި، މިމައްސަލާގައި ރައްޔިތުން އެހާބޮޑު ހާސްކަމެއްގެ ތެރޭގައި އުޅޭސަބަބަކީ، މިލޔުންތައް އަރަން ނުވާ ބައެއްގެ އަތްމައްޗަށް އަރައި ތަފާތު ގޮތްގޮތަށް އެޚަބަރު އާންމުކުރެވެމުންދާތީ ކަމަށް ވެސް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. އަދި މީގެ ސަބަބުން، މިކަމާގުޅޭގޮތުން ވާހަކަދައްކަމުންދިޔަ އެކުވެރި ބައެއް ދައުލަތްތަކަށްވެސް ކޮންމެވެސްކަހަލަ އަސަރެއް ކުރާނެކަމަށް ދެކިވަޑައިގަންނަވާކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
ޑރ.ޝަހީދު ވިދާޅުވީ ފުލުސް އޮފީހުގައި އެދިވަޑައިގެންފައިވަނީ އެލިޔެކިޔުންތައް ވަގަންނެގީކާކުތޯއާއި، ލިޔުންތައް ބަހަމުންދަނީ ކިހިނެއްތޯ ބަލައިދިނުމަށް ކަމަށެވެ.
ޚާރިޖީ ވުޒާރާއިން ވަގަށް ނަގާފައިވާ ކަމަށް ޑރ.ޝަހީދު ވިދާޅުވާ ލިޔެކިޔުންތައް މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅުއްވާފައިވަނީ ޑީއާރުޕީގެ ނައިބު ޒައީމް، އަދި އއ.ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު އެވެ.